ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ދައުރު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާތީ، އެ ބޯޑު އާދައުރަކަށް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ބޯޑުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އަލި މަނިކު (އަލިބެ) އޭނާގެ ނަން އަނބުރާ ގެންދަވައިފި އެވެ.

އަލިބެއާ އެކު މިފަހަރުގެ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ދެ ވަނަ ކެންޑިޑޭޓަކީ ކުރިކެޓް ބޯޑުގެ މިހާރުގެ ރައީސް އަހުމަދު ހަސަން ދީދީ އެވެ.

އަދި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލް އާއި މިހާރުގެ ނައިބް ރައީސް ފަރުހަތު ޖަލީލެވެ.

އިންތިހާބުގައި އެގްޒެކެޓިވް ކޮމެޓީ އަށް ކުލަބްތަކުން ހޮވާ ހަތަރު މަގާމަށް ކުރިމަތިލާފައި ވަނީ ފަސް ފަރާތަކުންނެވެ. އެގޮތުން އެ ފަރާތް ތަކަކީ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ނާސިރާއި އާމިރު އަލީ އާއި އަހުމަދު ޝަފީގްގެ އިތުރުން އަހުމަދު އާމިރު އަދި މުހައްމަދު އައްފާލެވެ. އަދި އެކްސްކޯ އަށް ސްކޫލްތަކުން ހޮވާ ދެ މަގާމަށް ކުރިމަތިލާފައި ވަނީ ކުރީގެ އެއްވަނަ ކްރިކެޓް ކުޅުންތެރިޔާ ފާއިޒު ސަމަދާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވާ މާދިހު އިސްމާއިލެވެ. އަމިއްލަ ގޮތުން ބޯޑަށް އިންތިހާބުކުރެވޭ މަގާމަށް ކުރިމަތިލާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަހުމަދު ކަލީމާއި ހަސަން ވަހީދެވެ.

ކުރިކެޓް ބޯޑުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރޯޔަލް ޕާކް ރެސްޓޯރަންޓުގެ ކްރިކެޓް ރޫމުގަ އެވެ.