19 Aug 2022, 21:29
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމަށް ދީފިއެވެ.
ރައީސް ޔާމީނަށް އެ ޓިކެޓް ހަވާލުކޮށްފައިވަނީ އެ ޕާޓީން މިރޭ ބޭއްވި 'ހަވާލޭ ވަތަން' ޖަލްސާގައެވެ. އެ ޖަލްސާގައި ރައީސް ޔާމީނަށް ޓިކެޓު ހަވާލު ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލުވާ ގޮތަށެވެ. އެގޮތުން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ކޮންމެ ރަށަކުން ރައްޔިތުން ތަމްސީލުކުރާ މަންދޫބެއް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގައި ވަނީ ބައިވެރިވެފައެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ވަނީ ނިންމާފައެވެ.
ސެނެޓުގެ އެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަކަށް ރައީސް ޔާމީން ޕްރައިމަރީއަކާ ނުލައި ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޮޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ
ނަމަވެސް އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ޓިކެޓު ދިނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި އެކަމަށް އެހެން ޕާޓީތަކުން ފާޑުކިޔަން ނުޖެހޭނެ ކަމަށާއި އެ ޕާޓީތަކުން އެކަމަށް ފާޑުކިޔަނީ ރައީސް ޔާމީނަށް ޖެހިލުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ.
އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާއަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.
އާރަށުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާ ކުރިކަން ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް 2019ގައި ހުކުމްކުރިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރަން ނިންމިއެވެ.