26 Jul 2010, 05:50
10:00
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އެޅި ގައުމީ ދާރުލް އާސާރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހުޅުވައިދެއްވައިފި އެވެ.
ގައުމީ ދާރުލް އާސާރު ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ދާރުލްއާޘާރުގެ އާ ޢިމާރާތުގެ މަސައްކަތް ފެށިގެން އައިއިރު، އެކަމުގައި އުޅުއްވި ބޭފުޅުންނަށާއި އަދި އެމަސައްކަތް މިއަދު ނިމުނުއިރު އެކަމުގައި އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުންނަށް، އެބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި ޤައުމީ ދާރުލްއާޘާރެއް ރާއްޖޭގައި ހުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ވެރިކަމުގެ ތާރީޚު އެންމެ ބޮޑަށް ފެނިގެންދާނީ، މި ދާރުލްއާޘާރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަކީ ވަރަށް ދުވަސްވީ ތަނެއްކަން ފާހަގަކުރައްވަމުން، އެއްހާސް އަހަރަށް ދެމިގެންދާ ލިޔެވިފައިވާ ތާރީޚެއް މިރާއްޖޭގައި އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ލިޔެފައިނުވި ނަމަވެސް، ފެންނާންހުރި އާޘާރީ ތަކެއްޗަށް ބަލާއިރު، ރާއްޖެއަކީ ވަރަށް ޤަދީމީ ރާއްޖެއެއް ކަމަށާއި، ރާއްޖޭގައި އާބާދީއެއް އުފެދި، ދިވެހިންގެ ތެރޭގައި ވެރިކަމެއް އުފެދި، އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަތާ އެތައް ޒަމާންތަކެއް ވެއްޖެ ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތާރީޚުގެ އަލީގައި މިހާރު އަޅުގަނޑުމެން ކަންތައްތައް ކުރަމުންދާއިރު، ދިވެހި ރައްޔިތު މީހާގެ ޙައްޤަށް، ޚާއްޞަކޮށް، އިންސާނީ ޙައްޤަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި، އޭނާއަށް އެއްވެސް ގޮތަކުން ޖިސްމާނީ އަނިޔާއެއް ލިބުމަކީ މިއަދު ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
މިއަދު ހެނދުނު އޮތް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ ގައުމީ ދާރުލް އާސަރަކީ މާލެ އަށް އައި ވަރަށް ބޮޑު ޒީނަތްތެރި ކަމެއް ކަމަށެވެ. އަދި މާޒީގައި ވެ ގޮސްފައިވާ ތާރީޚީ ކަންތައްތައް ގައުމީ ދާރުލްއާސާރުގެ ސަބަބުން މާލޭގެ ފަސްގަނޑުން ފެނިގެންދާނެ ކަމަށް ވެސް ޑރ. ސަވާދު ވިދާޅުވި އެވެ.
ޤައުމީ ދާރުލްއާޘާރު ހުޅުވުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮތް، މިރަސްމިއްޔާތުގައި ނެރުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ އެވެ.
ޤައުމީ ދާރުލްއާޘާރުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެތަން ބައްލަވާލެއްވި އެވެ.