ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖް ކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް "ފަސްގަނޑު"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފެށުމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

މި ޚާއްސަ ކެންޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ 11:30ހާއިރު، މިނިސްޓްރީގައެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގެ މި ބޮޑު ކެމްޕެއިނަކީ ފަރުދީ އަދި އަތޮޅު ފެންވަރުގައި ކުނި މެނޭޖު ކުރުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕެއިނެއް ކަމަށެވެ.

މި ކެމްޕެއިންގައި ކުންޏާއި އެހެނިހެން ވަސީލަތްތައް މޭނޭޖު ކުރުމާއި، މި މަސައްކަތް ކުރިއަށް އޮތް ތަނުގައި ހަރުދަނާ ކުރުމުގެ އިތުރު ދިރާސާތައް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ގައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ ނަމަވެސް އެ މައްސަލައަށް އަދި މިހާތަނަށް ދާއިމީ ހައްލެއް ހޯދިފައިނުވާ ކަމަށެވެ. އެކަމަކު އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތްތަކެއް ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެއަށް ހަމައެކަނި ބެއްޔަސް ކޮންމެ ދުވަހު 1200 ޓަނުގެ ކުނި އުފައްދާކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.