22 Aug 2022, 11:52
ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން 2005 ވަނަ އަހަރު ގދ. ހޯނޑެއްދޫގައި ހަދަން ފަށާފައިވާ މަސް ފެކްޓަރީގެ މަސައްކަތް އެ ކުންފުނިން ނުކުރަނީ އެކަމުން އެ ކުންފުންޏަށް ފައިދާއެއް ނުވާނެތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވަނީ އެތަން އޮޕަރޭޝަނަށް ނުގެނެވި އިތުރު އިންވެސްޓްމަންޓްތަކަށް ޚަރަދު ކުރާއިރު އެތަން އޮޕަރޭޝަނަށް ގެނައުމުގައި މިނިސްޓްރީގެ ޒިންމާއަކީ ކޮބައިތޯ އައްސަވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ގިނަ ވެގެން ފަހެއް ނުވަތަ ހަ މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު އެ ކުންފުނީގެ މީހުންނާ ވާހަކަދެއްކީމަ އެބޭފުޅުން ވިދާޅުވަނީ ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތިމަންނަމެން އެތާ މަސައްކަތް ނިންމިި ނަމަ ވެސް އެތަނަށް މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލް ކަމަކަށް ނުވެޔޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏަށް އެންމެ ދަށްކޮށް މަސް ގަނެވޭނެ ފްލޯ ޕްރައިސްއަކީ 13 ރުފިޔާ ނަމަވެސް ސަރުކާރު ކުންފުނިތަކުން 17 ރުފިޔާއަށް މަސް ގަންނަ ކަމަށެވެ.
ހޯނޑެއްދޫ ފެކްޓަރީ އޮޕަރޭޝަނަށް ގެނަޔަސް 17 ރުފިޔާއަށް މަސް ގަނެގެން އޭގެއިން ފައިދާ ވާނެ ކަމަށް އެ ކުންފުންޏަށް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެމީހުންނަށް ފައިދާ ނުވާ ވިޔަފާރިއެއް މިހާރު މަސް ގަންނަ އަގުގައި އެމީހުން ލައްވާ ކުރުވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ދާދި ފަހުން ގދ. އަތޮޅު ކައުންސިލުން ނެރުނު ގަރާރެއްގައި ވަނީ ހޯނޑެއްދޫގައި ހަދަން ފަށާފައިވާ މަސް ފެކްޓަރީ ހުޅުވައި، މަސްކިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ހުވަދު އަތޮޅުގެ މަސްވެރިން ވަރަށް ބޭނުންވާ ކަމެއް ކަމަށް ބުނެފައެވެ. އަދި އެ ފެކްޓަރީގެ މަސައްކަތް ނުކުރާ ނަމަ އެ ކުންފުންޏަށް ދީފައިވާ ބިމުގެ އެގްރިމަންޓު ބާތިލުކޮށް ދިނުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.