29 Mar 2012, 19:50
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ފަހު ކުއާޓާ (އޮކްޓޯބަރު ން ޑިސެމްބަރުގެ ނިޔަލަށް) ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 125.87 މިލިއަން ރުފިޔާ ލިބި، ލޯނުގެ ޕްރޮވިޝަންއަށް ކެޑުމުން ބޭންކުގެ ފައިދާ ސުމަކަށް ވެއްޓިއްޖެ އެވެ.
ބީއެމްއެލްއިން ލޯނަށް ޕްރޮވިޝަން ހަދަން ފެށީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 2009ގައި އާންމުކޮށްފައިވާ "ޕްރޫޑެންޝަލް ރެގިއުލޭޝަން" އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއިން (އެޕްރީލުން)ފެށިގެން އަމަލުކުރަން ފެށުމުންނެވެ.
އެބޭންކު މިއަދު އާންމު ކުރި މިދިޔަ އަހަރުގެ ފަހު ތިންމަސްދުވަހުގެ ހިސާބުތަށް ދައްކާގޮތުން މި ދިޔައަހަރުގެ ފަހު ކުއާޓާގައި ބޭންކަށް 206.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ހިންގުމުގެ ފައިދާއަށް ލިބުނު 125.87 މިލިއަން ރުފިޔާ ވަނީ ލޯނުގެ ޕްރޮވިޝަން އަށް ކަޑާފަ އެވެ. އެއާ އެކު ބެންކަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައިވެސް ފައިދާއެއްނުލިބުނެވެ. ވޭތުވެ ދިޔަ އަހަރުގެ ދެ ވަނަ ކުއާޓައިގަ އާއި ތިން ވަނަ ކުއާޓާގައިވެސް ޕްރޮވިޝަން ކެޑުމާ ގުޅިގެން ބޭންކަށް ފައިދާއެއް ލިބިފައެއްނުވެ އެވެ.
ނަމަވެސް ދެވަނަ ކުއާޓާގައިވެސް (އެޕްރީލުން ޖޫންގެ ނިޔަލަށް) ބޭންކުގެ އާމްދަނީގެ ގޮތުގައި 197.4 މިލިއަން ރުފިޔާ ލިބި، 139 މިލިއަން ރުފިޔާ ވަނީ ފައިދާގެ ގޮތުގައި ލިބިފަ އެވެ. އަދި ތިން ވަނަ ކުއާޓާގައިވެސް (ޖުލައިން ސެޕްޓެމްބަރުގެ) އާމްދަނީއަށް 152.1 މިލިއަން ރުފިޔާ ލިބި، ފައިދާއަށް 80.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ލޯނުތަކަށް ޕްރޮވިޝަން ނަހަދާ ފުރަތަމަ ކުއާޓާ (ޖެނުއަރީން މާޗަށް) ފައިދާގެ ގޮތުގައި 12.2 މިލިއަން ރުފިޔާ ވަނީ ޖެހިފަ އެވެ. ޕްރޮވިޝަންއަށް ހެދުމުން ބޭންކަށް ފައިދާއެއް ނުލިބުނަސް ބޭންކުގެ ހިންގުމުގެ ފައިދާ މަހުން މަހަށް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
ބޭންކުން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ އަކީ އޭގެ ކުރީ ތިން މަސް ދުވަހުގެ ފައިދާއާ އަޅާބަލާއިރު 56 ޕަސެންޓް އިތުރުވެ އަދި 2010 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ ވެސް 36 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
"މިއީ ރެކޯޑް މިންވަރެއްގެ ފައިދާ އެކެވެ،" ބޭންކުން ނެރުނު ބަޔާނުގައިވެ އެވެ.
ބީއެމްއެލްގެ ހިއްސާއެއް ހިއްސާގެ ބާޒާރުގައި އެންމެ ފަހުން ވިއްކާފައިވަނީ 73ރ. ގެރޭޓުންނެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާރިޕޯޓް ބީއެމްއެލްއިން މިއަދު އާންމުކުރީއިރު އެ ރިޕޯޓުން ކަޑައަޅާފައިވާ މުއްދަތުގައި ޝާއިއު ނުކުރުމުން ސީއެމްޑީއޭއިންވަނީ ބޭންކް 10،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.