ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ސިޔާސީ ޕާޓީތައް އަންނަ އަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީއާ އެއްކޮށް ތިބޭނެ ކަމަށް ދެކުމަކީ އަވާމެންދުރެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ރައީސް ނަޝީދު ވިދާޅުވީ މިއީ 2018 ވަނަ އަހަރު ނޫން ކަމަށެވެ. އެ އަހަރުގެ އިންތިހާބާ ކުރިމަތިލިއިރު ވާދަވެރި ހުރިހާ ލީޑަރުން ތިބީ ހައްޔަރުކޮށްފައި ކަމަށާއި ނަމަވެސް އެމްޑީޕީގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާންކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އަނެއްކާވެސް ހޯއްދަވައިފި. އަޅުގަނޑުމެން އިއްތިހާދުގެ ހުރިހާ ލީޑަރުން އެތިބީ މިނިވަންކޮށް. އެބޭފުޅުން އެގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން. އެއީ ވާދަވެރި ސިޔާސީ ހަރަކާތް އަޅުގަނޑުމެން ވެސް އެދޭ ގޮތް. އަދި އަޅުގަނޑުމެންވެސް މަސައްކަތް ކުރާނެ ގޮތް،" ނަޝީދު ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަނާ ބެހޭ ގޮތުން ރައީސް ނަޝީދު އެ މޭރުމުން ވާހަކަދެއްކެވި އިރު، އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެނޑިޑޭޓަކު ނެރޭނެކަމަށް ބުނެފައެވެ. އަދި އިންތިހާބަށް ނުކުންނާނީ އެ ޕާޓީ އެކަނިތޯ ނުވަތަ ކޯލިޝަނަކުންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސްއިން ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެންބަރުން އެއްކޮށް ތިބެގެން ނޫން ގޮތަކަށް ޕާޓީއަށް ކާމިޔާބެއް ނުހޯދޭނެ ކަމަށެވެ. އަދި އެކަން ޕާޓީގެ ހުރިހާ މެންބަރުން ވެސް ގަބޫލުކުރާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު، ހުރިހާ މެންބަރުން އެއްކޮށް މަސައްކަތް ނުކޮށްފިނަމަ އެ ޕާޓީއަށް ވޯޓު ލިބޭ މިންވަރު މަދުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީއަށް ތާއީދު ކުރާ އަދި އެމްޑީޕީ ދެކެ ލޯބިވާ މީހުން ދެކޭ ގޮތާއި އެމީހުންގެ އިހުސާސްތަކާއި އުއްމީދުތަކަށް ގޮންޖަހައި ކުރިއަށް ގޮސްގެން އެ ޕާޓީއަށް ލިބޭނެ ކާމިޔާބީއެއް ނޯންނާނެއެވެ.

"މިހެން ކަމުން އިއްޒަތްތެރި ރައީސް، ރައީސް އަރިހުން އަޅުގަނޑު މިރޭ އެދެނީ މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ކުރިއަށް ވަޑައިގެންނެވުން. އެމަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޮބަހެއްޓުމާއި ހިފެހެއްޓުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށާއި އެމްޑީޕީއަކީ ބަދަލުގެ ތެރެއިން ހައްލު ހޯދައިދޭނެ ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދިގެން އައި އެންމެ ބޮޑު ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. އަދި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި ވެރިކަން ކުރާ ވައްޓަފާޅި ބަދަލުކުރަން ޕާޓީގެ ބައެއް މެންބަރުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޕާޓީގެ އެއް ބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލު ނެތް ކަމަށް. ވެރިކަން މިކުރަމުން ގެންދާ ގޮތަށް އަޅުގަނޑުމެން ކުރަމުން ގެންދާންވީ ކަމަށް. ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާން ޖެހޭ ކަމަށް މި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި އަދި އެ ވެރިކަމުގެ ވައްޓަފާޅިވެސް އަދިވެސް ބަދަލުވާން ޖެހޭ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ވެގެންދާނީ ޕާޓީގެ މައްސަލަތައް ހައްލުކުރެވޭ އަދި އެ ޕާޓީން ބޭނުންވާ ބަދަލު ގެނެވޭނެ ކޮންގްރެސްއަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް މިރޭ ފަށައިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތަކާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނަޝީދު ހުށަހެޅުއްވި ގަރާރާ މެދު ވެސް ކޮންގްރެސްގައި ގޮތެއް ނިންމާނެއެވެ.