ޔުކްރެއިން ހަނގުރާމައިގައި ޔުކްރެއިންއަށާއި ރަޝިއާއަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެހަނގުރާމައިގެ ސަބަބުން ސްޓްރެޓީޖިކް ގޮތުންނާއި ބާރާއި ނުފޫޒު ގެއްލުމުގެ ގޮތުން އެންމެ ބޮޑު ގެއްލުންތަކެއް ލިބޭނީ އެމެރިކާއާއި ޔޫރަޕަށް ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ މަޖައްލާއެއްކަމަށްވާ "ނެޝަނަލް އިންޓްރަސްޓް"ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއް ބުނާގޮތުން ޔުކްރެއިން ހަނގުރާމައާއެކު ރަޝިއާގެ އިގްތިސާދު އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕުން ރޭވި ރޭވުންތައްވަނީ ފޭލްވެފައެވެ. ރަޝިއާ އިގްތިސާދީ ގޮތުން ބަލިކޮށްލޭވެނޭ ކަމަށް ހުޅަނގުން ދުށް ހުވަފެންތައްވަނީ ބިލާހަކަށް ވެގެން ގޮސްފައެވެ.

މިހެންވީ އެމެރިކާއާއި ޔޫރަޕްގެ ރޭވުންތަކަށް ވިސްނައިގެން ރަޝިއާ، ޗައިނާ އިންޑިއާ އަދި ބްރިކްސްގެ ގައުމުތަކާއި ތުރުކީ ފަދަ ގައުމުތަކުން މާކެޓް ހޯދުމުންނެވެ. އަދި ޑޮލަރާއި ޔޫރޯގެ ބަދަލުގައި ރުބެލްއާއި އެނޫން ފައިސާ ބޭނުންކޮށްގެން ޗައިނާއާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކާއެކު ރަޝިއާ އިގްތިސާދީ މުއާމަލާތްތައް ހިންގައިގެންނެވެ.

މި ރިޕޯޓްގައިވާގޮތުން ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާއާއި ޔޫރަޕަށް ލިބޭނެ ދިގުމުއްދަތުގެ ސްޓްރެޓީޖިކް ގެއްލުންތަކަކީ ވަރަށް ބޮޑު ގެއްލުންތަކެކެވެ. އެމެރިކާއަށް ލިބޭނީ ބާރާއި ނުފޫޒު ކުޑަވެ ޑޮލަރުގެ ބާރު ކުޑަވުމުގެ ގެއްލުންތަކެވެ. ޔޫރަޕަށް ބޮޑަށް ލިބޭނީ އިގްތިސާދީ ގެއްލުންތަކެވެ. ހަކަތަ އަގުބޮޑުވުމާއި ޔޫރަޕްގެ އުފެއްދުންތަކަށް މާކެޓް ނުލިބުމާއި ޔޫރޯގެ އަގު ވެއްޓުންފަދަ ގެއްލުންތަކެވެ. ޔޫރަޕާ ޗެލެންޖް ކުރަން ދުނިޔޭގެ އެހެން ގައުމުތަކަށް ހިތްވަރު ލިބުމުގެ ގެއްލުންތަކެވެ. ހުޅަނގުގެ ބާރާއި ނުފޫޒު ކުޑަވާކަން އެހެންގައުމުތަކަށް އިހުސާސުކުުރެވުމުގެ ގެއްލުންތަކެވެ.

ޔޫރަޕްގެ ދަނޑުވެރި އުފެއްދުންތައް ފަސޭހައިން ވިއްކާލެވޭ މާކެޓެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތީ ރަޝިއާއެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައާއެކު ޔޫރަޕް އެމެރިކާގެ ދަލުގައި ޖެހިގެން ރަޝިއާއާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ މާކެޓް ޔޫރަޕަށްވަނީ ގެއްލިފައެވެ. ޔޫރަޕާ ފެއަށް ރަޝިއާ ވަނީ ޖެހިފައެވެ. އެހެން ގައުމުތަކުން ރަޝިއާގެ ގޭހަށް މާކެޓް ހޯދައިގެން ރަޝިއާ މިހާރުވަނީ ޔޫރަޕަށް ގޭހުގެ ދާއިރާގައި ދަތިކުރަން ފަށާފައެވެ.

ރަޝިއާ ޔުރަޕަށް ކުރި އިތުބާރު ގެއްލި ރަޝިއާ ޗައިނާއާއި އިންޑިއާ އަދި އީރާނާއި ތުރުކީ އަދި ގަލްފުގެ ގައުމުތަކާ އިގްތިސާދީ ގޮތުންނާ އަސްކަރީ އަދި ސްޓްރެޓީޖިކް ލެވެލްއެއްގައި ގާތްވުމުގެ ގެއްލުންތައް ޔޫރަޕަށް ވަރަށް ބޮޑެވެ. ރަޝިއާ މިހާބޮޑަށް އޭޝިއާއާ ގާތްވުމުން އޭޝިއާގެ މިގައުމުތަކުގެ މާކެޓްގެ ބޮޑުބައެއް ޔޫރަޕްގެ ގައުމުތަކަށް ގެއްލިގެންދާނެއެވެ.

ރަޝިއާގެ މާކެޓް ޔޫރަޕަށް އެއްކޮށް ގެއްލިގެން ދިޔުމަކީ ޔޫރަޕްގެ ދަނޑުވެރި ކަމުގެ އުފެއްދުންތަކަށް މާކެޓް ހޯދަން ވަރަށް ބޮޑަށް ދަތިވާނެ ކަމެކެވެ. ދެން ޔޫރަޕަށް ލިބެންއޮތީ ދުރުތަންތަނުގެ މާކެޓްތައް ކަމަށްވާއިރު މިއީ ރަޝިއާގެ މާކެޓްއާ އަޅާބަލާއިރު އިގްތިސާދީ ފައިދާ ކުޑަ މާކެޓްތަކެކެވެ. އެއީ އެތަންތަން ރަޝިއާއަށްވުރެ ދުރުކަމުންނެވެ.

"ނެޝަނަލް އިންޓްރަސްޓް"ގެ ރިޕޯޓް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ލިބޭނީ ބޮޑަށް ސްޓްރެޓީޖިކް ގެއްލުންތަކެކެވެ. އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ކުޑަވުމުގެ ގެއްލުންތަކެވެ. މީގެތެރޭގައި އިންޑިއާ އާއި ޗައިނާ، ރަޝިއާއާ އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން އާދަޔާ ޚިލާފަށް ގާތްވުން ހިމެނެއެވެ. ޔުކްރެއިން ހަނގުރާމައިގެ ކުރިން އިންޑިއާ އާއި ރަޝިއާ އަކީ އިގްތިސާދީ ގޮތުން މިހާރު ކުރާހާ ގިނަ މުއާމަލާތްތައް ކުރާ ދެގައުމެއް ނޫނެވެ.

މިރިޕޯޓްގައި ބުނާގޮތުން ރަޝިއާއާއި އިންޑިއާގެ އިގްތިސާދީ ގުޅުން ބަދަހިވެގެންދާ މައިގަނޑު ސަބަބަކީ އިންޑިއާއަށް ނުލިބޭ ބައެއް ބާވަތުގެ ބައެއް ޙައްސާސް ޓެކްނޮލޮޖީ ފަސޭހަކަމާއެކު އިންޑިއާއަށް ދޭން ރަޝިއާ ތައްޔާރަށް އޮތުމެވެ. މީގެތެރޭގައި އިންޑިއާއަށް އިންތިހާއަށް އެންމެ ބޮޑަށް ބޭނުންވާ ފަޒާގެ ޓެކްނޮލޮޖީއާއި މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީއާއި ރަޝިއާގެ ތެލާއި ގޭސް އަގުހެޔޮކޮށް ލިބުން ހިމެނެއެވެ.

އަސްކަރީ ގުޅުންތަކަށް ބަލާއިރު އިންޑިއާ އިތުރަށް ގާތްވުމަށްޓަކައި ކުރިން އިންޑިއާއަށް ނުދޭ އަސްކަރީ އެތައް ބާވަތެއްގެ ޓެކްނޮލޮޖީއެއް (ޚާއްސަކޮށް ފައިޓާޖެޓާއި ބަރު ހަތިޔާރު އުފެއްދުމުގެ ޓެކްނޮލޮޖީ) އިންޑިއާއަށް ދޭން ރަޝިއާ އޮތީ ތައްޔާރަށް ކަމަށްވެއެވެ.

އިންޑިއާއަކީ ކުރިންވެސް ރަޝިއާއާއެކު އަސްކަރީ ގުޅުންތައް ބޮޑު ގައުމެކެވެ. ނަމަވެސް މިފަހަކަށް އައިސް އިންޑިއާވަނީ އެމެރިކާއިން އަސްކަރީ ޓެކްނޮލޮޖީ ލިބޭނެ ކަމުގެ އުންމީދުގައި އެމެރިކާއާ ގާތްވާންފަށާފައެވެ. ނަމަވެސް އިންޑިއާއަކީ އަމިއްލަ މަސްލަހަތަށް ރިއާޔަތް ކުރާ މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމަކަށް ވެފައި އެމެެރިކާ ބޭނުން ކޮންމެ ގޮތަކަށް ދީލާލާ ވަރަށް ވުރެ ބިޔަ ގައުމަކަށް ވެފައި އިންޑިއާއަކީ މުސްތަގްބަލްގައި ބޮޑު ބާރަކަށް ވުމުގެ ޕޮޓެންޝިއަލް ހުރި ގައުމެއްކަމުން ހަތިޔާރުގެ ޙައްސާސް ޓެކްނޮލޮޖީ އިންޑިއާއަށް ދޭން އެމެރިކާ ފަސްޖެހެއެވެ.

ރަޝިއާއާއި އިންޑިއާ އާ ސްޓްރެޓީޖިކް ގުޅުންތައް ބޮޑުވުމުގެ ނަތީޖާއަކަށްވާނީ ކުއަޑް ގްރޫޕާއި އަކުއަސް ގްރޫގް ގެ ނަމުގައި ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ އުފައްދާފައިވާ ޖަމާއަތްތަކުގައި އެމެރިކާ ބޭނުން ފެންވަރުގައި ހަރަކާތްތެރިވަން މުސްތްގަބަލްގައި އިންޑިއާ ފަސްޖެހުންކަން މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ރަޝިއާއިން އިންޑިއާއަށް ފަސޭހަ ކަމާއެކު މިހާރު ފޯރުކޮށްދޭ ޒަމާނީ ނިއުކްލިޔާ ޓެކްނޮލޮޖީއާއި ފަޒާގެ ޒަމާނީ ޓެކްނޮލޮޖީއަކީ އެމެރިކާގެ ފަރާތުން ލިބޭނެ ޓެކްނޮލޮޖީއެއް ނޫނެވެ. އެމެރިކާއަކީ ޓެކްނޮލޮޖީ މޮނޮޕޮލީ ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. "ނެޝަނަލް އިންޓްރަސްޓް"ގެ ރިޕޯޓް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ ކުރިއާ އަލާބަލާއިރު ރަޝިއާއި އިންޑިއާ މިހާރުވަނީ ވިޔަފާރި (ޚާއްސަކޮށް ހަކަތައިގެ ވިޔަފާރި) ތިން ގުނަ މައްޗަށް ޖައްސާލާފައެވެ.

އަނެއްކޮޅުން ޗައިނާއަށް ބަލާއިރު ޔުކްރެއިން ހަނގުރާމައިގެ ކުރިއަށްވުރެ ރަޝިއާއާއި ޗައިނާގެ ވިޔަފާރި (ޚާއްސަކޮށް ހަކަތައިގެ ވިޔަފާރި) މިހާރުވަނީ ދެގުނަ މައްޗަށް ޖައްސާލާފައެވެ. ކުރިން ޗައިނާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ ގައުމަކީ ސައޫދީ އަރަބިއާ ކަމަށް ވިޔަސް ޔުކްރެއިން ހަނގުރާމައާއެކު މިހާރު ޗައިނާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ ގައުމަކީ ސައޫދީގެ ބަދަލުގައި ރަޝިއާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ލިބޭނެ ސްޓްރެޓީޖިކް އަނެއް ގެއްލުމަކީ ޑޮލަރުގެ މުއާމަލާތްތައް މަދުވާން ފެށުމެވެ. އެމެރިކާ ޑޮލަރުން ދުވާލެއްގެ މައްޗަށް 40 މިލިޔަން ޓްރާންސެކްޝަނުގެ ވިޔަފާރި ކުރާއިރު މިއަދަދު މިހާރު ވަނީ ޔުކްރެއިން ހަނގުރާމައިގެ ކުރިއާ އަޅާ ބަލައިރު ދަށަށް ދާންފަށާފައެވެ.

ނަތީޖާއަކީ އެމެރިކާއަށް ލިބޭ އާމްދަނީ ދަށަށް ދިޔުމެވެ. ޑޮލަރުގެ ސްވިފްޓް ނިޒާމު ބޭނުންކޮށްގެން އެމެރިކާ އަދަބު ދޭން ބޭނުންވާ ގައުމުތަކާ ދެކޮޅަށް އަދަބު ދިނުމުގެ ފުރަސަތާއި ބާރު އެމެރިކާގެ ކިބާގައި ކުޑަވާން ފެށުމެވެ. މިއީ އެމެރިކާގެ ބާރާއި ނުފޫޒަށް އަރާނެ އެންމެ ސްޓްރެޓީޖިކް ލޮޅުންކަމާއި އެމެރިކާ އެންމެ ކަންބޮޑުވާނެ މައްސަލަކަން މި ރިޕޯޓްގައިވަނީ ފާހަގަ ކޮށްފައެވެ.

ރަޝިއާއިން ޗައިނާއާއި އިންޑިއާއާ އަދި އީރާނާއި ތުރުކީ ފަދަ އެތައް ގައުމަކާއެކު ޑޮލަރާ ނުލައި ވިޔަފާރީގެ މުއާމަލާތްތައް ހިންގާއިރު މިކަމުގެ ސަބަބުން ޑޮލަރާ ނުލައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް މުސްތަގްބަލްގައި ވަރަށް ބޮޑަށް ފުޅާވެގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެމެރިކާއަށް އޮތް ކަންބޮޑުވުމެއްކަން ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.

ޗައިނާއާއި ރަޝިއާއަކީ ކުރިން ސްޓްރެޓީޖިކް ލެވެލްގައި ގުޅުންތައް އެހާ ބޮޑު ދެގައުމެއް ނޫނެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައާއެކު ރަޝިއާ އިދަޖައްސާލުމަށް އެމެރިކާ އެޅި ފިޔަވަޅުތަކާ ގުޅިގެންނާ އަދި ޓައިވާން މައްސަލާގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ގެންގުޅެމުންދާ ސިޔާސަތުގެ ސަބަބުން ޗައިނާއާއި ރަޝިއާގެ ގުޅުންތައްވަނީ އެލަޔަންސެއް ގޮތަށް ސްޓްރެޓީޖިކް ލެވެލްގައި ތަރައްގީ ކުރަން ފަށާފައެވެ.

ޗައިނާއާއި ރަޝިއާގެ އިގްތިސާދީ ގުޅުންތައް (ޚާއްސަކޮށް ތެލާއި ގޭހުގެ) ގުޅުންތައް ބަދަހިވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އަސްކަރީ އަދި ސްޓްރެޓީޖިކް ގުޅުންތައްވެސް ވަރުގަދަކުރަން އެދެގައުމަށް މަޖްބޫރުވެފައިވާކަމާއި މިއީވެސް އެމެރިކާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަން މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓް ބުނާގޮތުން ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕަށް ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާ ނުލެވުނީ މައިގަނޑު ގޮތެއްގައި ޗައިނާއާއި އިންޑިއާގެ ސަބަބުންނެވެ. އެދެގައުމު ރަޝިއާއާ ކުރާ އިގްތިސާދީ މުއާމަލާތްތައް އިތުރު ކުރުމުގެ ސަބަބުންނެވެ. ޚާއްސަކޮށް ރަޝިއާގެ ތެލާއި ގޭސް އިތުރަށް ގަނެ ރަޝިއާއަށް ބާޒާރު ތަނަވަސް ކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މީގެއިތުރުން ޔޫރަޕްގެ ގައުމުތައް ފިޔަވައި ދުނިޔޭގެ އެހެން ގައުމުތަކުން އެމެރިކާއާއި ޔޫރަޕަށް އެއްބާރުލުން ނުދިނުމަކީވެސް ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުމުގައި އެމެރިކާއާއި ޔޫރަޕަށް ކާމިޔާބު ނުލިބުމުގެ ސަބަބެކެވެ.