19 Aug 2022, 22:26
އެމްޑީޕީގައި ޚިޔާލު ތަފާތުވުންތަކަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށާއި ނަމަވެސް ޚިޔާލު ތަފާތުވުންތަކާއެކު ވެސް ކުރިއަށް ދާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި މިރޭ ރައީސް ވިދާޅުވީ އެ ޕާޓީއަކީ އަބަދުވެސް ޚިޔާލު ތަފާތުވުންތަކާއި ތަފާތު ޚިޔާލުތަކަށް ވެސް ޖާގަ އޮންނަ ޕާޓީއެއް ކަމަށެވެ.
"އެކަކު ވިސްނާ ގޮތަށް އަނެއް މީހާ ނުވިސްނަފާނެ. އެކަކުގެ ޚިޔާލު އަނެއް މީހާގެ ޚިޔާލާ ތަފާތުވެސް ވެދާނެ. އެމްޑީޕީން އެ ހުރިހާ ކަމަކަށްވެސް ޖާގަ ދޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިޔާލުތަފާތުވުންތަކާއި ތަފާތު ޚިޔާލުތައް ހުރި ނަމަވެސް އޮތް ހަމައެކަނި ގޮތަކީ އެ ޚިޔާލު ތަފާތުވުންތަކާއެކު ވެސް ކުރިއަށް ދިއުން ކަމަށެވެ.
މިރޭގެ ކޮންގްރެސްގައި ރައީސް ވަނީ އެމްޑީޕީއަކީ، ހުރިހާ ސިނާއަތްތަކެއްގައި ވެސް މަސައްކަތް ކުރާ ދިވެހި ހުރިހާ ރައްޔިތުންގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމްޑީޕީ އުފެދިގެން އައީ އުސޫލުތަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް ކަމަށާއި އޭގެ ތެރޭގައި އޭރު ރާއްޖޭގައި އޮތް ބޭއިންސާފާއި ލައިންސަނިއްޔަތާއި އަނިޔާވެރިކަން ބަދަލުކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީ މިހާރު އޮތް ހިސާބަށް ވާސިލުވެވުނުއިރު، ލައްކަ ތުރާލާއެކު ގިނަ ކަންކަން ހާސިލުވެފައިވާ ކަމަށާއި އަދި ހާސިލުކުރަން ބޭނުންވެ އަދި ހާސިލު ނުކުރެވޭ ކިތަންމެ ކަމެއްވެސް އެބަހުރި ކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީ އަބަދުވެސް ވާން ޖެހޭނީ އިސްލާމީދީނުގެ މަގުން ހިނގާ އަދި ގައުމިއްޔަތަށް ފަރުވާ ބަހައްޓާ ޕާޓީގެ އަސާސުތަކާއި ގަވައިދުތަކަށް އަމަލުކުރާ ޕާޓީއަކަށް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް މިރޭ ފަށައިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތަކާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރާއި މެދު ވެސް ގޮތެއް ނިންމާނެއެވެ.