މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ބްލެޓުތަކެއް ދިރުވާލައިގެން ރާއްޖެ އެތެރެވި ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.

ޕޮލިސް މީޑިއާ އޮފިޝަލް އިބްރާހިމް ހަނީފް މިރޭ ވިދާޅުވީ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެވި މީހާއަކީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަތުލައިގަތީ މިއަދު 11:50ގައި ޓްރެވިންޑްރަމް އިން މާލެ އައި އޭއައި 263 ނަންބަރު ފްލައިޓުން ކަމަށެވެ.

"އޭނާ އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނީ އޭނާ އެކަނި،" އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އަތުލައިގަތް މީހާ ދިރުވާލައިފައި ހުރި ބްލެޓުތަކުގެ ތެރެއިން މިހާތަނަށް 15 ބްލެޓް އަތުލައިގެނެވިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގައި އިތުރު ބްލެޓްތަކެއް ހުރި ކަމަށް ބެލެވޭތީ އެ ބްލެޓުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.