ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނުގެ ފީ ކުޑަކުރުމަށްފަހު، ބާ އިމްތިހާނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ބުނީ މި އިމްތިހާނަށް ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 20ވަނަ ދުވަހު މެންދުރު 12ޖަހާއިރު ކަމަށެވެ. އަދި މި އިމްތިހާނުގެ ފީގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 6500 ރުފިޔާއެވެ.

ނަމަވެސް އެންމެ ފުރަތަމަ މި އިމްތިހާނުގެ ފީގެ ގޮތުގައި ނަގަން ބާ ކައުންސިލުން ނިންމީ 10،000 ރުފިޔާއެވެ. ބާ އިމްތިހާނުގެ ފީ ބޮޑުކަމަށް ބުނެ އެ އިމްތިހާނަށް ޝަރުތު ހަމަވާ އެތައް ބަޔަކު އޭރު ކަންބޮޑުވުން ފާޅުކުރިއެވެ.

ބާ އިމްތިހާނުގައި ބައިވެރިވުމަށް މާލެއަށް ދަތުރުކުރަން ޖެހުމުން ދިމާވާ ދަތިތަކުގެ ސަބަބުން ބާ އިމްތިހާނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.

އެހެންކަމުން އިމްތިހާނުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުގައި، އިމްތިހާނު ހެދުމަށް ބޭނުންވާ ތަން އިޚްތިޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ނަމަވެސް، ބާ ކައުންސިލުން ބުނީ މާލޭގެ އިތުރުން ބާ އިމްތިހާނު ބާއްވާނެ އިތުރު މަރުކަޒުތައް ކަނޑައަޅާނީ އިމްތިހާނުގެ ރަޖިސްޓްރޭޝަންގެ ކަންކަން ނިމުމުން ކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ އިމްތިހާނު ކަރުދާސް އެކުލެވިފައި ވާނީ ދިވެހި އަދި އިނގިރޭސި ބަހުންކަމަށެވެ. އެގޮތުން އިމްތިހާނު ކަރުދަހުގެ 85 ޕަސަންޓު ސުވާލު ހުންނާނީ އިނގިރޭސި ބަހުންކަމަށާއި ބާކީ 15 ޕަސަންޓު ސުވާލު ހުންނާނީ ދިވެހި ބަހުންކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ އިމްތިހާނު އެންމެ ފުރަތަމަ ތާވަލްކުރީ ޖޫން 25ވަނަ ދުވަހަށެވެ. އެހެން ނަމަވެސް، އިމްތިހާނު ހަދާ ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން، އެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބާ އިމްތިހާނު ވަނީ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހަށް ލަސްކޮށްފައެވެ.