އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ހެރީ މަގުއާ ފުރަތަމަ 11 އިން ބާކީކޮށް ބެންޗުން ޓީމުން ޖާގަދީފިއެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ ލިވަޕޫލާ ދެކޮޅަށް އެ ޓީމުން ނިކުންނަނީ މޮޅުވުމުގެ އަޒުމުގައެވެ.

މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ އަދި މަގުއާ ފުރަތަމަ 11 އިން ބާކީކޮށްފައިވަނީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހެގްގެ ޓެކްޓިކަލް ސަބަބަކަށް ޓަކައި ކަމަށް ބެލެވެއެވެ.

މަގުއާ ޑިފެންސްލައިންގައި ހަދާ ގިނަ ގޯސްތަކުގެ ސަބަބުން ޔުނައިޓެޑުގެ ސަޕޯޓަރުން އޭނާއަށް ފުރުސަތު ނުދިނުމަށް ވަނީ އެތައް ފަހަރެއްގެ މަތިން ގޯވާލައިފައެވެ. އަދި ޔުނައިޓެޑު ބަލިވަނީ މަގުއާ ހަދާ ގޯސްތަކުންކަމަށް ވެސް އެ ސަޕޯޓަރުން ބުނެއެވެ.

މީގެއިތުރުން ރޮނާލްޑޯގެ ފޯމު ގެއްލިފައިވާއިރު އޭނާ ދަނޑުމަތީގައި ހަރަކާތްތައް ލަސްކަމަށް ގިނަ ފުޓުބޯޅަ ދިރާސާކުރާ މާހިރުން ފާހަގަކުރެއެވެ. ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ޔުނައިޓެޑުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ކަވަރު ކުރެވިފައިވަނީ އެންމެ 8.2 ކިލޯމީޓަރުގެ ޖާގައެކެވެ. މީގެއިތުރުން އެ ނޫހުން ބުނެފައިވާގޮތުގައި ރޮނާލްޑޯ ކިތަންމެ މޮޅު ނަމަވެސް މިމެޗުގައި އޭނާ ބޭނުންކުރުމަކީ ބުއްދިވެރިކަމެއް ނޫންނެވެ.

މީގެއިތުރުން ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ ޑާވިން ނުނޭޒްއަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން އެނާއަށް ވެސް ވަނީ އެ މެޗު ގެއްލިފައެވެ.

ލިވަޕޫލް އަދި ޔުނައިޓެޑް ޕްރިމިއާ ލީގުގައި ބައްދަލުކުރާ މެޗު ފަށަނީ މިރޭ 12:00ގައެވެ.