23 Aug 2022, 11:14
ށ. ނޫމަރާ ސްކޫލުގެ ހަތަރު ކްލާސްރޫމްގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައި، އެ މަޝްރޫއު ކުރިއަށް ދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވަނީ ށ. ބިލެތްފަހި، ށ. ކަނޑިތީމު އަދި ށ. ގޮއިދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެންދާ ސަބަބަކީ ކޮބައިތޯ އަދި، ށ. ނޫމަރާ ސްކޫލަށް އިތުރުކުރާ ކްލާސްރޫމްތަކުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވައިފއެވެ.
މެމްބަރުގެ އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ ނޫމަރާ ސްކޫލުގެ ހަތަރު ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއުލާން ކުރިއިރު އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތުހަމަވެފައި ނުވާތީ ދެވަނަ ފަހަރަށް މިއަހަރުގެ ފެބްރުއަރީ މަހު އިއުލާން ކޮށްފައިވާ ކަމަށެވެ.
އެއަށްފަހު މާޗް މަހު ބިޑް ނެގި، އިވެލުއޭޝަން ނިމި، އޭޕްރީލް މަހު ކުންފުންޏަކަށް އެވޯޑު ކުރެވިފައިވާ ކަމަށެވެ. އަދި މެއި މަހު އެ އިމާރާތުގެ މަސައްކަތް 109 ދުވަހުގެ ތެރޭގައި ނިންމުމަށް އެގްރީމަންޓުގައި ސޮއި ކުރެވިފައިވާ ކަމަށާއި 17 ޖޫންގައި އެ މަސައްކަތް ކުރުމަށް ބިން ހަވާލުކުރެވި އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ށ. ބިލެއްފަހި ސްކޫލް މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް އިއުލާން ކުރުމަށް ޓެންޑާ ބޯޑަށް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފޮނުވި ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގައި އިއުލާން ކުރެވި އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތުހަމަވެފައި ނުވާތީ ދެވަނަ ފަހަރަށް މާޗް މަހު އިއުލާން ކުރެވުނު ކަމަށެވެ.
އޭޕްރީލް މަހު ބިޑް ނެގި މިހާރު އިވެލުއޭޝަންގެ މަސައްކަތް ނިމިފައިވާއިރު މި ހަފްތާގައި ބޯޑަށް ހުށަހެޅޭނެ ކަމަށް ޓެންޑާ ބޯޑުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގެ އިމާރާތުގެ މަސައްކަތް ކުރުމަށް ފުރަތަމަ ފަހަރަށް އިއުލާންކުރެވި އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތުހަމަވެފައި ނުވާތީ ދެވަނަ ފަހަރަށް މާޗް މަހު އިއުލާން ކޮށްގެންވެސް އެއްވެސް ފަރާތަކުން ޝަރުތު ފުރިހަމަވެފައި ނުވާތީ ސިންގަލް ސޯސްގެ ދަށުން ކުރިއަށް ގެންދިއުމަށް ޖޫން މަހު ޕްރޮޕޯޒަލްއަށް ހުޅުވާލި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމަ އެ މަހު ޕްރޮޕޯޒަލްތައް ނެގި، މިހާރު ކުރިއަށް ދަނީ އިވެލުއޭޝަންގެ މަސައްކަތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ށ. ގޮއިދޫ ސްކޫލްގެ އަށް ކްލާސްރޫމް އިމާރާތުގެ މަސައްކަތް އިއުލާން ކުރުމަށް ޓެންޑާ ބޯޑަށް ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ފޮނުވި ހަމަ އެމަހު އިއުލާން ކޮށް، އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތުހަމަވެފައި ނުވާތީ ދެވަނަ ފަހަރަށް މިއަހަރުގެ ފެބްރުއަރީ މަހު އިއުލާން ކުރި ކަމަށެވެ.
އެއަށްފަހު މާޗް މަހުގެ ބިޑް ނެގި، އިވެލުއޭޝަން ނިމި، ފިނޭންސް މިނިސްޓްރީގެ ކޮމިޓީއަށް ހުށަހެޅިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ހަފުތާގެ ތެރޭގައި ބޯޑުގެ ނިންމުން ނިންމަވާނެ ކަމަށް ޓެންޑާ ބޯޑުން ބުނެފައިވާ ކަމަށެވެ.