21 Aug 2022, 23:53
ގއ. ދާންދޫ ކުނިގޮނޑުން އިންސާނެއްގެ ކަށިގަނޑެއް ފެނިއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ދާންދޫ ކައުންސިލްގެ އެގްޒެކެޓިވް މުހައްމަދު އަލީ ވިދާޅުވީ އެރަށު ކުނިގޮނޑުން އިންސާނެއްގެ ކަށިގަނޑެއް ފެނުނީ މިއަދު ހަވީރުގެ ވަގުތެއްގައި ކުނި އުކާލަން ދިޔަ މީހަކަށް ކަމަށެވެ. އެ ކަށިގަނޑުގައި ގާތްގަނޑަކަށް ނުވަ އިންޗި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޕޮލިހުން ވެސް ބަލާފަ ރަށުގެ ޑޮކްޓަރު ވެސް ގެނެސްފަ އަޅުގަނޑުމެން ބަލާލިން އިންސާނެއްގެ ކޮން ގުނަވަނެއްގެ ކަށިގަނޑެއްތޯ މީ. ދެން ޑޮކްޓަރު ވިދާޅުވީ އިންސާނެއްގެ ކަނައަތު ފައިގެ އުކުޅުވަޅުގެ ކަށިގަނޑެއްކަމަށް،" މުހައްމަދު އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލާބެލުމަށް މިއީ މާ ގިނަދުވަސް ވެފައިވާ ކަށިގަނޑެއްކަމަށް ލަފާ ނުކުރެވޭކަމަށެވެ. އަދި މި ކަށިގަނޑު ރަށުގެ ކުނިގޮނޑާ ހަމައަށް އަންނަންވީ ގޮތެއް ނުވިސްނޭކަމަށް އޭނާ ވިދާޅުވިއެވެ.
"ޔަގީނުން ވެސް އެއީ މޫދުން ދިޔަވަރު ބޮޑުވެގެން އަރާފަ އޮތް އެއްޗެއް ނޫން. އެހެން މި ބުނަނީ އެދިމާލަކީ އުދަވެސް ނާރާ ހިސާބަކަށް ވާތީ،" އޭނާ ވިދާޅުވިއެވެ.
ފުލުހުން މިހާރު އެ ކަށިގަނޑާ ހަވާލުވެފައިވާކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކައިރި ޕޮލިހުން ވިދާޅުވި މި ކަށިގަނޑު އިތުރަށް ބަލާ، ޑީއެންއޭ ހަދާ، ތަހުގީގުކުރަން ޖެހޭ ކަމެއް މީގަ އޮވެއްޖެއްޔާ ބަލާނެކަމަށް،" މުހައްމަދު އަލީ ވިދާޅުވިއެވެ.