އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް މިއަދު ތޫނު އެއްޗަކުން ހަމަލަދިން މީހާއަކީ ކ. ގުރައިދޫއަށް ގެސްގޮސް ޗޭނު ޖަހާފައި ބާއްވަންޖެހޭ މީހެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަންކަން ވެސް ކުރައްވާ އަލީ ޞާލިހަށް މިއަދު މެންދުރު ހުޅުމާލޭ މަގުމަތިން މީހަކު ވަނީ ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައެވެ.

މި ނުރައްކާތެރި ހަމަލާ ކުއްވެރިކޮށް، ޖޭޕީގެ ނައިބު ރައީސް އަހްމަދު ސައުދު "ސަން"އަށް ވިދާޅުވީ އެއީ އަލީ ޞާލިޙްގެ ފުރާނަ ދުއްވާލަން ދިން ހަމަލާއެއް ކަން ވަރަށް ސާފު ކަމަށެވެ. އެ ސަބަބަށް ޓަކައި އެކަހަލަ ނުރައްކާތެރި މީހުން ގެންގުޅެން ޖެހޭނީ ޗޭނު ޖަހާ، ބަންދު ކޮށްގެން ކަމަށާއި އެނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޗީފް ސްޕޯކްސް ޕާސަންގެ ނަސީބުން މަރުގެ އެ އެތިފަހަރުން ސަލާމަތްވީ. އޭނާ އެ ހަމަލާ ދީފައި އެވަނީ ގެއްލުމެއް ދިނުމަކަށް ނޫން. އެއަށްވުރެ، ބޮޑަށް ސީދާ ކަރު ބުރިކޮށްލައިގެން މަރާލަން މަސައްކަތް ކޮށްފައި އެހުރީ. ވީޑިއޯ ބެލި މީހަކަށް އެނގޭނެ އޭނާ މަސައްކަތް ކޮށްފައި އެހުރީ ބިރު ދައްކާކަށް ނޫން. ހަމަ ސީދާ ފުރާނަ ދުއްވާލަންކަން،" ސައުދު ވިދާޅުވިއެވެ.

އެ ހަމަލާއަކީ ހަމައެކަނި އަލީ ޞާލިޙަށް ދިން ހަމަލާއެއް ނޫންކަން ސައުދު ފާހަގަ ކުރެއްވިއެވެ. ސައުދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އޭނާގެ ހަމަލާއެއް އަމާޒު ވެދާނެ ކަމަށާއި އޭނާ އެދަނީ ދިމާވާ ކޮންމެ މީހަކަށް ބިރު ދައްކައި މަރުގެ އިންޒާރު ދެމުން ކަމަށެވެ.

ސައުދު ވިދާޅުވީ އެކަހަލަ މީހުން މުޖުތައު ތެރެއަށް ދޫވެފައި ތިބެގެން މާދަމާ ހަމަލާ ދޭނީ ކާކުގެ ދަރިއަކަށް ކަމެއް ނޭނގޭ ކަމަށެވެ.

"މާދަމާ ނޭނގެ ކާކުގެ ދަރިއެއް ކަމެއް އޭނާގެ ޓާގެޓަކަށް ވާނީ. އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ނޫން. ނުލަފާ ކަމުން އުޅެން ފަސޭހައަކަށް އޭނާ ދެކެ އެހެން މީހުން ބިރު ގަންނަ ގޮތަށް މުޖުތަމައުގައި އުޅެން އެ ދަސް ކުރަނީ. އެކަހަލަ މީހުން ޖެހޭނީ ޗޭނު އަޅުވާ ބަންދުކޮށްފައި ބާއްވަން. އެއީ މީހަކު މަރަން ދިން ހަމާލާއެއް،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލީ ޞާލިޙުގެ ދުވަސް ދުއްވާލަން އެ ދިން ނުރައްކާތެރި ހަމަލާ ޖޭޕީގެ ފަރާތުން ވަރަށް ހަރުކަށިކޮށް ކުއްވެރި ކުރާ ކަމަށެވެ.

އަލީ ޞާލިޙަށް ދިން ހަމަލާއާ ގުޅިގެން މިއަދު ހައްޔަރު ކުރި މީހާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅުމުން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާއެވެ.

އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޖީދީމަގުގައި ތިބި ޓްރެފިކް ދެ ފުލުހުންނަށް މަރުގެ އިންޒާރުދީފައެވެ.

މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ދިރިއުޅުއްވާ ގެއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން އުޅުއްވަނިކޮށް އޭނާ ވަނީ އެ ސަރަހައްދަށް އައިސް އެތަނުގައި ތިބި ފުލުހުންނާ ޒުވާބުކޮށް މަރުގެ އިންޒާރު ވެސް ދީފައެވެ.

މިއަދުގެ ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަލީ ޞޯލިޙް ސައިކަލް މަތީގައި އިންދާ ކަޓަރެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ކަރަށް ހަމަލާ ދޭން މަސައްކަތް ކުރެއެވެ. އަދި އެ ހަމަލާއިން ސަލާމަތްވުމަށް ސައިކަލް ކުރިއަށް ދުއްވާލުމުން ކަޓަރު އެޅުނީ އޭނާގެ އަތުގައެވެ. އެއަށްފަހު ދެވަނަ ހަމަލާއެއް ދިނުމުގެ ކުރިން އަލީ ޞާލިޙް ވަނީ އެ ސަރަހައްދު ދޫކޮށް ފިލައިގެން ގޮސްފައެވެ.