ގދ. ނަޑެއްލާ އަތަމާގޭ އިބްރާހިމް ނާފިޒު (ޗިކާ)ގެ މައްޗަށް ދައުލަތުން ކުރި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ތެރޭގައި ފުލުހުން އޭނާ ދިރިއުޅޭ މ. ހެޕީކޯނާގެ ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި މަތީގައި އޮތް ސިޓީ އުރައަކުން ވަނީ މަސްތުވާތަކެތި ފެނިފަ އެވެ. ނަމަވެސް އެ ސިޓީ އުރައިން އޭނާގެ ފިންގާ ޕްރިންޓް ފެނިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރި އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ ޖިނާއީ ކުށެއް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅޭނީ ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުވެގެން ކަމަށެވެ.

ޗިކާގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާއި ރ. މަޑުއްވަރީ މުޝްތަރީގޭ ހަސަން ސޮބާހު ވަނީ ހަވާލުވެފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ އެ މީހެއްގެ ބެލުމުގެ ދަށުގައިވާ ތަނަކުން މަސްތުވާއެއްޗެއް ފެނުނު ނަމަވެސް އެތަކެތީގެ ޒިންމާ އުފުލާނެ އެހެން ފަރާތެއް ޝަރީއަތަށް ގަބޫލުކުރެވޭނެ ފަދަ ހެކިތަކާ އެކު ދައްކާފައިވާ ނަމަ އެއީ އެތަނުގެ ވެރިފަރާތުގެ އެއްޗަކާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.

ފުލުހުން އޭނާގެ ކޮޓަރިން މަސްތުވާތަކެތި ހޯދާފައި ވަނީ މާޗް،22 ،2008 ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ރޭ ދަންވަރު 1:45 އެހާކަންހާ އިރު އޭނާ ކޮޓަރިތެރޭގައި ހުއްޓައި އެތަން ފާސްކޮށްގެންނެވެ.