ކިޔޭވް (23 އޮގަސްޓް 2022) : ރަޝިއާއިން ޔުކްރެއިންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ މިހާތަނަށް ޔުކްރެއިންގެ ނުވަ ހާސް ސިފައިން މަރުވެއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

މިއީ ޔުކްރެއިން ހަނގުރާމައިގައި މަރުވި ޔުކްރެއިން ސިފައިންގެ އަދަދު އެގައުމުން ރަސްމީ ސިފައެއްގައި ހާމަކުރި ފުރަތަމަ ފަހަރެވެ.

ޔޫކްރެއިން ސިފައިންގެ އިސް ކޮމާންޑަރު އަދި އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ވަލޭރީ ޒަލުޒްނީ ސޮއިކުރައްވައި ޔުކްރެއިންގެ އަސްކަރިއްޔާއިން ނެރުނު އަސްކަރީ ބަޔާނެއްގައިވާ ގޮތުން ރަޝިއާއިން އެގައުމާ ދެކޮޅަށް މިދިޔަ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ފެށި ހަނގުރާމައިގާ މިހާތަނަށް ޔޫކްރެއިން ސިފައިންގެ ނުވަ ހާހަށްވުރެ ގިނަ ސިފައިންވަނީ މަރުވެފައެވެ.

މި ބަޔާނުގައި އެ ނުވަ ހާސް ސިފައިން ސިފަކޮށްފައިވަނީ ގައުމީ އަބްތާލުންގެ ގޮތުގައެވެ. ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފެށި ހަނގުރާމައަށް މާދަމާ ހަ މަސްވާނެއެވެ.

މި ހަނގުރާމައިގައި ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވާކަމަށް ބުނެ ޔުކްރެއިން ދޭތެރެއަކުން ބަޔާނެއް ނެރެއެވެ. މިގޮތުން ޔުކްރެއިން ބުނާގޮތުން ރަޝިއާގެ 40 ހާހަށްވުރެ ގިނަ ސިފައިންވަނީ ޔުކްރެއިންގެ ހަމަލާތަކުގައި މަރުވެފައެވެ. ނަމަވެސް މިހާތަނަށް ޔުކްރެއިންއިން ވަނީ މި ހަނގުރާމައިގައި މަރުވާ އެގައުމުގެ ސިފައިންގެ އަދަދު ހާމަކުރަން ފަސްޖެހިފައެވެ.

މިއީ އެއަދަދު ހާމަކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައިގައި ޔުކްރެއިންގެ 30 ހާސް ސިފައިންނަށް ވުރެ ގިނައިން މަރުވެފައިވާކަމަށް ރަޝިއާ ބުނެފައިވެއެވެ. ޔުކްރެއިން ހަނގުރާމައިގައި ރަޝިއާގެ 40 ހާހަށްވުރެ ގިނަ ސިފައިން މަރުވެފައިވާކަމަށް ބުނިނަމަވެސް ރަޝިއާ ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގައި މަރުވެފައިވަނީ ރަޝިއާގެ 15 ހާސް ސިފައިންނެވެ.

ޔުކްރެއިން ހަނގުރާމައިގައި ޔުކްރެއިންގެ އާންމުން މަރުވެފައިވާވަރު އެގައުމުން އަދިވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ގައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑުބައެއް ހަލާކުވެ ފަސް ހާސް މީހުން ރެފިއުޖީންނަށް ވެފައިވާކަމަށް އެގައުމުން އެއްބަސްވެއެވެ.