22 Aug 2022, 19:17
އިޓަލީގެ ރޯމާއަށް ކުޅެމުންއަންނަ ނެދަލެންޑްސް ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރާ ޖޯޖީނިއޯ ވައިނާލްޑަމްގެ ފައި ބިނދި އޭނާއަށް މިއަހަރު ކުޅޭ ގަތަރު ވޯލްޑުކަޕް ގެއްލިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ވައިނާލްޑަމްގެ ފައި ބިނދިފައިވަނީ ރޯމާގެ ފަރިތަކުރުމުގެ ތެރޭގައި ބައިވެރިވެގެން އުޅުމުގެ ތެރޭގައެވެ.
ރޯމާއިން ބުނީ ވައިނާލްޑަމްއަށް ލިބިފައިވާ އަނިޔާގެ މިންވަރު ދެނެގެނެ އެނބުރި އަންނާނެ ތާރީޚެއް ހާމަކުރުމަށް ކުޅުންތެރިޔާ އިތުރު ޓެސްޓުތަކެއް ހަދާނެކަމަށެވެ.
ނަމަވެސް އެ އަނިޔާއިން ރަނގަޅުވެ ކުޅުމުގައި ބައިވެރިވެވޭނެ ވަކި ތާރީޚެއް މިވަގުތު ބުނަން ނޭނގުނަސް ގިނަ މަސްތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ސްޕޯޓްްސް ބްރީފްއިން ވަނީ ރިޕޯޓުކޮށްފައެވެ.
އެހެންކަމުން އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ވޯލްޑުކަޕުގައި އޭނާ ކުޅުން ވަނީ ޝައްކެއްގެ ތެރޭގައެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ވައިނާލްޑަމް އަކީ އެ ޓީމުގެ ވައިސް ކެޕްޓަންގެ ރޯލު އަދާކުރާ ކުޅުންތެރިޔާއެވެ.
ވޯލްޑުކަޕްގައި ނެދަލެންޑްސް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. އެ ގުރޫޕްގައި ނެދަލެންޑްސްގެ އިތުރުން ހިމެނެނީ ޗެމްޕިއަން ސެނެގާލް އާއި ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯ ގެ އިތުރުން މުބާރާތް ބާއްވާ ގަތަރެވެ.
ފްރާންސްގެ ޕީއެސްޖީން މި ސީޒަނަށް ލޯނު އުސޫލުން ރޯމާއަށް ދޫކޮށްފައިވާ ވައިނާލްޑަމް ވަނީ އެ ޓީމު 1-0 ގެ ނަތީޖާއަކުން ސަލާނިޓަނާ ބަލިކުރި މެޗުގައި ކުޅެފައެވެ.