އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށްފަހު އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ނަސީރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަސް އިތުރުކޮށްދިނެއެވެ. އެއީ ދައުވާ ކުރުމާ މެދު ފުލުހުން ގޮތެއް ނިންމުމަށް ދިން މުއްދަތެކެވެ.

އެނގިފައިވާ ގޮތުގައި ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ. އަދި މިދިޔަ ބުދަ ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އެއީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ޕީޖީ ލަފާ ދިނުމުންނެވެ.

ނަސީރަށް ދައުވާ އުފުލުމާ ގުޅޭ ގޮތުން އަދި ޕީޖީން ގޮތެއް ނުނިންމައެވެ.

ނަސީރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ދެން ފެންނަނީ ކާކުކަމެއް ސާފެއްނުވެއެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހެއްގެ މައްސަލަ ވެސް ޕީޖީއަށް ފޮނުވުމަށްފަހު އެ މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

އެ ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.