20 Aug 2022, 00:49
ޒީރޯ ޓޮލަރެންސްގެ މާނަ މިހާރު އޮޅިފައިވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މިރޭ ބޭއްވި 'ހަވާލޭ ވަތަން' ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް މުޅި ދައުލަތް މިހާރު ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައިވާ ކަމުގެ ތުހުމަތު އެމަނިކުފާނު ކުރެއްވިއެވެ.
"މި އެބަޖެހޭ އުރުދޫ ބަހަށް ނުވަތަ ހިންދީ ބަހަށް ބަދަލުކުރަން. ކޮބައިތޯ ޒީރޯ ޓޮލަރެންސްއަކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 2021 ވަނަ އަހަރު ސީޕީއައި އިންޑެކްސް ނުވަތަ ކޮރަޕްޝަން އިންޑެކްސްއަށް ބަލާއިރު، 187 ގައުމުގެ މައްޗަށް ހަދާފައި އޮތް އެ ދިރާސާގައި ރާއްޖެ އަދިވެސް ލައްވާލަނީ އެންމު ފުލުން ހަތަރު ވަނަ ޕަސަންޓައިލްގެ ތެރޭގައި ކަމަށެވެ. އެއީ އެންމެ ފުލުގައި އުޅޭ ސައްތައިން 40ގެ ތެރޭގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހަމައެއާއެކު، ކޮރަޕްޝަނުގެ މިސާލެއްގެ ގޮތުން، 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮބްޒާވްކުރަން އައި ކޮމަންވެލްތްގެ އޮބްޒާވާ ގްރޫޕްގެ ރިޕޯޓު ބަލަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ހަވާލޭ ވަތަން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ޢަބްދުﷲ އަބީދު
އެ ރިޕޯޓުގައި ދައުލަތުގެ ވެރިން، ދައުލަތުގެ މުއައްސަސާތަކާއި މުދަލާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ބަރުލަމާނީ އިންތިޚާބަށް ބޭނުންވާ ހުރިހާ ކަމެއް ކުރިކަމަށް ލިޔެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ދެން މި ފެންނަނީ މިހާރުގެ އިންތިޚާބުތައް. ވަޒީފާއެއް ނުއުފެއްދޭ. އެހެން ނަމަވެސް ގޮނޑިއެއް ހުސްވެއްޖެނަމަ ފެނަކައިންނާއި ސްޓެލްކޯއިންނާއި އެދާއިރާގަ ވަޒީފާތައް އުފެދިގެންދޭ. އުފައްދާ އެބަ ވަޒީފާތައް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ތިބީ ނުކުޅެދިފައި. ނޫނީ އެތިބީ ލޯ މަރާލައިގެން. ކަންފަތް ބައްވެފަ އެތިބީ. ކޮރަޕްޝަން ބެލޭނެ މުއައްސަސާއެއް ދިވެހި އުޑުދަށުގަ ހުރި ކަމަކަށް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީ މައްސަލަ ނުބެލި ދިގުލައިގެން ދާތީ އެމަނިކުފާނު ވަނީ ސަރުކާރަށް ސުވާލުތައް އަމާޒުކުރައްވާފައެވެ.
"ކޮން ބަޔެއްގެ ނަން އެމްއެމްޕީއާރުސީގެ ލިސްޓު އޮވެގެންތޯ މީތި މާ ބޮޑަށް މި ސިއްރު ކުރަނީ،" ރައީސް ޔާމީން އެއްސެވިއެވެ.
އެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓުން އެއްވެސް މީހަކު އުނިނުކޮށް ރައްޔިތުންނަށް ލިސްޓު ހާމަކުރަން ވެސް އެ މަނިކުފާނު މިރޭ ގޮވާލެއްވިއެވެ.
މިރޭ ޕީޕީއެމްއިން ބޭއްވި 'ހަވާލޭ ވަތަން' ޖަލްސާގައި ރައީސް ޔާމީން -- ސަން ފޮޓޯ/ ޢަބްދުﷲ އަބީދު
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހުކުމްކުރިއެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކުރާށެވެ. ނަމަވެސް އޭގެ ފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރަން އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިހާރު ދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ އިތުރު ދައުވާތަކެއްގެ މައްސަލަތައް ވެސް ބަލަމުންނެވެ. އެއީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމަގައާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމަށް ކުރިއަށްގެންދިޔަ މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކޮށްފައިވާ ދައުވާތަކެކެވެ.