މަގަކީ އެންމެންގެ ވެސް ތަނެކެވެ. އެހެންކަމުން މަގުގެ ބޭނުންކުރާ ކޮންމެ މީހަކަށް ވެސް އެތަނުން ސަލާމަތާއި ރައްކާތެރިކަން ލިބިދޭން ޖެހެ އެވެ. ނަމަވެސް ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ހިނގައި ބިނގާވެ އުޅޭ މީހުންނަށް ނުރައްކާވާގޮތަށް އެއްޗެހި ދުއްވުން ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ.

މަގުތަކުން އަމާންކަން ލިބިދޭން ޖެހޭއިރު މާލޭގެ މަގުތައް މަތީގައި ބަރުގޮނު އަޅަމުން ބާރު ސުޕީޑެއްގައި ދުއްވާ ސައިކަލުތަކުގެ ސަބަބުން މަގެއްގެ މަތީގައި ސައިކަލެއް ދުއްވާލަން ޖެހިލުންވި ކިތަންމެ ބަޔަކު އުޅޭނެ ކަން ކަށަވަރެވެ. ބޮޑެތި ގޭންގު ހަދާލައިގެން ބަރުގޮނު އަޅަމުން ސައިކަލުތައް ދުއްވަމުން ދާއިރު މަގު ހުރަސް ކޮށްލަން ވެސް ނުކެރިފައި ހުރެވޭ ފަހަރު މަދެއް ނޫނެވެ.

ނަމަވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މިފަދަ އަމަލުތައް ހުއްޓުވައި މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމުގެ މަސައްކަތް މެކުހަށް ޖަހައިފަ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލު އިބްރާހިމް ހަނީފް ވިދާޅުވީ މާލެ އަމާން ތަނަކަށް ހަދައި މާލޭގެ މަގުތައް އަމާން ތަނަކަށް ހެދުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. އަދި ފުލުހުން މިއަހަރު ފަށާފައިވާ އޮޕަރޭޝަނަކީ މި އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ އޮޕަރޭޝަނަލް ލިސްޓްގައި ހިމެނޭ ރޯޑް ސޭފްޓީގެ ދަށުން ފަށާފައިވާ އޮޕަރޭޝަނެއް ކަމަށާއި އަދި އެ އޮޕަރޭޝަނުގެ ދަށުން ވެހިކަލްތައް ޗެކްކޮށް ބާރަށް ދުއްވާ ވެހިކަލްތައް ބަލައި ޗެކް ކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ހުރިހާ ފަހަރެއްގައި ވެހިކަލް ޓޯ ކުރަނީ އެއް ނޫން. އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންގޮސް ފުރަތަމަ ނަސޭހަތްތެރިވަން. އެހެންނަމަވެސް ނުރައްކާކޮށް ދުއްވާ އުޅަނދުތައް ޓޯ ކުރެވޭނެ، އަޅުގަނޑުމެންގެ ޓޯޔާޑުގައި ކެޕޭސިޓީ ހުރި ވަރަކުން. ޓްރެފިކް ގަވާއިދާއި ހިލާފަށް ދުއްވާ ފަރާތްތަކުގެ ލައިސަންސާ މެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ފިޔަވަޅު ވެސް އެޅޭނެ،" ހަނީފް ވިދާޅުވި އެވެ.

ރޯޑް ސޭފްޓީ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން އާއްމުކުރި ރިޕޯޓުތަކުން ދައްކާގޮތުން ނަމަ މާލޭގެ އެކި ސަރަހައްދުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޖަހައި މިހާތަނަށް 300 އަށް ވުރެ ގިނަ ވެހިކަލް ވަނީ ޗެކްކޮށްފަ އެވެ. އަދި އޭގެ ތެރެއިން 14 މީހެއްގެ ޑްރައިވިން ލައިސަންސާ މެދު ފިޔަވަޅު އަޅައި، ނުރައްކާކޮށް ދުއްވި 6 ވެހިކަލެއް ވަނީ ޓޯކޮށްފަ އެވެ.

ހަނީފް ވިދާޅުވީ ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓުތަކުން ވެސް މި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ މި ހާއްސާ އޮޕަރޭޝަނުގެ ދަށުން މާރާމާރީ އާއި ޑްރަގް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ފަށާފައިވާ ރޯޑް ސޭފްޓީ އޮޕަރޭޝަނުގެ މަގުސަދަކީ ރައްޔިތުން ކުށްވެރިކޮށް ފިޔަވަޅު އެޅުން ނޫން ކަމަށާއި ފުލުހުންގެ މަގުސަދަކީ މާލެއަކީ އެންމެނަށް ވެސް ހުރިހާ ގޮތަކުން އޮމާން އަމާންވެއްޓަކަށް ހަދައިދިނުން ކަމަށް ހަނީފް ވިދާޅުވި އެވެ. އަދި އެ މަގުސަދުގެ ދަށުން މިފަހަރު ފަށާފައިވާ އޮޕަރޭޝަންތައް މެދު ނުކެނޑި ކުރިއަށް ގެންގޮސް މާލޭގައި ކުށްކުރުން މަދުކުރެވޭނެ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

"އާއްމުން ހޭލުންތެރިކޮށް އެންމެހާ މަގުތަކަކީ ރައްޔިތުންނަށް ސަލާމަތްތެރި އަމާންތަނަކަށް ހަދަން އަޅުގަނޑުމެން ބޭނުންވަނީ. ރައްޔިތުންނަށް އުނދަގޫކޮށް ދުއްތުރާކުރާކަށް ނޫން،" ހަނީފް ވިދަޅުވި އެވެ.
މާލޭގެ މަގުތަކީ ހާއްސަކޮށް މީހުން ނިކުމެ އުޅުމަށް ރައްކާތެރި ތަނަކަށް ހަދަން ޖެހެ އެވެ.