22 Aug 2022, 18:55
ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް މިއަދު ތޫނު އެއްޗަކުން ހަމަލަދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ މީގެ އެއް ދުވަސް ކުރިން ދެ ފުލުހަކަށް މަރުގެ އިންޒާރު ދިންކަން ހާމަވެއްޖެއެވެ.
އަލީ ޞާލިހަށް މިއަދު މެންދުރު ހުޅުމާލޭ މަގުމަތިން ވަނީ މީހަކު ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ, ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅުމުން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާއެވެ.
އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޖީދީމަގުގައި ތިބި ޓްރެފިކް ދެ ފުލުހުންނަށް މަރުގެ އިންޒާރުދީފައެވެ. އެ މަންޒަރު ވަނީ އެރޭ އަތުނުގައި ތިބި ނޫސްވެރިންނަށް ވެސް ފެނިފައެވެ.
މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ދިރިއުޅުއްވާ ގެއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން އުޅުއްވަނިކޮށް އޭނާ ވަނީ އެ ސަރަހައްދަށް އައިސް އެތަނުގައި ތިބި ފުލުހުންނާ ޒުވާބުކޮށް މަރުގެ އިންޒާރު ވެސް ދީފައެވެ.

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހާ --- ފޮޓޯ/ ދައުރު
އެގޮތުން އޭނާ ދުއްވަން އިން ސައިކަލު މަޖީދީމަގުގެ އެއް ފަރާތުގައި ބެހެއްޓުމުން ފުލުހުން ވަނީ އެތަނުގައި ސައިކަލް ނުބެހެއްޓޭނެ ކަމަށް ބުނެފައެވެ.
"މަށެއް ނުނެގޭނެ. މަގޭގައިގަ ދެން އަތްލާނީ މިބުނާހެން ކަލޭމެން މަރުވާން ބޭނުމިއްޔާ," އެހެން ބުނުމަށްފަހު އޭނާ ސައިކަލަށް އަރިގެން ދާން އުޅުމުން އެތަނުގައި ހުރި ދެ ފުލުހުން ވަނީ އޭނާ ހިފަހައްޓަން މަަސައްކަތް ކޮށްފައެވެ.
ދެ ފުލުހުން އައިސް ސައިކަލު ކުރިމައްޗަށް އެރުމުން އޭނާ ވަނީ ސައިކަލު އެތަނުގައި ބެހެއްޓުމަށްފަހު ހިފަހައްޓަން އުޅުނު ފުލުސް މީހާ 'ފޮޅާލުމަށްފަހު' ދުރަށް ގޮސްފައެވެ.
"ނުއަތްލައްޗޭ މަގޭގައިގަ. މަރާލާނަން އަތްލައިފިއްޔާ. ނާންނާތި ނގ**. ނާންނާތި އެއް ބޅ ވެސް ދެން. މަރާ ވައްޓާލާނަން އައިސްފިއްޔާ," އަވަގުރާނަ ގޮވަމުން ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހާ އެތަނުގައި އަޑުގަދަކުރިއެވެ.
އޭނާ ދުއްވަން އިން ސައިކަލު ޓޯޔާޑަށް ގެންގޮސްފި ނަމަ އެތަނުގައި އަލިފާން ރޯކޮށްލާނެ ކަމަށް ވެސް އޭނާ ގޮވިއެވެ. އެތަނުން އޭނާ ގެންގޮސްފައިވަނީ އެހެން ސައިކަލެއްގައި އައި މީހެކެވެ. އޭނާ އައިސް ފުލުހުންނާ ވާހަކަ ދެއްކުމަށްފަހު އިންޒާރު ދިން މީހާ އޭނާ ދުއްވަން އިން ސައިކަލަށް އެރުވުމަށްފަހު އެ ސަރަހައްދުން ފޮނުވާލި މަންޒަރު ވެސް އެތަނުގައި ހުރި ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
އަލީ ޞާލިހަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ މިއަދު އުޅުނީ ވެސް ހަމަ އެ ރޭ ދުއްވި ސައިކަލުގައެވެ. ކަޅު ކުލައިގެ އެ އެއާބްލޭޑްގައި ވަނީ އެއް ރެޖިސްޓްރީ ނަންބަރެކެވެ.