ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް އެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ދެ މެންބަރަކު ވަނީ ބުނެފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު އެ ހާދިސާއަށް އެއް ހަފްތާވުމާ ގާތްވެފައިވާއިރު މިހާތަނަށް ވެސް އެ ޕްލެޓްފޯމް ނެގުމަށްޓަކައި އެ ބްރިޖުގެ މަސައްކަތް ކުރާ ކުންފުނިން ވެސް އަދި ސަރުކާރުގެ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.

"އޭގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެ ފަރަށް ލިބެމުންދާ ގެއްލުން ހުއްޓުވުމަށްޓަކައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުމަށް ސަރުކާރުން މިހާރުން މިހާރަށް ފެށުމަކީ މުހިއްމު ކަމެއް" މެންބަރު އުޝާމް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ގާތުން ބަލަން ޖެހޭކަމަށެވެ.

ބްރިޖްގެ ޕްލެޓްފޯމް ފަރަށްއެރި ހާދިސާއާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް "ސަން"އަށް ވިދާޅުވީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ފަރަށް ގެއްލުމެއް ލިބިފަވާނަމަ ބަޔަކު ޖޫރިމަނާ ކުރާނެތޯ ނުވަތަ އެކަންކަން ކުރިއަށް ދާނީ ކިހިނެއްތޯވެސް ބުނެދެން އިނގޭނީ މިހާރު ބަލާ ކަންކަން ނިމުނީމަ. ލިބުނު ގެއްލުމަށް ބަލާފަ އިނގޭނީ ޖޫރިމަނާ ކުރާނަމަ ކުރާނެ ވަރެއްވެސް ބުނަން. އަދި ނޭނގެ އެހެން ބުނާކަށް،" ނައީމް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަހުގެ ދެވަނަ ދުވަހު އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފައެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަރާފައިވާއިރު، މިފަދަ ހާދިސާތަކުގައި ފަރުތަކަށް ލިބޭ ގެއްލުމަށް އީޕީއޭއިން ބޮޑެތި ޖޫރިމަނާތައް ކުރެއެވެ.