22 Aug 2022, 18:27
ގައުމު ބިނާކުރުމުގައި އިލްމީ ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ، "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި، ގައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި، އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ، ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ފަގީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށެވެ. އަދި އިގްތިސާދު ހަރުދަނާވެ ސިނާއަތްތައް ކުރި އެރުމާއި، މުޖުތަމައު ބިނާކުރުމަށް ވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިރާސާ އަކާ ނުލައި ތަރައްގީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތްކަމަށެވެ. އަދި ގައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީވެސް، އިލްމީ ދިރާސާތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ޒަމާނީ އާ ހޯދުންތަކާއި އީޖާދުތަކަށް މުޖުތަމައު ވާސިލްކޮށްދެނީ ދިރާސާތަކުން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ސަރުކާރުތަކުން ވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އައްސަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި މިކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްގީ އަށާއި ދިވެހީންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން މިކޮންފަރެސް ބާއްވަމުން އަންނަތާ މިއީ ފަސް ވަނަ އަހަރެވެ.
މިއަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 22 އިން 23އަށް ގައުމީ ޔުނިވާސިޓީގައެވެ.