29 Mar 2012, 17:36
ރާއްޖެ އެންމެ ރަނގަޅީ ދޫނި ދިރިއުޅެން ކަމަށް ވިދާޅުވެ، ރާއްޖޭގެ މިހާރުގެ ހާލަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޯކް ޖައްސަވައިފި އެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމެރިކާގައި ޓީވީ ޗެނަލެއް ކަމަށްވާ ސީބީއެސް އިން ގެނެސްދޭ މަޝްހޫރު ޝޯ "ލޭޓް ޝޯ ވިތު ޑޭވިޑް ލެޓަމެން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ފަސް ހާސް އަހަރު ވަންދެން މީހުން އުޅެފައި ވާތީ ރާއްޖެ ތަރައްގީ ކުރުމަކީ ގޯސް ހިޔާލެއް ކަމަށް ނުވޭ ނޫންތޯ ޑޭވިޑް ސުވާލުކުރެ އެވެ.
އެހިސާބުން، ސީރިއަސް މޫޑެއްގައި ރައީސް ނަޝީދު ވިދާޅުވަނީ "ނޫނޭ، އެތަން ]ރާއްޖެ[ އެންމެ ރަނގަޅީ ދޫނިތަކަށް،" މިހެންނެވެ.
އެ އަށް ފަހުގައި ރައީސް ނަޝީދު ވިދާޅު ވަނީ 2000 އަހަރު ކުރިން ފެށިގެން ވެސް ރާއްޖޭގައި މީހުން އުޅޭކަން އެނގިފައިވާ ކަމަށާއި އެހެން ނަމަވެސް މަލްޓި ޕާޓީ އިންތިހާބެއް ރާއްޖޭގައި ބޭއްވުނީ 2500 އަހަރު ފަހުން 2008 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ފަހުން ތިން އަހަރުވީ ތަނާ މިހާރު ރާއްޖެ ވަނީ 2500 އަހަރުގެ ތާރީހުގެ ތެރެއަށް އިއާދަވެފައިވާ ކަމަށެވެ.
"އަހަރެމެން އެތާނގައި ދިރިއުޅެން ފެށީ 2000 އަހަރަށް ވުރެ ވެސް ކުރިން ކަމަށް އަހަރެމެންނަށް އެނގިފައި ވަނީ. އެތަނުގައި އައީ ސިވިލިޒޭޝަންއެއް ކުރިއަރަމުން. އެކަމަކު އަހަރެމެންނަށް މަލްޓިޕާޓީ އިންތިހާބެއް ބޭއްވިފައި މިވަނީ 2500 އަހަރު ފަހުން 2008 ވަނަ އަހަރު. އޭގެ ތިން އަހަރު ފަހުން އަހަރެމެން މިވަނީ 2500 އަހަރުގެ މުސްކުޅި ތާރީހުގެ ތެރެއަށް އަނބުރާ އިއާދަވެފައި،" ޝޯގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ މެދު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރުމުގައި ގައުމުތަކުގެ ސައިޒުގެ ތަފާތެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖެ އަށް މިއަދު ކުރިމަތިވާ މައްސަލަ މާދަމާ މެންހާޓަން އަށް ވެސް ކުރިމަތިވާނެ ކަމަށާއި މެންހާޓަން އަކީ ވެސް ރަށެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ޝޯގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފައިސާގެ މައްސަލަތަކާ ހެދި ހިތްހަމަނުޖެހިފައި ތިބި ބައެއް ވިޔަފާރިވެރިން ބަޣާވާތަށް ހަރަދުކުރި ކަމަށް ވިޔަސް އެކަމުގެ އެންމެ އިސް ފަރާތަކީ ކުރީގެ ރައީސް މައުމޫނު ކަމަށެވެ.
ރައީސް ނަޝީދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އުޅުއްވަނީ އެމަނިކުފާނާ ބެހޭ ގޮތުން އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލް "ދަ އައިލެންޑް ޕްރެޒިޑެންޓް" ދައްކަން ފެށުމުގެ ހަފުލާއަށެވެ.