23 Aug 2022, 19:38
ކުއަލަލަމްޕޫރު (އޮގަސްޓު 23): ކޮރަޕްޝަނުގެ މައްސަލައެއްގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
މެލޭޝިއާގެ ހައި ކޯޓުން ނަޖީބު ޖަލަށް ލާން ހުކުމް ކުރީ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައި އޭނާގެ މައްޗަށް އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއް ސާބިތުވުމުން 2020 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ.
އެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމުން ނަޖީބު މިހާތަނަށް ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށެވެ. ނަމަވެސް މެލޭޝިއާގެ ފެޑެރަލް ކޯޓުގެ މިއަދުގެ ނިންމުމާއެކު އެ މަނިކުފާނު ވަގުތުން ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައި ވަނީ ކޮރަޕްޝަނުގެ މައްސަލައިގައި ނަޖީބު ރައްޒާގު ހުށަހެޅުއްވި އިސްތިއުނާފުގައި ބަރުދަނެއް ނެތް ކަމަށާއި ހުކުމާ މެދު ޝައްކު އުފެދޭ މިންވަރަށް ދިފާއުން ގަރީނާ ހުށަހަޅާފައި ނުވާ ކަމަށެވެ.
ދެހާސްނުވަ ވަނަ އަހަރު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ވަޑައިގެންނެވުމަށް ފަހު 1އެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު މުއްސަނދި، މަދު ބަޔެއްގެ އެކައުންޓުތަކަށް ފޮނުވައި، ލޯންޑާކޮށްފައެވެ.
ނަޖީބުގެ މައްޗަށް ސާބިތުވީ 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކޮށް ލޯންޑާ ކުރި ކަމަށެވެ.
ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާއިން އޭނާއަށް ދިން ހަދިޔާއެއް ކަމަށް ނިންމާފައެވެ. ނަމަވެސް އެ މައްސަލައިގެ ސަބަބުން ރައްޔިތުންގެ މެދުގައި ނަޖީބަށް އޮތް އިތުބާރު ގެއްލި، 2018 ވަނަ އަހަރުގެ އިންތިހާބުން ސަރުކާރު ކޯލިޝަން ނާކާމިޔާބުވިއެވެ.
އެއަށް ފަހު ޑރ. މަހާތިރު މުހައްމަދު ވެރިކަމަށް ވަޑައިގެން، ނަޖީބުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އަލުން ތަހުގީގު ކުރަން އަމުރުކުރެއްވިއެވެ.
ނަޖީބު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތެއް ވެސް ދޮގު ކުރައްވާފައެވެ.