ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހާއި ޖެހިގެން އައި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންނަށް އަނިޔާ ލިބިފައިވާ ކަމަށާއި އަނިޔާތަކުގެ މައްސަަލަ އިންޓާނޭޝަނަލް ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅުއްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އައިޕީޔޫގެ އަހަރީ ބައްދަލުވުމަށް އީވާ އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ ވެބްސައިޓުގައި ބުނަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަޖިލިސް މެންބަރުންނަން ލިބުނު އަނިޔާތަކުގެ އިތުރަށް ފުލުހުންގެ ފަރާތުން ލިބޭ އަނިޔާތަކުގެ މައްސަލަތައް އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވާނޭ ކަމަށެވެ.

މިއީ އައިޕީޔޫގެ 126 ވަނަ އަހަރީ ޖަލްސާ އެވެ. ޔުގެންޑާގައި ބާއްވާ އެ ޖަލްސާއަށް އީވާގެ އިތުރުން މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ އާއި ޑީއާރްޕީ އަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ބައިވެރިވެވަޑައިގަންނަވަ އެވެ.

އައިޕީޔޫގެ އަކީ 1976 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުގެ މަޖިލިސް މެންބަރުންގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން އުފެއްދި ކޮމިޝަނެކެވެ.