ކިޔޭވް (22 އޮގަސްޓް 2022): ޔުކްރެއިންގެ މިނިވަން ދުވަހާ ދިމާކޮށް ރަޝިއާއިން ޔުކްރެއިންގެ އެތަންމިތަނަށް ވަރުގަދަ ހަމަލާތަކެއް ދީފާނެކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ލަފާ ކުރައްވައިފިއެވެ.

ޔޫކްރެއިނުގެ ރައްޔިތުންނަށް އަމާޒު ކުރައްވައި ދެއްވި ޚާއްސަ ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ ޔުކްރެއިންގެ މިނިވަން ދުވަސް ޚަރާބުކޮށްލުމަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފާނެކަމަށް ބެލެވޭތީ ރައްޔިތުން އެކަމަށް ހޭލައި ތިބެންޖެހޭ ކަމުގައެވެ.

ޔުކްރެއިންއަކީ ކުރީގެ ސޮވިއެޓް ޔުނިޔަން (ކުރީގެ ރޫސީވިލާތުގެ އިއްތިޙާދު)ގައި ހިމެނުނު ގައުމެވެ. ޔުކްރެއިންއިން އެގައުމުގެ މިނިވަންކަން އިއުލާނުކުރީ 24 އޮގަސްޓް 1991 ގައެވެ. ނަމަވެސް އޭރު ސޮވިއެޓް ޔުނިޔަން ރޫޅުނުކަން އަދި އިއުލާނު ނުކުރެއެވެ. އެއީ ސޮވިއެޓްގެ އިއްތިޙާދުގައި ބައެއް ގައުމުތައް އޮތުމުންނެވެ.

ސޮވިއެޓް އިއްތިޙާދުގެ ހުރިހާ ގައުމުތަކެއް ވަކިވެގަތުމާ ގުޅިގެން ރަސްމީ ސިފައެއްގައި ސޮވިއެޓް ޔުނިޔަން ރޫޅުނުކަން އިއުލާނުކުރީ 1991 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. އެހެންކަމުން ޔުކްރެއިންގެ މިނިވަން ދުވަހަކީ 24 އޮގަސްޓް 1991 އެވެ. ޔުކްރެއިންއިން މިމުނާސަބާ ފާހަގަކުރަނީ ކޮންމެ މިލާދީ އަހަރެއްގެވެސް އޮގަސްޓްމަހުގެ 24 ވަނަ ދުވަހުއެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ 24ގައި ޔުކްރެއިން ފާހަގަކުރާނީ ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން)ގެ އަތްދަށުން މިނިވަންކަން ލިބުނުތާ 31 އަހަރު ފުރުމުގެ މުނާސަބަތެވެ. ޔުކްރެއިންއަށް މިނިވަންކަން ލިބުނުތާ 31 އަހަރު ފުރޭދުވަހަކީ ރަޝިއާއިން އެގައުމާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ހަ މަސްފުރޭ ދުވަހެވެ.

ޔުކްރެއިންގެ މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާއިން ނުރައްކާތެރި ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ޔޫކްރެއިންގެ ރައީސް ދެއްވުމާ ގުޅިގެން ޔުކްރެއިންގެ ސިފައިން ވަނީ އެގައުމުގެ ވެރިރަށް ކިޔޭވް އާއި އެނޫން ބޮޑެތި ސިޓީތަކުގައި ސަލާމަތީ ފިޔަވަޅުތަކާއި ދިފާއީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި ޔުކްރެއިންގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޚާކީވުގައި އިއުލާނު ކޮށްފައިވާ ކާފިއުގެ ވަގުތުތައް އިތުރު ކުރުމަށްވެސް ޔުކްރެއިންގެ ސަރުކާރުންވަނީ ނިންމާފައެވެ.

ރަޝިޔާއިން އިއްޔެވަނީ ޔޫކްރެއިނުގެ ދެކުނުގެ ސިޓީއެއްކަމަށްވާ މިކޮލައިވްގެ ޓައުން އެއްކަމަށްވާ ވޮޒްނެސެންސްކްއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާއިން ޔުކްރެއިންއަށް ފޮނުވާ ހަތިޔާރުތައް ރައްކާކޮށްފައިވާ ގުދަނަކަށް ކަމަށް ރަޝިއާ ބުނެއެވެ. ނަމަވެސް ޔުކްރެއިންއިން ބުނެފައިވަނީ ރަޝިއާގެ ހަމަލާތައް އަމާޒުކުރީ އާންމު ދިރިއުޅޭ ސަރަހައްދަކަށެވެ. މި ހަމަލާގައި ޢާންމުންގެ 14 މީހުން ޒަޚަމްވި ކަމަށްވެސް ޔުކްރެއިނުން ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައި ރަޝިއާ ކޮންޓްރޯލްކުރާ ކްރައިމިޔާ ސަރަހައްދުގައިވާ ރަޝިއާ އަސްކަރީ މަރުކަޒަރަކަށް ގޮތްނޭންގޭ ޑްރޯން ހަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. އެހަމަލާތަކުގައި އެ މަރުކަޒުގައި އަލިފާން ހިފައި ރަޝިއާގެ އަސްކަރީ ހަތިޔާރުތަކެއް ހަލާކުވިކަމަށް ޚަބަރުތައް ބުނެއެވެ.

ކްރައިމިއާގައިވާ ރަޝިއާގެ އަސްކަރީ މަރުކަޒަށް ހަމަލާދިނީ ޔުކްރެއިނުންކަމަށް ބެލެވިފައިވީނަމަވެސް ޔުކްރެއިންއިން މިކަމަށް އެއްބަސްވެފައެއް ނުވެއެވެ. އެހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ރަޝިއާއިން ޔުކްރެއިންއަށް ދިން މިސައިލް ހަމަލާތަކުގައި ޔުކްރެއިން ސިފައިންގެ 18 ސަތޭކަ މީހުންނާއި ޔުކްރެއިން ހަނގުރާމައިގާ ބައިވެރިވާ އެމެރިކާގެ ކުލީ ސިފައިންގެ 20 މީހުން މަރުވިކަމަށް ރަޝިއާ ބުނެފައިވެއެވެ.

ރަޝިއާގެ ހަމަލާތަކާބެހޭގޮތުން ޔުކްރެއިން އެއްޗެއް ބުނެފައެއް ނުވެއެވެ. ރަޝިއާ ބުނާގޮތުން އެގައުމުގެ ސިފައިން ގެންދަނީ އެމެރިކާއިން ޔުކްރެއިން އަށް ފޯރުކޮށްދޭ ހަތިޔާރުގެ ޝިޕްމަންޓްތަކަށާއި އެމެރިކާގެ ހަތިޔާރުތައް ރައްކާކުރާ ގުދަންތަކަށް ކާމިޔާބު ހަމަލާތަކެއް ދެމުންނެވެ.