މަސް ފެންގަނޑަކުން ހަތަރު މަސް ނެގި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ގދ. ތިނަދޫ ގެއެއްގެ މަސް ފެންގަނޑުން ހަތަރު މަސް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ މީހާ ވަނީ ކުށަށް އިއުތިރާފްވެ އަވަހަށް މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ އޭނާ ވަގަށް ނަގާފައިވަނީ ދެ ކެމެޓާއި ކާބަކާއި ގްރާމެއް ކަމަށެވެ.

އެނާގެ މައްޗަށް ވައްކަން ކުރި ކަމުގެ ކުށް ސާބިތުވުމުން އެދުނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށެވެ. އަދި ޖޫރިމަނާ ދެއްކޭނެ ގާބިލުކަން ހުރިކަން ދެއްކުމަށް ވަޒީފާގައި އުޅޭ ކަމުގެ ލިއުމެއް ވެސް ހުށަހެޅިއެވެ.

ނަމަވެސް މިހާރު ވެސް އޭނާ ހުރީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން ގޭ ބަންދުގައި ކަމަށް ވުމުން ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދެެވެން ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވިއެވެ.

ކުށަށް އިއުތިރާފްވި ނަމަވެސް އޭނާގެ އަދަބު ލުއި ނުކޮށް ގާޒީ އިއްވެވީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. އަދަބު ލުއި ނުކުރީ މީގެ ކުރިން ވެސް އޭނާގެ މައްޗަށް ވައްކަންކުރި ކަމުގެ ކުށެއް ސާބިތުވެފައި އޮތުމުންނެވެ.