22 Aug 2022, 22:12
ގައުމުގައި ހިނގާ ލާއިންސާނީ އަމަލު ހުއްޓުވޭނީ ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް މަގުމަތިން ތޫނު އެއްޗަކުން މިއަދު ހަމަލަދިނުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ އިންސާނީ ކަރާމާތަށް އަރައިގަންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅިގެން ނޫނީ އިންސާނިއްޔަތަށް ރައްކާތެރި ކަމެއް ނެތްކަމަށެވެ. އަދި މާރާމާރީ ހިންގާ މީހުންނާ ދޭތެރޭ އަމަލުކުރާނެ ދައުލަތުން ހަރުކަށި އުސޫލުތަކެއް އެކުލަވާލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އިންސާނީ ކަރާމާތަށް އަރައިގަންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅިގެން ނޫނީ އިންސާނިއްޔަތަށް ރައްކާތެރި ކަމެއް ނެތް،" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އިސްލާމީ ދައުލަތެއްގައި އިސްލާމީ ޝަރީއަތް ތަންފީޒުވާންޖެހޭނެ ކަމަށެވެ. އަދި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އިންސާފު ލިބެންޖެހޭ މީހުނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އަދުލުއިންސާފުގެ ދާއިރާގައި ބޮޑެތި މީހުންނަށް ވަކި ގޮތެއް ނިކަމެތީންނަށް ދެރަގޮތް އޮތުމުގެ އިހްސާސް މުޖުތަމައުގައި ކުރެވުމަކީ އިންސާނީ ކަރާމާތައް އޮތް ހުރުމަތެއް ކަމަށް ނުދެކޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ބިރުގަންނަ މިންވަރަށް އިންސާނުންގެ ކަރާމާތަށް އަރައިގަންނަކަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެންމެ ދުވަހަކު މި ވާހަކަ ދައްކާފައި ހުއްޓާލުމުގެ ބަދަލުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި މިފަދަ މައްސަލަތައް ބެލުމަށް އާމިރު ގޮވައިލެއްވިއެވެ.
"ރޯމާ ދުވާލު އިންސާނުންގެ ކަރާމާތަށް އަރައިގަންނަމުން އިންސާނުންނަށް ތަފާތު އެކި އަނިޔާތައް ދެމުން އެދަނީ. ހަމަ ބައެއް އިންސާނުންނާ ދޭތެރޭގަ ވަރަށް ނޭއްގާނީ އަމަލުތައް ރައްޖޭގަ އެބަ ހިންގާ. ދާދިފަހުން ވެސް މީހަކު މަރާލީ ކަރުވެސް ބުރިކޮށްލާފަ. ޒިންމާދާރުކޮށް މިފަދަ މައްސަލަތައް ބަލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
މިއަދު ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން އާމިރު ކުއްވެރިކުރެއްވިއެވެ.
"އެބާވަތު ކަންކަން ހިނގަނީ އާންމު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދައުލަތުން ވެސް ކަށަވަރު ކުރެވެންވާވަރަށް ކަށަވަރު ނުކުރެވި އޮތީމަ،" އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނުކަން ވެސް ކުރައްވާ އަލީ ޞާލިހަށް ވަޅިން ހަމަލާދީފައި ވަނީ ހުޅުމާލޭ ބޮޑުމަގުގައި ހުންނަވަނިކޮށެވެ. އޭނާއަށް ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.