ފާއިތުވި ހަފުތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 14ވަނަ ދުވަހުން، މިދިޔަ ހޮނިހިރު ދުވަހާ ދެމެދު މާލެ ސަރަހައްދުން 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަތޮޅުތެރެއިން 35 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން 48 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފުތާގައި ޖުމްލަ 99 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 106 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިދިޔަ ހަފުތާގައި ނުވަ މީހުން އެ ބަލީގައި އެނދުމަތި ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި ފަސް މީހަކު ވަނީ ކޮވިޑްގެ ސަބަބުން އެނދުމަތިކޮށްފައެވެ.

މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 184،788އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 307އެވެ.