"ހަޔާތަށް ރަގަޅު މީހުން އައުން ހިތުގެ ވިންދުހާ މުހިއްމެވެ. ނުފެނުނު ކަމުގައި ވިޔަސް ދިރިހުރުމަށް އެހީތެރިވެދެއެވެ."

***

ޑޮކްޓަރުން އަލްވާގެ އަތުގައި ހިފާ ދަމައިގަތުމުން އަލްވާއަށް ރޮއިގަނެވުނެވެ." ނާކިއާއަށް ތިއީ ކޮންކަހަލަ މީހެއްކަން އެނގޭތަ؟"

އަލްވާ ނާކިއާގެ ނަން ކިޔާ ރޮއިގަތީ އޭނަގެ ސަލާމަތްވުމުގެ އެންމެ ފަހުގެ އުއްމީދުކަމުގައި ވާތީއެވެ.

ކުއްލިއަކަށް ސުފިޔާންގެ މޫނުގެ ކުލަ ބަދަލުވިކަން ފާހަގަވިއެވެ.

"ތިބުނީ ކީކޭ؟" ބިރުގަންނަހާ މަޑުމައިތިރި އަޑަކުން ސުފިޔާން ސުވާލުކުރީ އަޑުއިވުނު ޖުމްލައާއިމެދު ޔަގީންވެސް ނުވެފައެވެ.

"ނާކިއާ...ސުފިޔާންގެ އަންހެނުން. އޭނަ އިންތިޒާރުގައި އެބަހުރި.."އަލްވާ ރޮމުން އެހެން ބުނެލިއިރު މުޅި ހަށިގަނޑުވެސް ރޫރޫ އަޅަމުން ދިޔައެވެ.

ސުފިޔާން އެހެން ޑޮކްޓަރުންނަށް ނަޒަރު ހިންގައިލިއެވެ."މިތަނުން ދޭ.." ސުފިޔާންގެ އަމުރަށް ޑޮކްޓަރުން ވަގުތުން އެތަން ދޫކޮށް ދިޔަނަމަވެސް އަލްވާ ފިލައިގެން ހިނގައިދާނެކަމުގެ ބިރުން އަތުގައި ބިޑި އެޅުވިއެވެ. ސުފިޔާން ޓައީއަށް ދޫކޮށްލާފައި ކަނދުރާގެ ވާންކަން ކަނޑުވައިލަން އެކިގޮތްގޮތަށް ހަރަކާތްކޮށްފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތުކޮޅު އެމޫނުމަތިން ބަދަލުހިފުމާއީ ޝައިތާނީއެއްވެސް ކުލަވަރެއް ނެތެވެ. އޭގެ ބަދަލުގައި ފެންނާން ހުރީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. ސުފިޔާންގެ މޫނަށް ވެރިވި ކުލަތަކުން އުއްމީދެއް ލިބުމާއެކު އަވަސްއަވަހަށް އޭނަ ބޭނުންވާހަކަތައް ސުފިޔާންއަށް އިއްވަން އުޅުނެވެ." ތިއީ ނާކިއާއަށް ވަރަށް ހެޔޮ ފިރިއެއްނު. ނާކިއާ ދެކުނުގޮތުގައި ތިހާ އަޅާލާ ފިރިއެއް މީހަކަށް ނުލިބޭނެ. މިއީ އެ ސުފިޔާންއެއްނޫން. ބައްޕަގެ ފިޔަވަޅުމަތީގައި ހިނގާކަށް ނުޖެހޭނެ. ނާކިއާ އިންތިޒާރުގައި އެބަހުރި.."

އަލްވާ ގެ ދޫކޮށްދާން ނިންމުމަށްފަހު އެންމެ ގާތް އެކުވެރިޔާ މެހެކްއަށް ޒިޔާރަތްކުރިއެވެ. ވަދާއުގެ ސަލާމްނުކޮށް ދިޔުމުން އޭނައަށް އުމުރު ދުވަހު މާފުނުކުރާނެ މީހެއް ހުރިއްޔާ އެމީހަކީ މެހެކްއެވެ. އެދެމީހުންގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ސަބަބުން އަލްވާ މެހެކްއަށް ވަދާއީ ސަލާމްކުރަން ދިޔައީއެވެ. މެހެކްއަށް އަލްވާ ފެނުމުން ފަހަރެއްގައިވެސް ބުރަކަށީގައި އަޅުވާފައި ހުރި ބޮޑު ދަބަސް ފާހަގައެއްނުވިއެވެ. އަދި އަލްވާ އައީ ސަލާމްކުރަންކަމެއްވެސް ނޭގުނެވެ. އަދި ފަތިސް ނަމާދަށް ހޭލަން މެހެކްއަށްވެސް އާދަވެފައިވާތީ ގަޑީގެ ގޮތުންވެސް ޝައްކެއް ނުއުފެދުނެވެ. އަލްވާ ފެނުމާއެކު މެހެކް އެންމެ ކުރިން ބުނީ އަލްވާ ސުފިޔާންއާއި ކައިވެނި ނުކުރެވޭނެކަމުގައެވެ. އެންމެ ކުރިން އަލްވާ ހީކުރީ މެހެކް ސުފިޔާންއާއި ރުހޭވަރުން ނުހުރެވިގެން ހިތުގައިވާ އެއްޗެއް ހާމަކުރީކަމުގައެވެ.

"އަލްވާއަކަށް ސުފިޔާންއާއި މެރީ ނުކުރެވޭނެ. އެހެންވެގެން ނުވާނެ. އެއީ ވާނެކަމެއްނޫން..."މެހެކްގެ އަޑުގައި އަވަސްކަމެއްވިއެވެ." ނާކިއާ އޭނަގެ ފިރިމީހާގެ ވާހަކަ ބުނި ހަނދާން ހުންނާނެ. އޭނަ ފިރިމީހާދެކެ ލޯބިވާވަރާއި ދަރިއަކު ނުލިބިގެން އެދެމީހުން ދުރުވި ވާހަކަ އެހެންވެ ފިރިމީހާއަށްޓަކާ ނާކިއާ ދުރަށް އައީ.. އެ ފިރިމީހާއަކީ ސުފިޔާން. ނޫން ސާމީ. އޭނަގެ ނަމަކީ ސާމީ..އަލްވާ. ސުފިޔާން އަލްވާމެންގެއަށް އައި ދުވަހު ނާކިއާއަށް އޭނަ ފެނުނީ. އެއީ ސަޔާރާގެ ބައްޕަ........"

ލިބުނު ޝޮކެއްގެ ބޮޑުކަމުން ބަސްހުސްވެފައި ހުއްޓާ މެހެކްގެ މަންމަ އަންނަތަން ފެނި އަލްވާ ދާން ހިނގައިގަތެވެ. އަލްވާއަށް މެހެކް ގޮވިއެވެ. އަލްވާ އަައީ ކީއްކުރަންހެއްޔޭ ކިޔާ ސުވާލުކުރިއެވެ. އެކަމަކު އޭރު އަލްވާ ލޯމަތިން ގެއްލިއްޖެއެވެ.

އަލްވާގެ ދިރިއުޅުމުގެ ވާފަށް ކެނޑިގެންދާއިރު ސުފިޔާންގެ ޚިޔާލު ބަދަލުވާންއޮތް ހަމައެކަނި ފުރުސަތަކީ އެއީއެވެ.

"ކިހިނެއް؟ އޭނަ ކޮބައިތަ؟" ސުފިޔާން އޭނަގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލިއެވެ. ނާކިއާގެ ނަން އިވުމުން ސުފިޔާންގެ މޮޔަ ބައްޔަށް ފަރުވާ ލިބުނީކަން ނޭގެއެވެ. އެލޮލުން ފެންނާން ހުރީ ކަންބޮޑުވުންހެއްޔެވެ؟ އަލްވާއަކަށް އެކަން ޔަގީނެއްނުވިއެވެ.

"ނާކިއާ އަށް ލިބުނީ އަންހެންކުއްޖެއް. ސުފިޔާންގެ ދަރިފުޅު. ކޮންމެހެންވެސް އެކުއްޖާދެކެން ދާންވާނެ. ވަރަށް ރީތި ކުއްޖެއް. އަހަރެން އެތަނަށް ގެންގޮސްދީފާނަން...." އަލްވާ ގަދަކަމުން ހިނިތުންވެލީ ހުރިހާކަމެއް ރަގަޅަށްދާކަން އަންގަންވެގެންނެވެ. އަލްވާ ހުރީ ބޭގަރާރުވެފައެވެ. ސުފިޔާން އަވަސްއަވަހަށް އެސްފިޔަ ޖަހާލާފައި ބޯ އަރިކޮށްލިއެވެ."އެކަމަކު ޑޮކްޓަރ ބުނީ..........."

"ޑޮކްޓަރ ނުބައިކޮށް ޑައިގްނޯސްކުރީ. ކީކޭތަ ބުނީ؟ އޯވަލް....ނޫން އޯވަރީ ކެންސަރޭ..އެކަމަކު ހަގީގަތުގައި އެހުރިހާ އިރެއްގައި ބަލިކަމަށް ހީކުރިއިރު އޭނަ އިނީ ބަލިވެ. އެއީ ރަހުމަތެއް. ﷲ ދަރިއެއްގެ ނިއުމަތް ދެއްވީ. މި ދިރިއުޅުން ދޫކޮށް އާއިލާއަށް އެނބުރި ދޭ. އަދި ލަހެއްނުވޭ.........." އުފާވެރިކަމާއި ޖޯޝް އަޑަށް ގެނައީވެސް ގަދަކަމުންނެވެ." ސުފިޔާން ކުއްޖެއް ބޭނުންވެގެން އުޅުނީމެއްނު. ﷲ ދުއާ އިޖާބަކުރައްވައިފި. ތިއީ ރަގަޅު އިންސާނެއް ސުފިޔާން. ހިނގާ ދަމާ. އަހަރެމެން ދެމީހުން އެކީގައި ގޮސް ނާކިއާއާއި ބައްދަލުުކުރާނީ. ނާކިއާ ވަރަށް އުފާވާނެ.."

ސުފިޔާން ހޭންފެށިއެވެ. ރަހުމްކުޑަގޮތަކަށެވެ.

"އަހަރެން އެހާވަރުން ދަރިއެއް ބޭނުންވެގެން އުޅުނު ސަބަބު އެނގޭތަ؟" ސުފިޔާން ބުމަ އަރުވައިލަމުން ކުއްލިއަކަށް ހިނިތުންވެލީ އުފާވެރިގޮތަކަށެވެ." ނާކިއާގެ ކަޅުކުލައިގެ ލޯ ހުރުމުން ދަރިފުޅުގެ ލޮލުގައި ކަޅުކުލަ ހުރުމުގެ ފުރުސަތު ބޮޑުވީމަ..."

"ކީކޭ؟ ތިބުނި އެއްޗެއްގެ މާނައަކީ ކޮބައިތަ؟"

"އޭގެ މާނައަކީ އަހަރެން އެހާވަރުން އުއްމީދުކުރީ ތަހުލީލުކުރަން އިތުރު ކުއްޖަކަށޭ...."ސުފިޔާންގެ އަޑު ގަނޑުފެންފަދައެވެ. އެއްވެސް ޝުއޫރެއް ނެތެވެ. ސުފިޔާންގެ މޫނުގެ ކުލަވަރު ތަރުޖަމާކުރެވުނީ ނުބައިކޮށެވެ. އެއީ އަނބިމީހާއަށްޓަކާ ދެރަވެ ނޫނީ ކަންބޮޑުވުމުގެ ކުލަވަރެއްނޫނެވެ.

"ނާކިއާގެ އާއިލާއެއް މިދުނިޔެއަކު ނެތް. ޔަމަންގައި ކުރެވުނު ހަގުރާމައިގާ އާއިލާ އެއްކޮށް ފޮހެވިގެން ދިޔައީ. އަހަންނަށް ނާކިއާ ފެނުނުއިރު ތަމްރީނުކުރުމުގެ އުމުރު ފަހަނަޅާ ހިނގައްޖެ. އޭނަގެ ކަޅުކުލައިގެ ވިދާ ލޮލާއި އެ ރަތް އިސްތަށިގަނޑު، ޖެނެޓިކްސް ހަމަ އަޖައިބުވާވަރުވޭ. އޭގެ އިތުރަށް ނާކިއާއަކީ ވިސްނުންތެރި ކަނބަލެއް.. ޖީނިއަސްއެކޭ ބުނެވޭނީ. ކަލްކިއުލޭޓަރާއި ނުލާ ބޮޑެތި ނަމްބަރުތައް ސިކުނޑިން އަދަދު ކުރާތަން ނުފެނޭތަ؟" ސުފިޔާން އަތްތިލަބަޑި ޖަހައިލުމުން ސިހިފައި އަލްވާ އެތައް ފިޔަވަޅެއް ފަހަތަށް އަޅައިލިއެވެ.

"އަހަރެމެންނަށް ދަރިއަކު ލިބިއްޖެއްޔާ އެކުއްޖަކު މާސްޓަރޕީސްއަކަށް ވާނެއޭ ހީކުރިން. އެހެން ހުރިހާ ކުދިންނަށްވުރެ ކުރީގައި އުޅޭނެ މަގުދައްކާކުއްޖަކަށްވާނެއޭ. އެކަމަކު ދަރިއަކު ނުވިހާތީ އޭނަގެ ބޭނުމެއްނެތް، އޭނަ ވަރަށް އަވަހަށް މަރުވާނެކަމަށް ހީކޮށް އަވަހަށް ފޮނުވައިލީ އަހަރެންގެ އަތުން އޭނަ ނިންމާނުލާ..."ސުފިޔާންގެ ލޮލުގެ ކުލަ ތަންކޮޅެއް އަލިވެލިއެވެ."ވީމަ އަލްވާ. އަހަންނާއި މި މަރުކަޒަށް ތިހާ އަގުހުރި މައުލޫމާތެއް ހިއްސާކޮށްދިނީތީ ޝުކުރުވެރިވަން...." ސުފިޔާން ހީލާފައި ކުރިއަށް ހިނގައިގަތެވެ.

"މަޑުކުރޭ..."އަލްވާ ހަޅޭއްލަވައިގަތެވެ."އެކަމަކު އެމީހުން އުޅޭތަން އެނގެނީ އަހަންނަށޭ. ޕްލީޒް. އަހަރެންވެސް ގެންދޭ. އާދޭސްކޮށްފައި މިބުނަނީ. އެމީހުން ތިބިތަނެއް ނޭގެއެއްނު. އެމީހުން ތިބިތަނެއް ނުހޯދޭނެ.."

ސުފިޔާން ކޮނޑުމަތިން ބޯ ދިއްކޮށްލިއެވެ." ފުދޭވަރަށް ގިނަ މައުލޫމާތު ދީފިން.." އެއާއެކު ސުފިޔާން ދޮރު ލައްޕައިލުމުން އަލްވާ އެ ލޯގަނޑުތައް ޖަހާފައި ހުރި ދޮރުން އަމިއްލަ މީހާއަށް ނަޒަރު ހުއްޓުނުގޮތަށް ހުރީއެވެ. އަމިއްލަ ނަފުސަށް ބަލައިލެވޭނެ އެންމެ ފަހު ފަހަރުކަމެއް އޭނައަކަށް އޭރަކު ނޭގުނެވެ. އެނގުނުނަމަ އެއަށްވުރެ ގިނައިރުވާންދެން ބަލަން ހުރެވުނީހެވެ. އަލްވާ ކަކޫމައްޗަށް ތިރިވީ ބަސްހުއްޓި ހައިރާންވެފައެވެ. އޭނަ ސައިކޯޕާތަކަށް ނާކިއާގެ މައުލޫމާތުު ދިނީއެވެ. ސުފިޔާން ނާކިއާ ހުރިތަން ހޯދާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ނާކިއާއާއި ސަޔާރާއަށްވެސް އޭނަގެ ސަބަބުން ނުރައްކާވީއެވެ. އޭނައަށް ހެދުނީ ފޫނުބެދޭވަރުގެ ބޮޑު ކުށެކެވެ. އެކުށުގެ ސަބަބުން މާފުނުދެވޭވަރުގެ ބިރުވެރި ކަންތައްގަނޑެއްގެ ތެރެއަށް ވެއްޓުނީއެވެ. އަލްވާއަކީ ކުށްވެރިއެކެވެ.

"އަދި އެންމެ ކަމެއް. އެކުއްޖާއަށް ނާކިއާ ދިނީ ކޮންނަމެއްތަ؟" ކުޑަކޮށް ދޮރު ހުޅުވައިލަމުން ސުފިޔާންގެ މޫނު ފެނުނެވެ. އެވަގުތު ނަވޫދުގެ ލަފުޒުތައް ސިކުނޑިއަށް އައި ސަބަބެއް އަލްވާއަކަށް ނޭގުނެވެ.

"ކީކޭ ކިޔާފައި ތުންތަޅުވަނީ؟"

"ތިއީ ހަމަ ހަޔަސިންތެއްކަހަލަ...ވިހަގަދަ. ޝައިތާނީ. ތި ކރާހާ ނުބައި ކަންތައްތަކުގެ ސަބަބުން ހިތް ތިއޮތީ ދެލިގަނޑެއްހެން ކަޅުވެފައި .." އަލްވާ މަޑުމަޑުން ބުނެލިޔަސް ސުފިޔާންއަށް އިވޭވަރަށެވެ."މި ދުނިޔެއިން ނޫނަސް ﷲ ސުބުހާނަހޫ ވަތައާލާ އަނިޔާވެރިންނަށް އަޒާބު ދެއްވާނެ. ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވޭ..."

އަލްވާގެ އަޑު އެއްވަރެއްގައި ހިފެހެއްޓިފައި ހުރިއިރު ކަޅިވެސް ޖަހާނުލާ އޭނަ ބަލަން ހުރީ ހުުދުކުލައިގެ މުށިތަކަށެވެ. ދޮރު ލެއްޕި އަޑު ކަންފަތުގައި ޖެހުމުން އެއްޗެއް ނުބުނެ ސުފިޔާން ދިޔައީކަން އެނގުނެވެ.

ޑޮކްޓަރުން އެތެރެއަށް ވަންގޮތަށް އަލްވާގެ ކޮނޑުގައި ހިފާ އުފުލައިލިއެވެ. އެނދުގައި ބާއްވާފައި ހައްޔަރުކޮށްލިއިރު އަލްވާ ގަދަދައްކާކަށް ނޫޅުނެވެ. އޭނަ އޮތީ ހިމޭނުންނެވެ. އެއްވެސް އަސަރެއްނެތި ހުދު ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. ސުފިޔާންގެ އަނިޔާވެރި މިޒާޖުން އަލްވާވަނީ ހުއްޓުން އަރާފައެވެ. ކުށްވެރި އަދި ބިރުވެރި އިހުސާސްތަކެއް އޭނަ ވަށާލާފައިވިއެވެ. އެލޯބި ލޯބި ސަޔާރާ. އެކުއްޖާގެ ބައްޕަގެ ދެއަތުން އެކުއްޖާގެ ދިރިއުޅުން ބަރުބާދުކޮށްލާނީހެއްޔެވެ؟

***

އަލްވާގެ މަރުގެ ޚަބަރުން ހާމިދުގެ ދެމަފިރިންގެ އިތުރުން މާކެންއަށްވެސް ފުން އަސަރުތަކެއްކުރުވިއެވެ. އެ އަވަށުގެ މީހުންނަކީ އެއް އާއިލާއެއްފަދައިން އެކީ އުޅޭ މީހުންނަށް ވުމާއި އަލްވާދެކެ އެތައްބަޔަކު ލޯބިވާތީއެވެ. އެތައް ބަޔެއްގެ ލޮލުން ކަރުނަ އޮހުނެވެ. އެމީހުން އަލްވާއަށް ދުޢާކުރިއެވެ.

އަމީރާގެ ކަރުނަ ހުއްޓުވުމަކީ އެއްވެސް މީހަކަށް ފަސޭހަކަމަކަށް ނުވިއެވެ. އެހިތާމަ އޭނަ ޑިޕްރެޝަންގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓައިލިއެވެ. އަމީރާއާއި ހާމިދުގެ ދަރިފުޅު ރިވާގެ މަރާއި ގުޅިގެން އެމީހުން ފަހަރެއްގައިވެސް އަލްވާ ކުށްވެރިއެއްނުކުރެއެވެ. އެމީހުންގެ ދަރިފުޅު މަރައިލީ އަލްވާ ނޫންކަން އެމީހުން ދަނެއެވެ. ކުށެއްނެތް ޅަ އަލްވާގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާފައި ދޮގު ރިޕޯޓެއް ތައްޔާރުކުރީ ކާކުހެއްޔެވެ؟

ހާމިދުއާއި އަމީރާ އަލްވާދެކެ އިންތިހާއަށް ލޯބިވެ އެކުއްޖާއަށް ރީތި ދިރިއުޅުމެއް ހޯދަދޭން މަސައްކަތްކުރިއެވެ. އަލްވާ މަގުމަތިން ނެގިއިރު އޮތް ހާލަތުގެ ސަބަބުން މާބޮޑަށް ރައްކާތެރިކޮށްގެން ގެންގުޅެން ބޭނުންވިއެވެ. ރިވާ މަރައިލި މީހުން އަދި އަލްވާގެ ފަހަތުން އަންނާނެކަން އެނގުނެވެ. އަމިއްލަ ދަރިފުޅަށް ރައްކާތެރިކަން ނުދެވުމުން އަލްވާ ހިމާޔަތްކުރަން ބޭނުންވިއެވެ. އަލްވާ ގިނައިން ބަދަރަށް ދާތީ ބިރުގަތް ސަބަބަކީވެސް އެއީއެވެ. އެމްސްޓެޑަމްއަށްދާން އޮތް މަގާއި ބަދަރުވެސް އޮންނަނީ ގާތުގައެވެ. އެ ނުބައި މީހުން އަލްވާގެ ފަހަތުން އަތުވެދާނެކަމުގެ ބިރު އަބަދުވެސް އެދެމަފިރިންގެ ހިތުގައި އޮވެއެވެ.

އަލްވާގެ މަރުގެ ޚަބަރު އެކުޑަ ޝަހަރުގައި ހަލުވިކަމާއެކު ފެތުރުނެވެ. ރޯޒްކްލިފް ފޮތް ފިހާރައިގާ އަލްވާގެ ހަނދާނެއްގެ ގޮތުން ކުރަހާފައިވާ އަލްވާގެ ތަސްވީރެއް އެލުވާފައިވާތަން ނަވޫދު ވަޑާންގޭގައި ހުންނައިރު ފެނެއެވެ.

ނަވޫދު މާވިއްކާ ފިހާރައަށްވަދެ ހަދަންވީގޮތެއް ނޭގިފައި އިރުކޮޅެއްވާންދެން ހުރެފައި ނެގީ ވަކިން އޮތް ހަޔަސިންތް މަލެކެވެ. މިއީ އަލްވާ އެންމެ ލޯބިވާ މާހެއްޔެވެ؟ އޭނަ ބަގީޗާތެރޭގައި ހުރި ހަޔަސިންތް ނޮޅަންފެށުމުން އަލްވާ އެހާ ދެކޮޅުހެދީ އެހެންވެހެއްޔެވެ؟

"ލޯބިވާ މީހަކަށްޓަކާ މާ؟ އަހަރެން ހަޔަސިންތް ރިކޮމެންޑެއްނުކުރާނަން.."ފަހަތުން މީހެއްގެ އަޑު އިވުނެވެ. އެއީ ސުފިޔާންއެވެ. އެހެން ކަސްޓަމަރުންގެ ތެރެއިން އޭނަ ފާހަގަވަނީ އަގުބޮޑު ސޫޓާއިއެކު ޓައީ އަޅާފައި ހުރުމުންނެވެ. ފިނިފެންމާ ސެކްޝަނުގައި ހުރެ އެކި ކުލައިގެ ފިނިފެންމާތަކަށް އޭނަ ބަލަމުން ދިޔައެވެ.

"ހަޔަސިންތްއަކީ ވިހަ މަލެކޭ ބުނާއަޑު އެހިން.." ސުފިޔާން މާބޮނޑިއެއްގެ ތެރެއިން އެންމެ ފިނިފެންމަލެއް ނަގަމުން ބުނެލިއެވެ. ފެހި ތަނޑި ދިގުވެފައި އެ މާ ތާޒާވެފައި ރަތްކަމުން ލޭކޮޅެއްފަދައެވެ." އެކަމަކު ފިނިފެންމާ ދުވަހަކުވެސް ސްޓައިލުން ކައްސާނުލާ. މިއީ ޓައިމްލެސް އެއްޗެއް އަދި އެހާ ކްލެސިކް. އަންހެން ކުދިންނަށް މިއީ ކޮންމެ އިރެއްގައިވެސް ހިޓް އެއްޗެއް.."ސުފިޔާން އެއްލޯ މަރައިލުމަށްފަހު މަލަށް އަގު ދައްކާފައި ފިހާރައިން ނުކުމެގެން ހިނގައިގަތެވެ.

ނަވޫދު ހަޔަސިންތް މާ އޮތްތާ ބޭއްވުމަށްފަހު ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ނިކުތްއިރު އެތައް ސުވާލެއް އޭނަގެ ބޮލުތެރޭ ދުއްވައިގަތީ ބޮޑު ސިންގާ ރާޅެއްހެނެވެ.

***

ނަވޫދު ސުފިޔާންގެ ފަހަތުން ދިޔައީ ފަރުވާތެރިވެގެން ހުރެއެވެ. ސުފިޔާން ކާރަށް އަރާތަން ބަލަން ހުރެފައި އޭނަގެ ފަހަތުން ބައިސްކަލްގައި ދިޔަގޮތަށް ސުފިޔާން މާކެންއާއި ދިމާލަށް އޮތް މަގަށް ކާރު ލަނބައިލިތަން ފެނުނެވެ. ކުއްލި ޚިޔާލެއް އައުމާއެކު ނަވޫދު އެހެން ރާސްތާއެއް ޚިޔާރުކުރިއެވެ. ނަވޫދުގެ މިސްރާބު ހުރީ ރޯޒްކްލިފް މެންޝަންއާއި ދިމާލަށެވެ. އެގެއާއި އަރާ ހަމަވުމާއެކު ދޮރާށި ކައިރިއަށް ބައިސްކަލް ދޫކޮށްލާފައި އަވަސްވެގަތީ އެތެރެއަށް ވަނުމަށެވެ. ސުފިޔާން މާކެންއިން އެނބުރި އައުމުގެ ކުރިން ރޯޒްކްލިފްގައި އޭނަ ކުރަން ޖެހޭ ކަންތައް ނިންމަން ޖެހޭނެއެވެ. ސުފިޔާން މާކެންއަށް ދިޔައީ އަލްވާގެ މައިންބަފައިންނަށް ތައުޒިޔާ ރައްދުކުރަންކަމަށް ނަވޫދު ނިންމިއެވެ.

"އަހަރެން މިތާ ކީއްކުރަނީ؟" ނަވޫދު ބަގީޗާގެ ޑަރޯގާއަށް ފިލައިގެން އެތެރެއަށް ވަންނަން މަސައްކަތްކުރިއެވެ. އެކަމަކު ސުފިޔާންގެ ވަރަށް އެހެން ކަހަލަ ގޮތެއް އެބަހުއްޓެވެ. އަދި ހަޔަސިންތުއާއި ބެހޭގޮތުން ބުނި އެއްޗަކުން އެކަން ބޮޑަށް ފާހަގަވިއެވެ. އަލްވާގެ ގާތުގައި ނަވޫދު އެވާހަކަ ބުނީ އަލްވާ ގެއްލުނު ދުވަހު ނޫންހެއްޔެވެ؟ ސުފިޔާންއަށް އެވާހަކަ އަޑު އިވުނީ އަލްވާގެ ފަރާތުން ބާވައެވެ. އަލްވާ އެވާހަކަ ސުފިޔާން ގާތު ބުނަން ވީ ކީއްވެހެއްޔެވެ؟

ރޯޒްކްލިފުން ފަންޑުކުރާ ޔަތީމުޚާނާތައް ނަވޫދު ޗެކްކުރިއެވެ. އެތަނުން ގެއްލޭ ކޮންމެ ޔަތީމް ކުއްޖަކަށް ރޯޒްކްލިފުން އެކުދިން ހޯދަން އެތައް ސަތޭކަ ޑޮލަރެއް ޚަރަދުކުރެއެވެ. އެހެން އެންމެނަށް ސުފިޔާންއާއި އާއިލާ އަދި އެ ކުންފުނި ވެފައިވަނީ ދީލަތި އޯގާތެރި ބަޔެއްގެ ގޮތުގައެވެ. އެކަމަކު ބޮޑު ސުވާލެއް އެބައޮތެވެ. ހަމައެކަނި ރޯޒްކްލިފުން ފަންޑުކުރާ ޔަތީމުޚާނާއިން ކުދިން ގެއްލެންވީ ކީއްވެހެއްޔެވެ؟ ނަވޫދުއާއި ނަމްރާއަށް އެކަން ހޯދައިގަނެވުނީ އެމީހުން އެއް ފަހަރު ކުރި ތަހުގީގެއްގައެވެ. އެއްމާބަނޑު ދެބެންގެ އެ ޖޯޑު ވިސްނުންތޫނުވެފައި ސްމާޓެވެ.

"ނަވޫދު. މިތާ ކީއްކުރަނީ؟" ނަވޫދު ފެނުމުން ހައިރާންވެފައި ސަދަފް ބުމަ އަރުވައިލިއެވެ. ނަވޫދު ހިންދިރުވާލާފައި ވިސްނައިލީ އަވަސް ޖަވާބަކާއިމެދުގައެވެ.

"ބޭބެ...އޭނަ ގޭގައި އެބައުޅޭތަ؟"ނަވޫދު ސުވާލުކުރިއެވެ.

"ގެއަކު ނެތް. އެކަމަކު މިތަނާ ތަންކޮޅެއް ދުރުގައި ހުރި އާޓްސްޓޫޑިއޯގައި ހުރެދާނެ. އޭނަ މިދުވަސްކޮޅު މުޅިންހެންވެސް ދިރިއުޅެނީ އެތަނުގައޭ ބުނެވިދާނެ. އެކަމަކު އަހަރެންގެ ބަދަލުގައި ބޭބެ ހޯދަން ތިއުޅެނީ ކީއްވެތަ؟" ސަދަފް ދެރަވާފަދަ ގޮތަކަށް މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ.

"ބައްޕަ؟ ބައްޕަ ގޭގައި އުޅުއްވާތަ؟"ނަވޫދު އަނެއްކާ އެހިއެވެ.

ސަދަފް ލޯ ހަނިކޮށްލައިފިއެވެ."ބައްޕަ ހުންނެވީ ހޮސްޕިޓަލުގައި. ތިއުޅެނީ ޝައްކުކުރެވޭކަހަލަ ގޮތަކަށް. އަހަރެން ކިޑްނެޕް ކުރަން ބަޔަކު ފައިސާދިނީތަ؟ އޭގެ ކުރީގައި އަހަރެން ބުނެފާނަން. އަމިއްލަ އިޚުތިޔާރުގައި ބޭނުން ކޮންމެތަނަކަށް ދާން މިހިރީ އެހެންވީމަ ކިޑްނެޕްކުރުމުގެ ބޭނުމެއްނެތް....."

ނަވޫދު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ސުފިޔާންއާއި އޭނަގެ ބައްޕަ ގޭގައި ނެތިއްޔާ އޭގެ މާނައަކީ މަސައްކަތު މީހުންގެ އިތުރުން ސަދަފް ނޫން މީހަކު ގޭގައި ނޫޅޭކަމެވެ. ސަދަފްއާއި ކުރިމަތިލާން ޖެހުނު ކޮންމެ ވަގުތެއްގައި ނަވޫދުއަށް އެނގިފައިވަނީ ސަދަފްއަކީ 'ސްމާޓް" ޓައިޕްގެ ކުއްޖެއް ނޫންކަމެވެ. ފަސޭހައިން މޮޔަހައްދައިލެވިދާނެއެވެ.

"ސުފިޔާންގެ އަތުގައި މަގޭ އެއްޗެއް އޮންނާނެ. އެހެންވީމަ ކުޑަކޮށް އާޓްސްޓޫޑިއޯ ބަލައިލިޔަސް ހެޔޮތަ؟" ނަވޫދު އުއްމީދުން ފުރިފައިވާގޮތަކަށް އަހައިލިއެވެ. ގަދަކަމުން ހިނިތުންވެލުމާއެކު ސަދަފް އޭނަގެ ފަހަތުން އައެވެ. ނަވޫދުގެ ނަސީބު އޭނައާއި އެއްކޮޅަށް ހުރި ދުވަހަކީއެވެ. ސަދަފް ތަނަކަށް ދާން ޝެޑިއުލްކޮށްފައިވާތީއާއިއެކު ގަޑިޖެހެން ކައިރިވުމުން ދާން މަޖުބޫރުވީއެވެ. ސަދަފް އެތަނުން ދިޔުމުގެ ކުރިން ނަވޫދުއަށް އެތަނުގެ ޕާސްވޯޑްވެސް ދިނެވެ. އެއްވެސް މީހަކު އެތަނަށް ވަނުމުގެ ހުއްދަ ނެތަސް އޭނަ އެ ޕާސްވޯޑް ސިއްރުން އަތުލީއެވެ.

"އެތެރޭގައި ހުއްޓާ އޭނައަށް ނުފެންނައްޗޭ. ވަރަށް ރުޅިގަދަވާނެ..." ސަދަފް އިންޒާރުކުރިއެވެ.

ނަވޫދު އެތެރެއަށް ވަންއިރު އެ ސްޓޫޑިއޯގައި މަދު އެއްވެސް އެއްޗެއްނެތެވެ. ޕްރޮފެޝަންލް ކުރެހުންތެރިއަކަށްޓަކާ ހެދިފައިވާ އެންމެ ޒަމާނީ ދިރިއުޅޭނެ ޖާގައެވެ. "އެބްސްޓްރެކްޓް" ތަސްވީރުތައް ތަރުތީބުން އެއް ބަރިއަކަށް އަތުރާފައި ހުއްޓެވެ. ނަވޫދުއަށް އޭނަ އެތަނަށް ހޯދަން އައީ ކޯންޗެއްކަމެއް އެހާ ރަގަޅަކަށް ނޭގުނެވެ. ފަހަރެއްގައި އަލްވާ އެތަނުގައި ހުރިކަމުގެ ނިޝާނެއް ނަމަވެސް އެންމެ ރަގަޅެވެ. ކޮންމެވެސް ކުޑަ ހެއްކެކެވެ. ސުފިޔާންއާއި އޭނަގެ ވިޔަފާރިއާއިމެދު ނަވޫދުގެ ހިތުގައި ހިނގަމުން އައި ޝައްކުތަކަށް އަލިއަޅުވައިލާނެ ކޮންމެވެސް އެއްޗެކެވެ. އެކަމަކު އެތަނުން އެފަދަ އެއްޗެއް ނުފެނުނެވެ.

ނަވޫދު ބޫޓު ބާލަން ގުދުވެލުމުން ޖީބުން ފައިސާ ފޮތްޗެއް ބިންމައްޗަށް ވެއްޓުނެވެ. ތަޅުންމަތީގައި އެ ފޮތި ޖެހުނު އަޑު ނަވޫދުފަދަ ކުޅަދާނަ ވަޑިއަކަށް ވަގުތުން ނަގައިގަނެވުނެވެ. އެގޮތަށް ހޮއި ޒާތެއްގެ އަޑެއް އިވުމުން އެތަނުގެ ދަށުގައި ކޮންމެވެސް ބަޔެއް ވާކަން ވަގުތުން ޔަގީންވިއެވެ.

***

ސުފިޔާން ކާރުގެ ދުވެލި މަޑުކޮށްލީ އަލްވާގެ ގެއާއި ތަންކޮޅެއް ދުރުންނެވެ. އޭނައަށް އާދެވުނީ ހަމަ ބަރާބަރު ވަގުތަށެވެ. ނާކިއާ ހުރީ އަލްވާގެ ގޭގެ ކުރިމަތީގައި އަނެއްފަރާތަށް އެނބުރިގެންނެވެ.އެއީ ނާކިއާކަން ޔަގީންވިއެވެ. ނާކިއާކަން ދެނެގަންނަން މޫނު ކޮންމެހެން ފެންނާކަށް ނުޖެހޭނެއެވެ.

ނާކިއާއަށް ދޭން ގަނެގެން އައި ރަތްކުލައިގެ ފިނިފެންމަލަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ނުނިމޭ