މޮސްކޯ (21 އޮގަސްޓް 2022) : އެމެރިކާ ޑޮލަރާއި ޔޫރަޕްގެ ޔޫރޯ އާ ނުލައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ރަޝިއާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުން ދާކަމަށް އެގައުމުން ބުނެފިއެވެ.

މިކަން ހާމަކުރައްވަމުން ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑަރު ބެންކީން ވިދާޅުވީ ޑޮލަރާއި ޔޫރޯ އާ ނުލައި ވަރަށް ގިނަ ގައުމުތަކާއެކު ރަޝިއާއިން ވިޔަފާރީގެ މުއާމަލާތްތައް ކާމިޔާބުކަމާއެކު ކުރަމުން ގެންދާ ކަމަށެވެ. ޑޮލަރާއި ޔޫރޯ އާ ނުލައި ރަޝިއާ އެންމެ ގިނަ މުއާމަލާތްތައް ކުރަމުން ގެންދަނީ ޗައިނާއާއި އިންޑިއާ އަދި އީރާންއާ އެކުގައިކަން ބެންކީން ހާމަކުރެއްވިއެވެ.

ރަޝިއާ ގެންދަނީ އެގައުމުގެ މާލީ ނިޒާމުގެ ތެރެއިން ރުބެލް ބޭނުންކޮށްގެން މެދުތެރޭ އޭޝިއާގެ ގައުމުތަކާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމާބެހޭގޮތުން އެގައުމުތަކާ ވާހަކަ ދައްކަމުންނެވެ. މެދުތެރޭ އޭޝިއާގެ ގިނަ ގައުމުތަކަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމުތަކެވެ. އެގައުމުތަކާއި ރަޝިއާ ދެމެދު ވަނީ ކޮމަންވެލްތް ޖަމްއިއްޔާއެއް ވެސް އުފައްދާފައެވެ.

އަނެއްކޮޅުން އަފްޣާނިސްތާނުން ވަނީ ޑޮލަރާ އަދި ޔޫރޯ އާ ނުލައި ރަޝިއާއާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ރަޝިއާއަށް ޚާއްސަ ހުށަހެޅުމެއް ދާދިފަހުން ހުށަހަޅާފައެވެ. މި ހުށަހެޅުން ބިނާވެފައިވަނީ ރަޝިއާއިން ތެލާއި ގޭސް އަފްޣާނަށް އިންޕޯޓްކުރުމާއި އޭގެ އަގުގެ ގޮތުގައި އަފްޣާނިސްތާނުގެ އުފެއްދުންތައް ރަޝިއާއަށް އެކްސްޕޯޓް ކުރުމުގެ މައްޗަށެވެ.

ރަޝިއާގެ ތެލާއި ގޭހަށް އަގު ދެއްކުމަށްޓަކައި އަފްޣާނިސްތާނުގެ މައިގަނޑު އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ނާދިރު މައުދަންތަކާއި ޑަކްޓަރީ ބޭސް އުފެއްދުމަށް ބޭނުންކުރާ މެޑިކަލް ހާބްސް އާއި ކަފައާއި ނަޓްސް ފަދަ ތަކެތި ރަޝިއާއަށް އެކްސްޕޯޓް ކުރުމަށް ތާލިބާން ސަރުކާރުގެ ޕްރޮޕޯޒަލްގައި ރަޝިއާއަށް ވަނީ ހުށަހަޅާފައެވެ.

ރަޝިއާ އެކޭ އެއްގޮތަށް އަފްޣާނިސްތާނަކީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ގައުމެކެވެ. އެމެރިކާ އުޅެނީ އަފްޣާނިސްތާނުގެ 7 ބިލިޔަން ޑޮލަރު އެގައުމަށް ނުދީ ހިފަހައްޓައިގެންނެވެ. މި 7 ބިލިޔަން ޑޮލަރަކީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ކުރީކޮޅު ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ކާބުލްއަށް އަރަން ފެށުމާއެކު އޭރު އަފްޣާނިސްތާނުގައި އޮތް އަޝްރަފް ޣަނީގެ ސަރުކާރުން އެމެރިކާގެ ބޭންކްތަކުގައި ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި އަފްޣާން ރައްޔިތުންގެ ފައިސާއެވެ.

އެމެރިކާ ވަނީ އަފްޣާން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އިންޕޯޓް ކުރުމަށްޓަކައި އދ. ގެ ބެލުމުގެ ދަށުން ވެސް މި ފައިސާ ތާލިބާން ސަރުކާރާ ހަވާލުކުރުމަށް ދެކޮޅު ހަދާފައެވެ.

ރަޝިއާގެ ޓާސް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑަރު ބެންކީން ވިދާޅުވިގޮތުގައި އެމެރިކާ ޑޮލަރަކީ އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ދެމެހެއްޓުމުގެ އެންމެ ބޮޑު ވަސީލަތެވެ. ޑޮލަރުން ކުރާ މުއާމަލާތްތައް މަދުވި ވަރަކަށް އެމެރިކާގެ އިގްތިސާދީ ބާރާއި ނުފޫޒު ކުޑަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ގޭސް ގަންނަ މައިގަނޑު ގައުތަކުގެ ތެރޭގައި ހިމެނޭ ތުރުކީންވެސް ދާދިފަހުން ވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިއާގެ ރުބެލް ބޭނުންކޮށްގެން ގޭހުގެ ވިޔަފާރި ކުރަން ފަށާފައެވެ. އަދި ރަޝިއާއިން ވަނީ ޖަރުމަނު ފަދަ ރަޝިއާގެ ގޭހަށް އިންތިހާއަށް ބަރޯސާވާ ޔޫރަޕްގެ ގައުމުތަކަށް ވެސް ރުބެލްއިން ގޭސް ގަތުން މަޖުބޫރު ކޮށްފައެވެ.

މިކަމުގެ ސަބަބަން ރުބެލްގެ އަގު މައްޗަށް ގޮސް ރަޝިއާގެ އިގްތިސާދަށް ވަނީ ދިރުން ލިބިފައެވެ.