ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ނުހުންނަވާނެ ކަމުގެ އިޝާރާތެއް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގެރްސްގެ މިއަދުގެ ދަންފަޅި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުޅި ޕާޓީ އެކުގައި ނޫނީ ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިނުގެންނެވޭނެ ކަމަށެވެ.

"ތަކުރާރުކޮށް ދަންނަވާނަން، މުޅި ޕާޓީއާ އެކުގައި މެނުވީ އަޅުގަނޑަކަށް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތިޔަ ބޭފުޅުންނާއެކު ނުނިކުމެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ބަރުލަމާނީ ވޯޓަށް ނުގޮސްފިނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

"އަޅުގަނޑުމެން މިތިބި ގޮތަށް ތިބެއްޖެނަމަ، އަޅުގަނޑަށް ފެންނަ ތަނުގައި އަޅުގަނޑުމެންނަށް 2023 ކާމިޔާބެއް ނުކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ޕާޓީތައް ބައިބައިވެގެން ދާއިރު "ކުރިމަތީ ހުރި މޭޒު ތަޅައިގެންދިޔަ" މަންޒަރު ފެނިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެމްޑީޕީން އެ މަންޒަރު ނުފެންނާނެ ކަމަށެވެ. އަދި، އެމްޑީޕީގެ މެންބަރުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީގެ ބާރު ރާއްޖޭގައި ހިނގާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އެކަކު އަނެކަކުގެ ވާހަކަ އަޑު އަހައިގެން ބަސް ވެސް ގަބޫލުކޮށްގެން ބުއްދިވެރިކަމާއެކީގައި ކުރިއަށް ގޮސްފިނަމަ، ކުރިއަށް އޮތް އެތައް ޖީލަކަށް ވެސް މި ދިވެހިރާއްޖޭގެ ކަންކަން ނިންމާނީ މި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން" އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ، އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އަށް ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަން ޖެހޭ ގޮތަކާ މެދު، އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހަޅާފައެވެ. އަބަދުވެސް، ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ނަޝީދު ވިދާޅުވަމުން އަންނަނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ 2023ގެ ރިޔާސީ އިންތިޚާބު އައުމުގެ ކުރިން ބަރުލަމާނީ ނިޒާމު ގެނައުން ކަމަށެވެ.