އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި އާސެނަލް އޮތްނަމަވެސް އެ ކަމާމެދު އަދި ނުވިސްނާކަމަށާއި، ޓީމުގެ ފޯކަސް ހުރީ ދެން ކުޅޭ މެޗުން މޮޅުވާންކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އިއްޔެ ރޭ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މޮޅުވެ ނޫސްވެރިންނާ ވާހަކަދައްކަމުން އާޓެޓާ ބުނީ ލީގުގެ ތާވަލްއާ ދޭތެރޭ އަދި ނުވިސްނާކަމަށެވެ.

އޭނާ ބުނީ ލީގުގައި އަދި ކުޅެވުނީ އެންމެ ތިން މެޗުކަމަށާއި، ޓީމުގެ ޓާގެޓަކީ ކޮންމެ މެޗެއް ނިންމާލުމަށްފަހު ދެން ކުޅޭ މެޗަކަށް ތައްޔާރުވެ އެ މެޗުން ފުރިހަމަ މޮޅެއް ހޯދުން ކަމަށެވެ.

"އެއީ އަދި އެންމެ ތިން މެޗު. އެކަމުން އެއްވެސް ކަމެއް އަދި ދޭހައެއް ނުވާނެ. އަދިވެސް ވާދެވެރި ޓީމުތަކަށް ބާކީ މެޗުތައް އެބަހުރި" އާޓެޓާ ބުންޏެވެ.

ބޯންމައުތު މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އާޓެޓާ ބުނީ އެހެން ބައެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅެ ތިން ގޯލު ޖަހައި މޮޅުވުމަކީ އުނދަގޫކަމެއްކަމަށެވެ.

"މެޗުގެ ހުރިހާ ކްރެޑިޓްއެއް ހައްގުވަނީ ކުޅުންތެރިންނަށް. ކުޅުންތެރިން މެޗު ފަށައިގެން ނިމެންދެން ވެސް ދެއްކީ ތަފާތު ހިއްވަރެއް" އާޓެޓާ ބުންޏެވެ.

މީގެއިތުރުން އާޓެޓާ ބުނީ މެޗު ދިރާސާކޮށް ދެންއަންނަ މެޗަކަށް ރަނގަޅުކުރަން ޖެހޭ ކަންކަން ހޯދާ އެކަންކަމަށް ޓީމުން މަސައްކަތް ކުރާނެކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ތިން މެޗު ވެސް އެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ލީގުގެ ފުރަތަމަ މެޗުގައި އެ ޓީމު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ 2-0ގެ ނަތީޖާއަކުން މޮޅުވިއިރު ލެސްޓާ ސިޓީއާ ވާދަކޮށް އެ މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ކުރިއަށް އޮތް މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އާސެނަލް ކުޅޭނީ ފުލްހަމްއާ ދެކޮޅަށެވެ.