23 Aug 2022, 08:49
މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައްދޭ ނުރައްކާތެރި ކުށްވެރިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް އިއްޔެ ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އެ ހަމަލާދިން ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަގޮތުގައި އޭނާ މަސައްކަތް ކުރަނީ އަލީ ޞާލިހްގެ ކަރަށް ހަމަލާ ދިނުމަށެވެ.
އެމްޑީއޭގެ ނައިބު ރައީސް މައުރޫފް ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
"ސަން"އާ ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަލީ ޞާލިހަށް ހަމަލާދިން މީހާގެ ތަހުގީގު އަވަސްކޮށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު އޭނާއަށް ދޭންޖެހޭ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
"މާތްﷲ އަލީ ޞާލިހަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އަދި ނުރައްކާތެރި ހަމަލާ ދިން މީހާއަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު އިލްތިމާސް ކުރަން،" މައުރޫފް ވިދާޅުވިއެވެ.
މިފަދަ އަމަލުތައް ތަކުރާރުވަމުން ދަނީ ގާނޫނީ ގޮތުން ދޭންޖެހޭ އަދަބު ނުދެވި، މުޖުރިމުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ އެފަދަ ހުރިހާ ނުރައްކާތެރި ކުށްވެރިންނަށް ގާނޫނުގައިވާ ގޮތުގެމަތިން އަދަބުދީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ވެސް މައުރޫފް ވަނީ ގޮވާލައްވައިފައެވެ.
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ސަބަބުތަކުގެ ތެރޭގައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުން ހިމެނޭ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
އެމްޑީއޭގެ ވެރިކަމެއްގައި އެންމެ ބޮޑަށް އިސްކަންދޭނެ އެއްކަމަކީ ރާއްޖޭގައި އަދުލުއިންސާފު ގާއިމުކޮށް ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީއޭގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާއި ގަދަރުވެރިކަމާ އެކީ އުފަލުގަ ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން. މިފަދަ ނުރައްކާތެރި ކުށްވެރިންނާ މެދު އަޅުގަނޑުމެންގެ ވެރިކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނަން. އަދި ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއް އަޅުގަނޑުމެން ހޯދައިދޭނަން،" މައުރޫފް ވިދާޅުވިއެވެ.
އަލީ ޞާލިހަށް ވަޅިން ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ މީގެކުރިން ވެސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އުޅެފައިވާ މީހެކެވެ. ނަމަވެސް މީގެކުރިން އޭނާ ކޮށްފައިވާ ކުށްތަކަށް ގާނޫނީ ފިޔަވަޅު މިހާތަނަށް އަޅާފައެއްނުވެއެވެ.