އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ލިވަޕޫލްގެ ޑާވިން ނުނޭޒްއަށް ނުކުޅެވޭއިރު ޔުނައިޓެޑުން މެޗު ފެށީ އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކެޕްޓަން ހެރީ މަގުއާ ބެންޗުގައި ބައިތިއްބައިގެންނެވެ.

ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެންތޮނީ އެލަންގާގެ އެހީތެރިކަމާއެކު ޖޯޑަން ސަންޗޯ ޖެހި ގޯލެކެވެ.

މީގެއިތުރުން ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ޔުނައިޓެޑުގެން އެންތޮނީ މާޝިއާލްގެ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި މާކޯސް ރަޝްފޯޑް ވަނީ ގޯލެއްޖަހައި ލީޑު ފުޅާކޮށްފައެވެ.

ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑްކޮށްފައެވެ. އެ ގޯލަކީ އެ ޓީމުގެ މުހައްމަދު ސަލާހު ބޮލުން ޖެހި ގޯލެކެވެ.

އެ މޮޅާއެކު ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އަދި ލިވަޕޫލް ތާވަލުގެ 16 ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކުގައެވެ.

ޔުނައިޓެޑުން އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 4-0ގެ ނަތީޖާއަކުން ބަލިވިއިރު ލީގުގެ ފުރަތަމަ މެޗުގައި ބްރައިޓަން އަތުން އެ ޓީމު ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ލީގުގެ ފުރަތަމަ މެޗުގައި ފުލްހަމްއާ ދެކޮޅަށް ކުޅުނުއިރު އެ މެޗު ނިމިފައިވަނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި ދެވަނަ މެޗުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1ގެ ނަތީޖާއަކުންނެވެ.