20 Aug 2022, 20:40
ކޮލަންބޯ (20 އޮގަސްޓް 2022): އަސްކަރީ މަތިންދާ ބޯޓެއްގައި ސިފައިންގެ އެހީތެރިކަމާއެކު ގައުމުން ބޭރަށް ފިއްލެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަން ބޭނުންވާކަން އޭނާގެ އަރިސް ބޭފުޅެއްކަމަށްވާ އުދަޔަންގާ ވީރަތުންގަ ހާމަކުރައްވައިފިއެވެ.
ވީރަތުންގަ ވިދާޅުވިގޮތުގައި އަންނަ ބުދަ ދުވަހު ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަތުމަށް ގޮތަބަޔަ ވަނީ ރާއްވަވާފައެވެ. އަދި އެނބުރި ގައުމަށް ވަޑައިގަތުމުން ގޮތަބަޔަ އަށް ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަންދިނުމަށް އެދި ސްރީލަންކާގެ މިހާރުގެ ސަރުކާރަށް ގޮތަބަޔަވަނީ ހުށަހަޅުއްވާފައެވެ.
ގޮތަބަޔަ މިވަގުތު ހުންނެވީ ތައިލެންޑްގެ ވެރިރަށް ބެންކޮކް ގައެވެ. ސިންގަޕޫރުގައި 28 ދުވަހު ހުންނެވުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު ގޮތަބަޔަ ތައިލެންޑަށް ވަޑައިގަތީ އެގައުމުން 90 ދުވަހުގެ ވިސާ ހޯއްދަވައިގެންނެވެ. ސިންގަޕޫރުގައި ހުންނެވި ދުވަސްވަރު ގޮޔަބަޔަ ވަނީ ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ.
ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަންނަން ބޭނުންފުޅުވާކަން ސްރީލަންކާގެ މަސްއޫލުވެރިއަކު މީގެ ދިހަވަރަކަށް ދުވަސްކުރިން ވެސް ހާމަ ކުރައްވާފައިވެއެވެ. އެ ޚަބަރު ފެތުރުމާއެކު ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަތުމަކީ އޭނާގެ ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވެދާނެކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ގައުމަށް އެނބުރި ވަޑައިނުގަތުމަށް ގޮތަބަޔަ ގެ އަރިހުން ރަނިލް އެދިވަޑައިގެންފައެއް ނުވެއެވެ.
ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަންނަވަން މިހާރު ނިންމަވާފައިވާކަން ވީރަތުންގަ ހާމަކުރެއްވުމުން ރައްކާތެރިކަން ދިނުމަށްއެދި ގޮތަބަޔަ ސްރީލަންކާގެ ސަރުކާރަށް ހުށަހެޅުއްވި ހުށަހެޅުމާބެހޭގޮތުން ސްރީލަންކާގެ އެއްވެސް މަސްއޫލުވެރިއަކު މިހާތަނަށް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
ސްރީލަންކާއަކީ ގޮތަބަޔަގެ އުފަން ގައުމުކަމަށްވާތީ އޭނާ ސްރީލަންކާއަށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. ނަމަވެސް މައްސަލައަކަށްވާނީ ގޮތަބަޔަ ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން އޭނާއަށް ދިނުމާއި ނުދިނުމުގެ މައްސަލައެވެ.
ގޮތަބަޔައަކީ ސްރީލަންކާގެ ރައްޔިތުން އޭނާގެ ވެރިކަމާ ދެކޮޅަށް އުތުރިއެރުމާ ގުޅިގެން ރައްޔިތުންނަށް ފިއްލަވައިގެން ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގެން ސިފައިންގެ މަރުކަޒެއްގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު އަސްކަރީ މަތިންދާ ބޯޓެއްގައި ސިފައިންގެ އެހީތެރިކަމާއެކު ގައުމުން ބޭރަށް ފިއްލެވި ބޭފުޅެކެވެ. ފިއްލަވައިގެން ފުރަތަމަ ވަޑައިގަތީ ދިވެހިރާއްޖެއަށެވެ.
ސްރީލަންކާ ރައްޔިތުންގެ ގިނަބަޔަކު އޭނާ ދެކެ ވަރަށް ބޮޑަށް ރުޅިއާދެއެވެ. އެއީ އޭނާގެ ވެރިކަމުގައި ސްރީލަންކާ މާލީ ގޮތުން ބަނގުރޫޓްގެ ރައްޔިތުން ހަލުގައި ޖެހުމާ ގުޅިގެންނެވެ. މިމައްސަލާގައި ގޮތަބަޔަގެ މައްޗަށް ޝަރީއަތް ހިންގަން ސްރީލަންކާ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވެއެވެ.
ގޮތަބަޔަ ބޭނުންވާ ރައްކާތެރިކަމަކީ އޭނާގެ މައްޗަށް ޝަރީއަތް ނުހިންގައި ރައްކާތެރިކަމާއެކު ސަލާމަތުން ގޭގައި ހުންނެވޭނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ މިހާރުގެ ސަރުކާރުން ލިބުމެވެ. އެކަން އެގޮތަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
ފުރަތަމަ ސަބަބަކީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ ވެރިކަމަށް ވަޑައިގެންފައިވަނީ ގޮތަބަޔަ ގެ ޕާޓީކަމަށްވާ އެސްއެލްޕިޕީ ގެ އެހީތެރިކަމާއެކުގައި ކަމަށް ވުމެވެ. ދެވަނަ ސަބަބަކީ ސްރީލަންކާގެ ބޮޑުވަޒީރު ޑިނެޝް ގުނަވަރުދަނާ އަކީވެސް ގޮތަބަޔަ ގެ ޕާޓީގެ ބޭފުޅަކަށް ވުމެވެ. ތިންވަނަ ސަބަބަކީ ސްރީލަންކާގެ ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތު އަދިވެސް ގޮތަބަޔަ ގެ ޕާޓީ އެސްއެލްޕިޕީ އަށް އޮތުމެވެ. ހަތަރުވަނަ ސަބަބަކީ ސްރީލަންކާގެ ބޮޑުވަޒީރާ އަދި އެސްއެލްޕީީޕީ އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުން ގޮތަބަޔަ އަށް ވަފާތެރިކަމަށް ބެލެވޭތީއެވެ.
އެހެންކަމުން ގޮތަބަޔަ ރާއްވަފާފައިވާ ގޮތަށް އަންނަ ބުދަ ދުވަހު އޭނާ އެނބުރި ސްރީލަންކާއަށް ވަޑައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ބައެއް މުހައްލިލުން ވިދާޅުވެފައިވާގޮތުގައި ސްރީލަންކާއިން ފިއްލެވުމަށްފަހު ގޮތަބަޔަ އުޅުއްވީ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔޫއޭއީން ސިޔާސީ ހިމާޔަތް ހޯއްދެވުމަށެވެ. ނަމަވެސް ކޮންމެވެސް ސަބަބުތަކަކާ ގުޅިގެން އެކަން ނުވީއެވެ. ދެން މަސައްކަތް ކުރެއްވީ އެމެރިކާއިން ހިމާޔަތް ހޯއްދަވާށެވެ. އެކަންވެސް ނުވީއެވެ.
މިދެގައުމުންވެސް ގޮތަބަޔައަށް ހިމާޔަތް ނުލިބުނު ސަބަބެއްކަމަށް ބެލެވެނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅު ސްރީލަންކާ ސިފައިން ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގިކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައެވެ. އޭރު ސްރީލަންކާގެ ދިފާއީ ވަޒީރަކަށް ހުންނެވީ ގޮތަބަޔަ އެވެ.
ދާޚިލީ ހަނގުރާމަ ނިންމާލުމަށްޓަކައި ގޮތަބަޔަ ގެ އަމުރަށް ސްރީލަންކާ ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ތަމަޅަ އާންމުންގެ އެތަށް ހާސް ބަޔަކު މަރުވިކަމަށް އދ. އާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރެއެވެ. މިމައްސަލަ ތަހްގީގުކުރަން އދ. ންނާއި އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން ވަރަށް މަސައްކަތްކުރިއެވެ.
ނަމަވެސް ސްރީލަންކާގެ އެއްވެސް ސަރުކާރެއްގެ އެއްބާރުލުން މިކަމަށް ނުލިބުމުން މިކަން ކުރެވޭގޮތް ނުވީއެވެ. ސްރީލަންކާގެ މަސްއޫލުވެރިން އަބަދުވެސް ވިދާޅުވާ ގޮތުގައި ބާރުގެ ބޭނުންކޮށްގެންވެސް ދާޚިލީ ހަނގުރާމަ އެދުވަސްވަރު ނުހުއްޓުވިނަމަ އެހަނގުރާމަ އިތުރަށް ދިގުލައިގެންގޮސް ފަހުން މާގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އޮތީހެވެ. އެހެންކަމުން ހަނގުރާމަ ހުއްޓުވުމަކީ މުސްތަގްބަލަށް ބަލާއިރު ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމެކެވެ.
މިމައްސަލާގައި ގޮތަބަޔަ އާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށާއި އަދި އެމެރިކާގެ ކޯޓުތަކަށް މައްސަލަތަކެއް ވަނީ ހުށަހެޅިފައެވެ. އެއީ ތަމަޅަ އާންމުންގެ އެތަށް ހާސްބައެއްގެ މަރުގެ ޒިންމާގެ މައްސަލަތަކެވެ. އެއްވެސް ގައުމަކުން ރާޖަޕަކްސާއަށް ހިމާޔަތް ދޭން ބޭނުން ނުވަނީ މިމައްސަލަތަކާ ގުޅިގެން އެގައުމުތަކުގެ ސަރުކާރުތަކަށް އުނދަނގޫތަކެއް ކުރިމަތިވެދާނެތީ ކަމަށްވަނީ ބެލެވިފައެވެ. ގޮތަބަޔަ އަކީ ކުރިން އެމެރިކާގެ ރައްޔިތުކަންވެސް އޮތް ބޭފުޅެކެވެ. އަދި ޔޫއޭއީ ގައި ގޮތަބަޔަގެ މިލްކިއްޔާތު މިހާރުވެސް އެބަހުއްޓެވެ. އެއީ އެޕާޓްމަންޓުތައްފަދަ ތަންތަނެވެ.