22 Aug 2022, 11:08
ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހެދިފައި ހުރި ދަނބު ގަސްތަކުން ދަނބު ބިންނަން މީހުން ގަސްތަކަށް އަރާތީ އެކަން ނުކުރުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެދިއްޖެއެވެ.
ހުޅުމާލޭގެ ގިނަ ހިސާބުތަކެއްގައި ދަނބު ގަސް ހުންނައިރު މި ދުވަސް ވަރު އެ ގަސްތަކުގައި ވަރަށް ބައިވަރު ދަނބު އަޅާފައި ހުރެއެވެ. ބިދޭސީން ހިމެނޭގޮތަށް ގިނަ ބަޔަކު އަންނަނީ ކޮންމެ ދުވަހަކު ވެސް ދަނބު ބިންނަމުންނެވެ.
ދަނބު ބިންނަން ގިނަ ބަޔަކު ގަސްތަކަށް އަރައެވެ. އޭގެ ސަބަބުން ގޮފިތައް ބިނދުން ފަދަ އެތައް ގެއްލުމެއް ގަސްތަކަށް ލިބެއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ދަނބު ބިނުން މަނާ ނުކުރާ ކަމަށާއި ނަމަވެސް ގަސްތަކަށް އަރައިގެން އެކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ގަސްތަކަށް ނޭރުން. އެކަން އެގޮތަށް ކުރޭތޯ އަޅުގަނޑުމެން ބަލަމުން ދާނީ ވެސް،" އޭނާ ވިދާޅުވިއެވެ.
ދަނބު ބިންނަން ބައެއް މީހުން ގަސްތަކަށް އަރާއިރު އަނެއް ބަޔަކު ތިރީގައި ތިބެގެން ދަނޑިން ވެސް ބިނދެ ހަދައެވެ.
ދަނބު ވިއްކަން ހުޅުމާލޭގައި ގިނައިން އުޅެނީ ބިދޭސީންނެވެ. ދަނބު ކޮތަޅެއް އެ މީހުން ވިއްކަނީ 50 ރުފިޔާއަށެވެ.