20 Aug 2022, 01:10
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑިއުޓީ ގަޑި ނިމުމުން މިހާރު ރަށަށް ދެވޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ އަދި ރައްޔިތުންގެ އަޑު ވަރަށް ކައިރިން އަހާ ސަރުކާރެއް ކަމަށެވެ.
"މިހާރު ރިސޯޓު މުވައްޒަފުންނަށް ނައިޓަށް އެމީހުންގެ އާއިލާ ކައިރިއަށް ދެވޭ،" ނަޝީދު ވިދާޅުވިއެވެ.
ރިސޯޓު މުވައްޒަފުންނަށް ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހެދުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް 2020 ވަނަ އަހަރުގެ އޮގަސްޓު މަހު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.
ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް ވަޒީފާދޭ ފަރާތުން މުވައްޒަފަށް ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
އޭގެ އިތުރުން ވަޒީފާ އަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.
އެ އިސްލާހު މަޖިލީހުން ފާސްކުރީ 61 މެމްބަރުންގެ ވޯޓުންނެވެ. އަދި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ އިސްލާހު ތަސްދީގުކުރެއްވިއެވެ.
ރިސޯޓު މުވައްޒަފުންނަށް ވަޒީފާ އަދާކުރުމަށްފަހު "ނައިޓް"އަށް މިހާރު ދެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން އަންނަނީ ވަޒީފާ އަދާ ކުރުމަށް ފަހު ނައިޓަށް ރަށަށް ނުދެވޭ ކަމުގެ ކަންބޮވުން ފާޅުކުރަމުންނެވެ.