މޮސްކޯ (22 އޮގަސްޓް 2022): ރަޝިއާގެ އަސްކަރީ މައި ބަނދަރުތައް އޮންނަ ކަޅު ކަނޑުގެ ސަރަހައްދަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް ވަންނަމުންދާތީ ރަޝިއާއިން އެކަމާ ކަންބޮޑުވެއްޖެއެވެ.

ރަޝިއާގެ ދިފާއީ ވަޒީރު ސަރްގީ ޝުވީގޯ ވިދާޅުވީ އެމެރިކާގެ އަސްކަރީ މަނަވަރެއްކަމަށްވާ "މައުންޓް ވައިޓްނޭ" ކަޅުކަނޑަށް ވަދެ ދަތުރުކުރަމުން ގެންދާކަމަށާއި އެ މަނަވަރުގެ ހަރަކާތްތައް ވަރަށް ގާތުން ރަޝިއާ ބަލަމުން ގެންދާކަމުގައެވެ.

ޝުވީގޯ ވިދާޅުވި ގޮތުގައި އެމެރިކާގެ އެހެން މަނަވަރުތަކެއްވެސް ދަނީ ކަޅުކަނޑަށް ވަނުމަށް ތައްޔާރުވަމުންނެވެ. މިއާއެކު ރަޝިއާ ގެންދަނީ އެ މަނަވަރުތަކުގެ ހަރަކާތްތައް ވަގުތުން ވަގުތަށް ބަލަމުންނެވެ.

ރަޝިއާއަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ބެލުމަށް ޚާއްސަކޮށްގެން ޖާސޫސީ ސެޓަލައިޓްތަކެއްވެސް ޖައްވަށް ފޮނުވާފައިވާ ގައުމެކެވެ. މީގެއިތުރުން ކަޅުކަނޑުގައި ރަޝިއާގެ ޖާސޫސީ ސަބްމެރިންތައްވެސް ބުރުޖަހައެވެ.

ރަޝިއާ ސިފައިންނާ ހަވާލާދީ އެގައުމުގެ ސްޕޮޓްނިކް ނޫސް އެޖެންސީ ބުނާގޮތުން އެމެރިކާގެ މަނަވަރެއް ކުއްލި ގޮތަކަށް ކަޅުކަނޑަށް ވަދެފައިވަނީ ޖިއޮޕޮލިޓިކަލް ބޭނުންތަކެއް ހާސިލް ކުރުމަށާއި ޖާސޫސު ކުރަންކަމަށް ބެލެވެއެވެ.

ކަޅުކަނޑު

އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި އަސްކަރީ އުޅަނދުތައް ކަޅުކަނޑަށް ވަނުމަކީ އާންމު ކަމެއްނޫނެވެ. ކަޅުކަނޑުގައި އާންމުކޮށް ހަރަކާތްތެރިވަނީ އެކަނޑަށް އައްސޭރިވާ ރަޝިއާއާއި ޔުކްރެއިން އާއި ތުރުކީ ފަދަ ގައުމުތަކުގެ އަސްކަރީ އުޅަނދުތަކެވެ.

ޔުކްރެއިން ހަނގުރާމަ ފެށުނުތަނާ އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރެއްވެސް ކަޅުކަނޑަށް ވަނެވެ. ނަމަވެސް ފަހުން އެމަނަވަރުވަނީ ކަޅުކަނޑުން ނުކުމެފައެވެ.

ކަޅުކަނޑަށް ވަދެގެން އުޅޭ އެމެރިކާގެ މަނަވަރާ ބެހޭގޮތުން ރަޝިއާގެ ޕާލަމެންޓް "ދޫމާ"ގެ ނައިބު ރައީސް މިޚައިލް ޝްރިމިތް ވިދާޅުވީ އެމެރިކާގެ މަނަވަރުން ރަޝިއާއާ ދެކޮޅަށް އުދުވާނީ އެއްވެސް އަމަލެއް ހިންގައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެކަން އެމެރިކާ ދަންނަން ޖެހޭނެކަމަށެވެ.

ރަޝިއާގެ ދެކުނުގައި އޮންނަ ކަޅުކަނޑަކީ ކޮންމެވެސް ވަރަކަށް ބެދިފައިވާ އަދި ރަޝިއާގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ކަމުގައި ބެލެވޭ ކަނޑެވެ. އެކަނޑުން ނުކުންނަ ކަނޑުއޮޅިއަކީ ތުރުކީގެ އިސްތަންބޫލްގެ މެދުތެރޭގައި އޮންނަ ބޮސްފެރޮސް ސްޓްރެއިޓް އެވެ.

ކަޅުކަނޑުން ދަތުރުކުރާ އުޅަނދުތައް ބޮސްފެރޮސް ސްޓްރެއިޓް ހުރަސްކުރުމަށްފަހު ނުކުންނަނީ މަރުމަރާ ކަނޑަށެވެ. އެއީ ވަރަށް ކުޑަ ކަނޑެކެވެ. މަރުމަރާ ކަނޑުގައިވާ ޑާޑަނޭލްސް ކަނޑުއޮޅި ހުރަސްކޮށް ދެން ނުކުމެވޭނީ އޭޖިޔަން ކަނޑަށެވެ. އޭޖިއަން ކަނޑު އޮންނަނީ މެޑިޓަރޭނިއަން ކަނޑާ ގުޅިފައެވެ.