މާފަންނު ގެއެއްގައި ރޭ ކޯރާޑިން ދިން ހަމަލާގައި އަނިޔާވި ބިދޭސީ މީހާއަކީ ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރި މީހާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:55 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާ ކަމަށާއި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ އަނިޔާ ލިބުނު ބިދޭސީ މީހާ އަކީ ވައްކަން ކުރަން ވަދެ އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރި މީހެއް ކަން މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެ ބިދޭސީ މީހާއަށް އަދިވެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލައިގައި އަދިވެސް އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަަށް ވެސް ފުލުހުން ބުނެއެވެ.