މޮސްކޯ (20 އޮގަސްޓް 2022): ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގައި ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ޒަޕަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރަށް ލިބިފައިވާ ގެއްލުންތަކާއެކު އެތަނުން ނިއުކްލިޔާ ރޭޝިއޭޝަން ބޭރުވޭތޯ ބަލައި ޗެކްކުރުމަށްޓަކައި އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އޭޖެންސީ (އައިއޭއީއޭ)ގެ ފަންނީ ޓީމެއް އެތަނަށް ދިޔުމުގެ ހުއްދަ ދިނުމަށް ރަޝިއާއިން އެއްބަސްވެއްޖެއެވެ.

މިކަމާބެހޭގޮތުން ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންއާ ފޯނުން ކުރެއްވި މަޝްވަރާތަކުގައި މެކްރޯންގެ އެދިވަޑައިގަތުމަކަށް ޕޫޓިންވަނީ ޒަޕަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ޗެކްކުރުމަށްޓަކައި (އައިއޭއީއޭ) ގެ ފަންނީ ޓީމެއް އެތަނަށް ދިޔުމުގެ ހުއްދަ ދިނުމަށް ނިންމާފައި ކަމަށް ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭ އިން އިއްޔެ ނެރުނު ބަޔާނެއް ބުނެއެވެ.

ޔޫކްރެއިންގެ ޒަޕޮރީޖިޔާގައި ހުންނަ ނިއުކްލިޔާ ރިއެކްޓަރަކީ ޔޫރަޕްގައި ހުންނަ ނިއުކްލިޔާ ހަކަތަ އުފައްދާ އެންމެ ބޮޑު ނިއުކްލިޔާ މަރުކަޒެވެ. އެތަން ބިނާކޮށްފައިވަނީ ކުރީގެ ސޮވިއެޓް ޔުނިޔަން ގެ ދުވަސްވަރު އޭރުގެ ރޫސީވިލާތުންނެވެ. އޭރު ޔޫކްރެއިން އާއި ރަޝިއާ އޮތީ އިއްތިހާދީ އެއްގައުމުގެ ގޮތުގައެވެ.

ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ކުރާ ހަނގުރާމައިގާ ދެފަރާތުން ބަދަލުކުރި ހަމަލާތަކުގައި ޒަޕަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރުގެ ބައެއް އިމާރާތްތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ދެފަރާތުން ބަދަލުކުރި ހަމަލާތަކުގައި ރޭޑިއޭޝަން ބޭރުވޭތޯ ބެލުމަށް ބޭނުން ކުރާ އާލަތްތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.މިއާއެކު އެ ރިއެކްޓަރުން ނިއުކްލިޔާ ރޭޑިއޭޝަން ބޭރުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ނަމަވެސް ޒަޕަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރުގެ ކައިރީގައި އިންސާނުންގެ ސިއްހަތަށް ގެއްލުންވާ މިންވަރަށް ނިއުކްލިޔަ ރޭޑިއޭޝަން ނެތްކަން އެތަނުގައި މިހާރު ހުރި އާލާތްތަށް ބޭނުންކޮށްގެން ރަޝިއާއި ޔުކްރެއިންގެ ނިއުކްލިޔާ ތަޖުރިބާކާރުން ބެލި ބެލުމުން އެނގިފައިވެއެވެ.

ރަޝިއާ ސިފައިންގެ ބެލުމުގެ ދަށުން ޒަބަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރު ހިންގަނީ ރަޝިއާގެ އަތްދަށަށް އެތަން ދިޔުމުގެ ކުރިންވެސް އެތަން ހިންގަމުން ގެންދިޔަ ޔުކްރެއިންގެ ނިއުކްލިޔާ އިންޖިނޭރުންނާއި ފަންނީ މީހުންނާއި އިދާރީ މީހުންނެވެ.

ޒަޕަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރަކީ 5،700 މެގަވޯޓުގެ ކަރަންޓް އުފައްދާ ނިއުކްލިޔާ ޕްލާންޓެކެވެ. ޒަޕޮރީޖިޔާ ރިއެކްޓަރުގެ ކައިރީގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް އދ. ންނާއި ޔޫރަޕްގެ ގައުމުތަކުންވަނީ ގޮވާލާފައެވެ. އެދެފަރާތުން ގެންދަނީ މިކަމާމެދު ކަންބޮޑުވާކަން ހާމަ ކުރަމުންނެވެ.

ނަމަވެސް ޔުކްރެއިން އާއި ރަޝިއާއިންވެސް ހަމަލާތައް ހުއްޓާލަން އެއްބަހެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ޔުކްރެއިންގެ ރައީސް ވްލަޑީމީރު ޒެލެންސްކީ ވަނީ ރަޝިއާއިން ހަމަލާތައް ހުއްޓާލައިފިނަމަ ޔުކްރެއިންވެސް ހަމަލާތައް ހުއްޓާލާނެކަމަށް ވިދާޅުވެފައެވެ.

ޔުކްރެއިންގެ މި ހުށަހެޅުމާބެހޭގޮތުން ފަރަންސޭސި ރައީސް ޕޫޓިން އާ މަޝްމަރާ ކުރެއްވި ނަމަވެސް، އެކަމަށް އެއްބަސްވެ ވަޑައިގަތުމުގެ ބަދަލުގައި ޕުޓިން އެއްބަސްވެ ވަޑައިގެންނެވީ ޒަޕަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ޗެކްކުރުމަށްޓަކައި އައިއޭއީއޭ ގެ ފަންނީ ޓީމެއް އެތަނަށް ދިޔުމުގެ ހުއްދަ ދިނުމަށެވެ. ނަމަވެސް ޕޫޓިންވަނީ ހަމަލާތައް ހުއްޓާލުމަށްޓަކައި އިތުރަށް މަޝްވަރާ ކުރެވިދާނެކަމަށް ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ މިހާރު ގެންދަނީ ޒަޕޮރީޖިޔާ ނިއުކްލިޔާ ރިއެކްޓަރުން އުފައްދާ ކަރަންޓުން ޔޫކްރެއިނުގެ މައި ކަރަންޓް ވިއުގަ ވަކިކޮށް، އެ ރިއެކްޓަރުން އުފައްދާ ކަރަންޓުން ޔޫކްރެއިން މަހުރޫމު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހެން ހަދައިފިނަމަ ޔޫކްރެއިން އަށް ކަރަންޓްގެ ވަރަށް ބޮޑު ދަތިކަމެއް ފޯރާނެއެވެ.

ޔޫކްރެއިންއަށް ބޭނުންވާ ކަރަންޓްގެ ބޮޑު ބައި އުފައްދަނީ ނިއުކްލިޔާ ހަކަތައިންނެވެ. ނިއުކްލިޔާ ހަކަތައިން އުފައްދާ ކަރަންޓްގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޒަބަރޫޖިއާ ނިއުކްލިޔާ ރިއެކްޓަރުންނެވެ. އެތަނުން ފަސްހާސް ހަތްސަތޭކަ މެގަވޯޓުގެ ކަރަންޓް އުފައްދައެވެ.

އެމެރިކާ ދޭ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިންގެ ސިފައިން ގެންދަނީ ރަޝިއާގެ އަތްދަށުގައިވާ ޔޫކްރެއިންގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެހަމަލާތަކުގައި ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށްވެސް އެމެރިކާ އާއި ޔުކްރެއިން ބުނެއެވެ. ނަމަވެސް ރަޝިއާގެ ސިފައިން ފަހަތަށް ޖެއްސުމުގައި ޔޫކްރެއިން ސިފައިންނަށް އަދިވެސް މާބޮޑު ކާމިޔާބެއް ނުލިބެއެވެ. އަނެއްކޮޅުން ރަޝިއާގެ މިސައިލް ހަމަލާތަކުގައި ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށްދަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ޔޫކްރެއިން ގެންދަނީ ރަޝިއާ ސުލްހައިގެ ވާހަކަ ދައްކައިގެން ރަޝިއާގެ ކަންބޮޑުވުންތަކަށް އިޖަބަ ދީގެން ހަނގުރާމަ ހުއްޓާލުމަށް ކަނޑައެޅިގެން ދެކޮޅު ހަދަމުންނެވެ. އޭގެބަދަލުގައި ޔޫކްރެއިން ބޭނުންވަނީ ޔޫކްރެއިން ހަނގުރާމައިން ރަޝިއާގެ އެއްވެސް މަގްސަދެއް ހާސިލް ވިޔަނުދީ ރަޝިއާ އަސްކަރީގޮތުން ބަލިކޮށްގެން ޔޫކްރެއިން އިން ފައިބަން ރަޝިއާއަށް މަޖުބޫރު ކުރުމަށެވެ. ޔުކްރެއިންގެ މިނިންމުމުގެ ފަހަތުގައިވާ ކަމަށް ބެލެވެނީ އެމެރިކާއެވެ.