އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކޮށްގެން އެދެވޭ ހައްލުތަކެއް ހޯއްދަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އެ ކައުންސިލަަށް ދިމާވި ބައެއް ދަތިތައް ހައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްޤީގެ މަޝްރޫއު ހިންގާ އެއް ސިޓީކަން އުފަލާއެކު ފާހަގަކުރައްވައި ރައީސް، އެ ސިޓީ ކައުންސިލާ ގިނަ ގިނައިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުންދާ ކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މައުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އިޖުތިމާއީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖްލިސް މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެން އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.