ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިލްމީ ދިރާސާތައް ހުށަހަޅަން ބާއްވާ ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ މިއަދު ފަށައިފިއެވެ.

މިއީ އެމްއެންޔޫއިން ބާއްވާ ފަސްވަނަ ތެވެލި މަހާސިންތާއެވެ. މިފަހަރުގެ މަހާސިންތާ އޮންނާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

މި އަހަރުގެ މަހާސިންތާ ހާއްސަކޮށްފައި ވަނީ ގައުމު ބިނާކުރުމަށްޓަކައި ކުރާ ދިރާސާތަކަށެވެ.

މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ދިރާސާތަކުން ލިބޭ މައުލޫމާތަކީ ގައުމު ބިނާކުރުމަށް ލިބިދޭ މުހިންމު ބާރެއް ކަމަށެވެ.

ހަމައެއާއެކު، އެކިއެކި އާ މައުލޫމާތު ހޯދަން ކާބަފައިންގެ ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އެމީހުންނަށް ތަފާތު ކަންކަން ދަސްވެ، އޮޅުންފިލި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު މި ބޭނުންކުރާ އިނޮވޭޝަންތަކާއި އެޑްވާންސްމެންޓްތައް ބޭނުންކުރަން މެދުވެރިވި އެއްޗަކީ ރިސާޗުތައް،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންނާ އެންމެ އެކަށޭނެ ގޮތްތަކަށް ގާނޫނުތައް ބައްޓަން ކުރަން ގާނޫނު ހަދާ ބޭފުޅުންނަށް ދަސްކޮށްދިން އެއްޗަކީވެސް ދިރާސާތައްކަން ސާބިތުވެފައިވާ ކަމަށެވެ. އަދި ދުރަށް ވިސްނައި ރަނގަޅު ނިންމުންތައް ނިންމަން ދިރާސާއަކީ މުހިންމު އެއްޗެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ.

ތެވެލި މަހާސިންތާގައި މިފަހަރު 200އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. އެ މަހާސިންތާއަށް 100އާ ގާތްކުރާ ވަރަށް ދިރާސާ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެމްއެންޔޫއިން ބަލައިގެންފައި ވަނީ 65 ދިރާސާއެވެ. އެ ދިރާސާތައް ހުށަހަޅަން ހަމަޖެހިފައިވަނީ އެކި ކެޓެގެރީތަކަށް ބަހާލައިގެން އަށް ސެޝަނެއްގައެވެ.

ތެވެލި ބައިނަލްއަގުވާމީ މަހާސިންތާއަށް ދިރާސާތައް ހުށަހަޅާފައި ވަނީ ގިނައިން ރާއްޖެއިން ކަމުގައި ވީނަމަވެސް މިފަހަރުގެ މަހާސިންތާއަށް ދިރާސާތަށް ހުށަހެޅި ބޭރު ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، ނައިޖީރިއާ، ލެޓްވިއާ އަދި ކްރޮއޭޝިއާ ހިމެނެއެވެ.

އެ މަހާސިންތާގެ އެންމެ މުހިންމު މަގުސަދަކީ، ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި އެމްއެންޔޫއަކީ އިލްމު އުފައްދާ އަދި އިލްމު ކުރިއަރުވާ ޔުނިވާސިޓީއަކަށް ހެދުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރުމާއި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރު އޮފް ފިލޯސޮފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމަކީ ވެސް އެ މަހާސިންތާއިން ހާސިލު ކުރަން ބޭނުންވާ ކަންތައްތައް ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެ މަހާސިންތާއިން ފާހަގަކުރެވުނު އެއް ދިރާސާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އައިމިނަތު ޒާހިރު، ޑރ. އައިމިނަތު ރިޔާޟް އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޑރ. ދީބާ މޫސާ ގެ ބެލުމުގެދަށުން ކޮށްފައިވާ ދިރާސާއެކެވެ. އެ ދިރާސާއަކީ ދިވެހިރާއްޖޭގެ ބަހަވީމަލަ އޮތް ގޮތް އިލްމީ ނަޒަރަކުން ދެނެގަތުމަށް ހަދާފައިވާ ދިރާސާއެކެވެ.

ވަށައިގެންވާ މަހައުލުން ފެންނަން ހުންނަ ނަންބޯޑުތަކާ އެހެނިހެން ނިޝާން ބޭނުން ކޮށްފައިވާ ގޮތް ހޯދުމަށް މާލެ، ހުޅުމާލެ އަދި ހުޅުލޭން 1000 ފޮޓޯ އެ ދިރާސާގައި ބޭނުންކޮށްފައިވެއެވެ.

ދިރާސާއިން ދައްކާގޮތުން، ދިރާސާ ހެދި ސަރަހައްދުތަކުގައި ގިނައިން ބޭނުންކޮށްފައިވަނީ އިނގިރޭސި ބަހެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެކަންކަން ހިނގަނީ އެބީދައިންތޯ ބެލުމާއެކު އެކަންކަން ހިނގާ ގޮތް ދެނެގަނެ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރުން މުހިއްމުކަން ފާހަގަކޮށްފައިވެއެވެ.

ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނު ލާޒިމްކުރާ ގޮތުން ރާއްޖޭގައި ބޭނުންކުރާ ނަން ބޯޑެއްގައި، ނަން ފުރަތަމަ ލިޔެފައި އޮންނަން ވާނީ ދިވެހި ބަހުންނެވެ.