"ﷲ ސުބުހާނަހޫ ވަތައާލާ އަންގަވާފައިވަނީ މައިންބަފައިންނާއި ދިމާލަަށް އުފްވެސް ނުބުނުމަށެވެ. މައިންބަފައިންނަށް ކަމޭހިތާ އަޅާލާށެވެ. ޒުވާބު ނުކުރާށެވެ. އޯގާތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިހުންނާށެވެ."

***

ކުއްލިއަކަށް އެތައް ސަތޭކަ ޓަނުގެ ވެލިތަކެއް އެއްފަހަރާ ފުރާޅަށް އޮއްސައިލެވުނުހާ އަޑުގަދަވިއެވެ. ފުރާޅުވެސް ބޮލަށް ފައިބައިގަތްހެން ހީވިއެވެ.

"ގުގުރަނީތަ؟" ރާހިލް ލޯބޮޑުކޮށްލާފައި ވަށައިގެން ހޯދައިލިއެވެ.

"ނޫން ސްޓުޕިޑް.....ވާރޭ ވެހިގަތީ.."ހަޒަލް ހޭންފެށިއެވެ. ރާހިލް ކުޑަދޮރުން ބޭރަށް ބަލައިލިއިރު ވާރޭގެ އަސަރެއްނެތެވެ. ކޮންމެވެސް މީހަކު ފުރާޅަށް ގާ އުކީކަމަށް އޭނަ ނިންމިތަނާ ރޯޒަލީ ބުނި އެއްޗެއް އެންމެންގެ ސަމާލުކަން އަތުލައިގަތެވެ.

"އެއީ ވާރެއެއްނޫން. ރޫހާނީ ކަމެއް. އަލަކަށް ނޫން މި އަޑު އިވުނީ...."

"ރޫހާނީ ކޮންކަހަލަ ކަމެއް؟"

"ފުރާޅަށް ބަޔަކު ގާ އުކީ ނޫންތަ މަންމާ؟ ރާހިލް ސުވާލުކުރިއެވެ.

"މިހާރު އަރާ ބެލިޔަސް ގާ ފެންނާކަށް ނުހުންނާނެ. ޖިންނިިންގެ އުދަގޫތައް މިރަށަށް ދިމާވޭ. ޚާއްސަކޮށް ވާރޭވެހޭ ރޭތަކުގައި. ޚާއްސަކޮށް މިގެއާއި އަވަލާފައި ހުންނަ ނުބައި އެއްޗެއް ފެނިގެން އަވަށްޓެރިންނާއި ނުދަންނަ މީހުން އެވާހަކަ އެބަދައްކާ. ވައްކަން ކުރަން ވަންނަ މީހުންނަށްވެސް ބިރުވެރި ކަންތައްތަކެއް ފެނިގެން އަނބުރާލާފައިދޭ. އެހެންވެ ފަންޑިތަވެރިއަކު ގެނެސް މިގެ ދައްކާލާއިރަށް ބުނީ ވަރަށް ބާރުގަދަ ޖިންނިންތަކެއް ވީމަ ގެ އަމާން ތަނަކަށް ހަދަން މަސައްކަތް ބުރަވާނެއޭ. އޭނަަގެ ފުރާނައަށްވެސް ނުރައްކާވާނެކަމަށް ބުނީ. އެހެން ކިޔާފައި ބޮޑު އަގެއްކީ. ފަންޑިތަހަދަން ފެށިތާ ހަފްތާއެއް ވީ ދުވަހު އެއްފަޅީގައި ވާގި ނެތިފައި އޭނަ ނިޔާވެއްޖެ. އޭނަ ބުނިގޮތަށް ކަންތައް ހިނގީ......" ރޯޒަލީގެ ވާހަކަތައް ޚަލީސީއަށް ތަރުމަޖާކޮށްދިނީ ހަޒަލްއެވެ.

"މަންމަ މިވާހަކަ ނުދައްކަން ހުންނަނީ ކުދިންގެ ހިތަށް ބިރުވެރިކަން ވަދެފާނެތީ."

"ސްޓްރޯކެއް ޖެހުނީނު. އިއްތިފާގަކަށް ވާނީ އެގޮތަށް މަރުވުން............."ޚަލީސީ އަށް ބުނެވުނެވެ.

"ވީއިރު އިންސާނުންނާއި ޖިންނި ހަގުރާމައަކަށް ދާން މިޖެހެނީ. ވަރަށް ފޯރިގަދަވާނެ." ރާހިލް ފޯރިއައިސްގެން މޭޒުމަތީ އަތް ވިއްދާލައިގެން ހުރެ އެންމެންގެ މޫނަށް ވަކިން ނަޒަރު ހުއްޓައިލިއެވެ."ޖިންނިންނާއި ކުރިމަތިލާން ކާކު ބޭނުންވަނީ؟"

"ނޮޓް މީ..."ހަޒަލް ބޯ ހޫރައިލުމުން އެމާވެސް އެއްބައިވިއެވެ.

"ތިއީ ކޮންމެވެސް އެހެން ކަމެއް...ޖިންނި ރިއަލް އެއްނޫން.."ޚަލީސީ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"ނުފެންނަ ކޮންމެ އެއްޗެއް ދެން ނެތް އެއްޗަކަށް ހަދާކަށް ނުވާނެ. ކަރަންޓް ވައިފައި އޮކްސިޖަން ގްރެވިޓީ ޚިޔާލުތައް މިހެންގޮސް ދިގު ލިސްޓެއް ކިޔާލެވިދާނެ. ޚަލީސީ އަށް ޖިންނިއެއް ފެނުނު ދުވަހަކުން ވާނެގޮތް އިމޭޖިން ކުރެވިއްޖެ..........." ރާހިލް މޭޒުމަތީގައި މަޑުމަޑުން އަތް ތަޅައިލިއެވެ."އަޅާނުލާ. ޑޮކްޓަރުންނާއިއެކު އުޅެވޭކަމީ ނަސީބެއް. ހޭނެތުނަސް ކާޑިއެކް އެރެސްޓަކަށް ދިޔަސް އެހީވާނެ ކުދިން އެބަތިބި...."

ރާހިލް ހައިސަމްއާއި ދިމާލަށް އެއް ލޯ މަރައިލުމުން ޚަލީސީ ހީގަތްއިރު ހައިސަމްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.

"ސޯ އަހަރެމެންނަށް މިތިބެވެނީ ރާއްޖޭގެ ހިލް ހައުސްގައި؟ ސައިންޓިފިކަލީ ކޮންމެ ކަމެއް ޕްރޫވްކޮށްދޭކަށް ނުޖެހޭ. މިސާލަކަށްް އަހަރެމެން ޖިންނި ޝައިތާނުން އަދި ރޫހާނީ ކަންތައްތައް ކަމަށް ގަބޫލުކުރާއިރު އެއީ ސަބްޓްރޭނިއަން ފެނާއި އިލްކެޓްރިކް ކަރަންޓް، ސަން ސްޕޮޓްސް ބިންގަނޑަށް ޒަލްޒަލާ އައުން ފަދަ ސަބަބުތައް ކަމަށް ބުނާ މީހުންވެސް ދުނިޔޭގައި އުޅޭ. ލޮލަށް ނުފެންނަ ކަންތައް ގަބޫލުނުކުރާ މީހުން ޖިންނި ގަބޫލުކުރަން ވީ ސަބަބެއްވެސް ނެތް. އަހަރެމެން މުސްލިމުން ޖިންނި ގަބޫލުކުރާ ސަބަބަކީ ގުރުއާނުގައި މާތްﷲ ޖިންނިންނާއި ބެހޭގޮތުން އަންގަވާފައިވާތީ.." ހައިސަމް ދެކޭގޮތް އޭނަ ބުނެލިއެވެ. ޚަލީސީގެ ނަޒަރު ހައިސަމްއަށް ހުއްޓުނުގޮތަށް ދުރަށް ބަލައިނުލެވުނެވެ. ހައިސަމްގެ ހިނިތުންވުމުން ހިތަށް ލިބޭ މަޑު މަޑު ހޫނުކަމާއެކު ތަސައްލީއެއް ލިބިގެން ދެއެވެ."މަންމަ ބުނެބަލަ. ދެން ކިހިނެއް މި ގެ އަމާންކުރާނީ؟"

"އަމާން ކުރާނެ ކަމެއްނެތް. ބެކްޓީރިއާއާއި ސޫފިތަކާއި އެހެން މަޚުލޫގުންނާއެކު އުޅޭގޮތަށް ހަންޑިއާއިއެކުވެސް އުޅެން ދަސްކުރާނީ.." ރާހިލްގެ ޖަވާބުން އެމާ މޫނު ހަދައިލިއެވެ.

"ގިނައިން ގުރުއާން ކިޔަވާ ޒިކުރުކޮށް ހަދާ ތަންތަން އަމާންވާނެ. ކަލޭމެން ކުދިންގެ ކަމަކީ ތާސްކުޅުމާއި ކުޅިވަރުކޮށް ސަކަރާތްޖެހުން. އަޅުކަންތައްތަކަށް ސަމާލުކަން ނުދެވެންޏާ ޝައިތާނުންގެ ގޯނާތައް ކުރިމަތިވާނެ....."ރޯޒަލީ ޚަލީސީއާއި ދިމާލަށް ހިތްހަމަނުޖެހުމުގެ ނަޒަރަކުން ބަލާލާފައި އެތެރެއަށް ދާން ހިނގައިގަތެވެ.

ވާރޭގެ ބޮޑެތި ތިކިތައް ފުރާޅުގައި ބީހިގަތުމާއެކު އެމާ ހަޒަލްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

"މިފަހަރު ޔަގީނުންވެސް ވާރޭ އެވެހިގަތީ.." ހަޒަލް ރާހިލްއަށް ބަލައިލިއެވެ."ކޮންމެ ދުވަހަކު މަސް ފިހަންވާނެ އިނގޭ. ނުބައިކަމުން ޓޭސްޓްބަޑްތައްވެސް ހަލާކުވެއްޖެ......ހެހެ"

"ތެންކްސް ފޯ ދަ ކޮމްޕްލިމެންޓް..."

"މިރޭ ވަކިން ނިދަން އޯކޭވާނެތަ؟" އެމާ އެހިއެވެ.

"އޯކޭއެއްނުވާނެ. މިރޭ ޖިންނި އެމާ ގެންދާނެ..ބޮޑީގާޑެއް ގެންނަންވީ ދޯ..." ރާހިލްގެ ޖުމްލައިން އެމާ ތުންފިތައިލިއެވެ."ކޮބާ ޔޯ ފްރެންޑް ލައިލާ. މަށަށް ހީވާ ގޮތުން ޖިންނިންގެ ބޮޑަކީ އޭނަ........."

"އަދި ނިދާނެކަމެއް ނެތް. ކޮންމެވެސް އެއްޗެއް ކުޅެލަމާ ހިނގާ..."

***

އެންމެން ކޮފީ ޖަގު ހިފައިގެން ސިޓިން ރޫމަށް ނިކުމެ ޗެސްކުޅުމުގެ ފޯރީގައި ތިއްބާ ފެނުމުން ރޯޒަލީ ދޮރުމައްޗަށް އެރިއެވެ.

"ދަރިފުޅުމެން ލަސްނުކޮށް ނިދާ. ވިއްސާރަ ރެއެއް....."

"ލައްބަ. އެންމެ ގަނޑެއް ކުޅެލާފައި..." ރާހިލް ތާސްބައި އަތުރައިލަމުން މަންމައަށް ޖަވާބުދިނެވެ.

"ކޮބާ ދޮންބެ؟"

"ޑިއުޓީއަށް ދާ ކުއްޖެއްވީމަ ރަގަޅަށް ނިދާލީމަ ފްރެޝްވާނީ އެހެންވީމަ ނިދީކަމަށްވާނީ. އެހެންނޫނަސް ދޮންބެ ދީނީކަމުން ނޮން މަހުރަމުންނާއެކު ނޫޅޭނެ....................."ހަޒަލް ޚަލީސީއާއި ދިމާލަށް ވައްކަޅިން ބަލައިލިއެވެ.

ރޯޒަލީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ރަށުތެރޭގައި ދައްކާ ވާހަކަތަކިގެ އަސްލެއްނެތްކަން މިރޭ ޔަގީންވެއްޖެއެވެ. އޭނަ އެހާ ލޯބިން ތަރުބިއްޔަތު ކުރި ދަރިފުޅު އޭނަގެ ނަސޭހަތުގައި ކޮޅުފައިން ޖަހާނެކަމަށް އޭނަ ގަބޫލެއްނުކުރާނެއެވެ.

***

ހައިސަމް ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލަން ހުރީ ވިސްނުމެއްގައެވެ. އަނދިރިގަސްތަކުގެ ތެރެއިން ކޮންމެވެސް އެއްޗެއް ހިރިލިހެން ހީވެގެން އެދިމާލަށް ބަލަން ހުއްޓާ ކަޅު ބުޅަލެއް ފުންމައިލުމުން ހިނިއައެވެ.

"ޑޭމް. ޖިންނިއެއް ފެނުމުގެ ނަސީބު ލިބުނީކަމަށް ހީވީ...."

"އާހް..އަމިއްލައަށް ވާހަކަދައްކަނީ އަނެއްކާ ސޭމް ނަފްސާނީ މައްސަލައެއް ޖެހުނީތަ؟" ފަހަތުން ޚަލީސީގެ އަޑުއިވުމުން ހައިސަމް އެނބުރި ބަލައިލިއެވެ.

"ކީއްކުރަން މިތަނަށް ވަނީ؟"

"ވައިފްއާއި ތި ސުވާލުކުރުމަކީ ގާނޫނީ ކުށެއް..." ޚަލީސީ ރުޅިއައިކަމަށް ހެދުނެވެ."ސީރިޔަސްކޮށް ކީއްވެ ތިހެން ހަދަނީ؟ ކެތްނުކުރެވޭ ހިސާބަށް ބީރައްޓެހިވެއްޖެ.ސޭމްގެ ހިތުގައި އެއްވެސް ލޯތްބެއްވާނަމަ އެފަދަ ނަޒަރަކުން ބަލައިނުލާނެ. އެހާ ފިނި ފިނި ނަޒަރެއް. ގޯޑް. ގަބޫލެއްވެސް ނުކުރެވޭ. މައިންބަފައިންގެ ނުގަބޫލުގައި ދުނިޔޭގައި ކައިވެނި ކޮށްފައިވަނީ ކިތައް ލައްކަ މީހުންތޯ ބަލައިލަބަލަ....ޕްލީޒް.. އަހަންނަކީ ކާކުކަން ބުނެދީ.........."

"ނުވާނެ ތިކަމެއް..."

"އަހަރެން ބުނެފާނަން.."

ބުނެފިއްޔާ ތީ މަގޭ އަންބެއްނޫން.."ހައިސަމްގެ އެ ޖުމްލައިން ޚަލީސީގެ ހިތަށް ތަދުވިއެވެ.

"ޔޫ ހާޓް މީ ބޭޑްލީ.."

"ހުރިހާވެސް ގޯހެއްހެދީ ޚަލީސީ އަމިއްލައަށް. ހާޓްކުރީ މަށެއްނޫން. އަމިއްލައަށް. ބުނާގޮތަށް ހެދިނަމަ. އަހަރެން އަދި ބޭނުމެއްނޫން މަންމައަށް އަހަރެމެންގެ ގުޅުން އެނގެން. ޓްރައި ޓު އަންޑަސްޓޭންޑް....." ހައިސަމް ޚަލީސީގެ އަތުގައި ހިފައިގެންގޮސް ކޮޓަރިން ނެރެލާފައި އެތެރެއިން ތަންޑު އެޅުވިއެވެ.

***

"ޓޮއިލެޓްގައި ހާދަ ގިނައިރެއްވީ..." ހަޒަލް އާއި އެމާ އަދި ރާހިލް ޚަލީސީގެ އިންތިޒާރުގައި ތިއްބާ ޚަލީސީ ނުކުމެގެން އައީ މޫނުދޮވެލައިގެންނެވެ. ޚަލީސީ ގަދަކަމުން ހިނިތުންވެލިއެވެ.

"ކޮބާ ސޫފީ؟" ކުއްލިއަކަށް އުނދޯއްޔާއި ދިމާލަށް ބަލައިލަމުން ޚަލީސީ އެހިއެވެ.

"ސުބުހާނަﷲ...މަގޭ ދަރި....ކޮންއިރަކު ކޮންތާކަށް އެދިޔައީ؟" ރަޖާގަނޑުގެ ތެރޭގައި ސޫފީ ނެތުމުން ހަޒަލްއަށް ހަޅޭއްލަވައިގަނެވުނެވެ.ޚަލީސީ ފާޚާނާއަށޭ ކިޔާފައި ވަންގަޑީގައި ރާހިލްވެސް ކޮފީއަށް ހަދަން ބަދިގެއަށް ވަނެވެ. ހަޒަލްއާއި އެމާވެސް ރާހިލްގެ ފަހަތުން އިރުގަނޑަކަށް ދިޔައީ ސޫފީ ނިދަން އޮތުމުންނެވެ. އެމަދު މިނިޓްކޮޅުތެރޭގައި ސޫފީ ނިކުމެގެން ދިޔައީހެއްޔެވެ؟

ގޭތެރޭގެ ހުރިހާތަނެއް ބަލާލާފައި ވާރޭގެ ތެރެއަށް ނުކުމެ ހޯދަނިކޮށް ސޫފީ ފެނުނީ ފުރާޅުމައްޗަށް އަރާފައި ހުއްޓައެވެ. ހަޒަލްގެ މޭގަނޑު އަނގަޔަށް އަންނަ ވަރުވިއެވެ. ސޫފީގެ މަޑު ފިޔަވަޅުތައް ކައިރިވަމުން އައިއިރު ވަރަށް މަޖާވެލާފައި ހުރެ ހެމުން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ.

"ދަރިފުޅާ.....ސޫފީ..." ހަޒަލް އަޑުކޮޅަށް ގޮވައިލުމާއެކު ސޫފީގެ ސަމާލުކަން ތިރިއަށް ހުއްޓުނެވެ.

ކުއްލިއަކަށް ސޫފީ ފުރާޅުމަތިން ފައިބަން އުޅުމުން އެންމެނަށް އަތް ދިއްކޮށްލެވުނެވެ.

"ނޫން ނޫން...ނޫން.."

"ނުފައިބާ......"

އެންމެންގެ ހަޅޭކުގެ އަޑުން ވާނުވާ ނޭގޭ ތުއްތު ތުއްތު ސޫފީ ފުރާޅުމަތިން ފުންމައިލުމާއެކު އެންމެނަށް އަތް އުފުލައިލެވުނެވެ. ސޫފީގޮސް ޖެހުނީ ހައިސަމްގެ އަތުތެރޭގައެވެ. ނަސީބަކުން އެއްވެސް އަނިޔާއެއްނުވެ ނިކަން ހެވިލާފައި އިނެވެ. ވާރެޔާއި ތެމި ފޯވެ ހީކަރުވާފައި ހުރި ހަޒަލް ދަރިފުޅު ގެނެސް މޭގައި ޖައްސާ ފޮރުވައިލަމުން އެތަން މިތާ ބޮސްދިނެވެ. ކަރުނަ ވާރެއާއިއެކުވަމުން ދިޔައެވެ. ހެއްދެވި ފަރާތަށް ޝުކުރުވެރިވީ ދަރިފުޅުގެ ގައިގާ ކޫރުމެއްވެސް ނޭޅި ސަލާމަތްވިކަމަށްޓަކައެވެ. އެންމެންވެސް ސޫފީގެ ބޮލުގަޔާއި ގައިގާ ފިރުމާފައި އުޅުނީ ދެވަނަ ފުރުސަތެއް ލިބުމުން އުޅެވުނު ފަދައިންނެވެ. ހަގީގަތުގައިވެސް ސޫފީ އެ ސަލާމަތްވީ މަރުގެ އެތިފަހަރަކުންނެވެ.

އެތެރެއަށް ވަދެފައި އެންމެން ހިކެން ކޮޓަރިތަކަށް ދިޔައިރު ހަޒަލް ސޫފީ ފެންވަރުވާ ހެދުން ބަދަލުކުރުވިއެވެ. އޭރު ހިތުގައި އެތައް ސުވާލުތަކެއް އެނބުރި ބިރުވެރިކަންވެސް ހިނގައިގެންފިއެވެ. ސޫފީ އެތަނަށް އެރިގޮތަކާއި ވާހަކަދެއްކި މީހަކާއިމެދުވެސް ސުވާލު އުފެދުނެވެ.

ސޫފީއާއި ޖިންނިއެއް އަވަލީހެއްޔެވެ؟

ހަޒަލް ކުރުސިއާއި ދަންނަހާ ހެޔޮ އެއްޗެއް ކިޔަވާފައި ސޫފީގެ ގަޔަށް ފުމެހެދިއެވެ. އަދި ގުރުއާން އެޕެއް ހުޅުވައިލުމާއެކު ރީތި އަސަރުގަދަ އަޑަކުން ރާގީއެއް ކިޔަވަންފެށުމުން ހަޒަލްގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. މިރަށުގައި ޖިންނިއެއްގެ ގޯނާތަކާއި އުދަގޫތައް ޖެހިގެން އުޅެންޏާ އެހުރިހާ ކަމެއްގެ އަސްލު ގުޅިފައިވަނީ ދީނާއި ދުރުވެ ދީނީ އުސޫލްތައް މުގުރާ ހުޅަނގުގެ އަވައިގާ ޖެހުމުން ކަމަށް ނުވާނެހެއްޔެވެ؟ ބަގަރާ ސޫރަތް ކިޔަވަން މަންމަ އެވަރަށް ހަނދާންކޮށްދޭއިރުވެސް އެކަންވެސް ކުރެވެނީއެއް ނޫނެވެ. ފޯނާއި ޓީވީއިން ގުރުއާންގެ އަޑު އަހައިލެވޭނެއިރުވެސް އެކަމަށް ވަގުތެއްނުދެވެއެވެ.

ހަޒަލް ކައިދަންއަށް ގުޅާފައި ކަންތައް ހިނގިގޮތް ކިޔައިދިނެވެ.

***

ކަޅުކަމާއި އަނދިރިކަން ވަށާލާފައިވާއިރު އުޑުމަތިން އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި ބޯ ވިލާތަކުން އުދަރެސް ހިސާރުކޮށްލާފައިވިއެވެ. ވާރޭ ހުއްޓައިލިޔަސް ދޭތެރެއަކުން ޖެހިލާ ވައިރޯޅިތައް ބާރުވެފައި ގަނޑުފެނުގެ އަސަރު އެކުލެވެއެވެ. ކުޑަދޮރުތައް ތެޅިލުން ކާށްޓެއް ނޫނީ ގޮތްޕެއްފަދަ އެއްޗެއް ގަހާއި ވަކިވުން ނޫނީ ފުރާޅުގައި ވައި އަޅުވާ އަޑުފަށްގަނޑުން ރޭގަނޑުގެ ހިމޭންކަން މުގުރަމުން ދަނީއެވެ. ކައިދަން ދޮރު ހުޅުވާފައި މަޑުމަޑުން ހިނގަމުން އައިސް ތިރި ފާރުމަތީގައި އިށީނެވެ. އިސްތަށިގަނޑު ހޭވި އެސްފިޔަތައް ބަރުވެފައިވާގޮތުން ނިދީގައި އޮވެފައި އައިފަދައެވެ. އެކަނިމާ އެކަނި އިނދެ ވާހަކަދައްކާފައި އޭނަ ހެމުން ދިޔައެވެ.

ސައިކަލުގައި ޑިއުޓީއަށް ދިޔަ ދެ ނަރުހުންނަށް ކައިދަންގެ އެ ހަރަކާތްތައް ފެނުމުން ބިރުން ހިތްވިރޭވަރުވިއެވެ.

"އަވަސް އަވަސް......ދަންވަރު މިގަޑީގައި އޭނަ ކަމަށް ހެދިގެން....ބާރަށް ދުއްވާ..."ފަހަތުގައި އިން ކުއްޖާގެ އަޑުވެސް ތުރުތުރުލައެވެ.

"ކައިދަންއަކީ މޮޔައަކީ ކަން ނޭގެއެއްނު. ދަންވަރު ބޭރުތެރޭގައި އެހެން އުޅޭނީ މޮޔައިން. ހަންޑިއަކާއި ވައްތަރެއްނޫން.."ސައިކަލް ދުއްވަންއިން ނަރުސްކުއްޖާ ކިޔާލައިފިއެވެ.

"ކާރުގައި އާދެވުނުނަމަ..ރަތްކުލައިގެ ޓީޝާޓެއްގައި ހުރީމަ މަށަށް ޝައްކު. އިންސާނެއްނޫން. ސިފަޖެހިގެން ހުރެދާނެ.."

ހޮސްޕިޓަލާއި އަރާ ހަމަވުމުން ދެކުދިން ހަމަޖެހުމުގެ ނޭވާއެއްލާފައި ސައިކަލުން ފޭބިއެވެ. ފަހަތަށް ބަލައިލިއިރު ގަސްބޮނޑިތައް ކައިރީގައި އަނދިރީގައި ހުއްޓިލައިގެން އިސްކޮޅުންދިގު ހިޔަންޏެއް ހުރިތަން ފެނި ދެކުދިން އަޑުކޮޅަށް ހަޅޭއްލަވައިގެންފާ ދުއްވައިގަތްއިރު ހަމަހޭވެރިކަންވެސްނެތެވެ.

***

ކައިދަން "ރޯޒްމެހެލް"ގެ ދޮރުގައި ޓަކިދިންއިރު ދަންވަރު ތިނެއް ޖެހީއެވެ. ދަމުނަމާދަށް ފެންވަރާ ތާޒާވެލިގޮތަށް އިސްތަށިގަނޑު އޮތީ ތެތްކޮށެވެ. ހުދު ގަމީހަކާއި ކަޅު ޖިންސެއްލައިގެން ހުރިއިރު ކޮނޑުގައި ބެކްޕެކް އަޅުވާފައި އޮތެވެ.

ނުނިމޭ