29 Mar 2012, 16:56
ކުޅިވަރުގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން، ނޭޝަނަލް ސްޕޯޓްސް ކައުންސިލާ އެކު ކުޅިވަރާ ބެހޭ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބައްދަލު ކުރައްވައިފި އެވެ.
އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އިއްޔެ އޮތް މިބައްދަލުވުމުގައި ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ 14 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އިއްޔެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަޖްލީހުގެ ޤަވައިދަށް އިސްލާހު ގެނައުމުގެ ގޮތުން ކުޅިވަރުގެ ގާނޫނެއް އެކުލަވާލައި، އެގޭ ދަށުން ކުޅިވަރުގެ ޤައުމީ މަޖްލީހުގެ މެންބަރުންގެ މުސާރަ ދޭނެގޮތެއް ކަނޑައެޅުމާއި، މަޖުލީހުގެ މެންބާޝިޕް ކޮމްޕޮސިޝަނަށް ބަދަލުގެ ނައުމަކީ ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ. އަދި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން މައްސަލަ ހުރި އެސޯސިއޭޝަންތަކުގެ މައްސަލައަށް ގޮތެއް ނިންމުމަކީ ވެސް މިހާރުން މިހާރަށް ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ބައިވެރިވި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މަޖުލީހަކަށް ހެއްދެވުމަށް މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ. އަދި ކައުންސިލުގެ ޗެއާ އާއި ވައިސް ޗެއާ އެއްވެސް ސިޔާސީ ބޭފުޅަކު ނުފުރުއްވައި ނެޝަނަލް އެސޯސިއޭޝަންތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ޤަޞްތުކުރައްވާކަމަށް ވެސް އިއްޔެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލްގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވިފައި ވަނީ 13 ޑިސެމްބަރ 2011 ވަނަ ދުވަހު އެވެ.