ރާއްޖޭގައި އޮތް އެންމެ ވާދަވެރި ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޕީޕީއެމްއިން މިރޭ ބޮޑު ދެ ހަރަކާތް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިރޭ ބާއްވާ އިވެންޓުތަކުގެ ތެރެއިން ޕީޕީއެމްއިން "ހަވާލޭ ވަތަން"ގެ ނަމުގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 20:30ގައެވެ.

އެ ޖަލްސާއަކީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށްޓަކައި ބާއްވާ ހާއްސަ ޖަލްސާއެކެވެ.

ރައީސް ޔާމީނަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުކަމަށް ކަނޑައަޅާފައިވަނީ އެ ޕާޓީގެ ސެނެޓުން މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ.

ހަމައެއާއެކު، ސެނެޓުގެ އެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ހާއްސަކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ މަގުސަދުގައި މިރޭ ބައްވާ ޖަލްސާގެ ތައްޔާރީތައް މީގެ ތިން ވަރަކަށް ދުވަސް ކުރިން ވަނީ ފަށާފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.

އެގޮތުން އަސުރުމާ ކުލައިގެ ދިދަތަކުން ޖަލްސާ ބާއްވާ ކާނިވާ ވަނީ ޖަރީކޮށްފައެވެ. މިރޭގެ ޖަލްސާގައި ބައިވެރިވުމަށް މާލެއިން ބޭރު ރަށްރަށުން ވެސް މީހުން ވަނީ އައިސްފައެވެ.

ޕީޕީއެމްއިން މިރޭ ބައްވާ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ރައީސް ޔާމީން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކާނިވާ ސަރަހައްދަށް ވަޑައިގެންފައެވެ.

ސިޔާސީ ބޮޑު ރެޔެއްގެ ގޮތުގައި މިރޭ ފާހަގަކޮށްލެވޭއިރު އެމްޑީޕީއިން މިރޭ ބާއްވާ ކޮންގްރެސްއަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ބޮޑު އެއްވުމުގެ ގޮތުގައި ޕާޓީގެ އިސްވެރިން ވަނީ ސިފަކޮށްފައެވެ.

އެޕާޓީގެ ކޮންގްރެސް މިރޭ 20:30ގައި ސޯޝަލް ސެންޓަރުގައި ފަށާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ކޮންގްްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ މިވަގުތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ.

އޭގެ ފަހުންވެސް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ގަނައުމަށް އެ ޕާޓީގެ މެމްބަރުންނާއި އެހެން ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން އިދިކޮޅު އެހެން ހުރިހާ ސިޔާސީ ލީޑަރުންވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ.

އެމްޑީޕީން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެ ކޮންގްރެސްގައި އެހެން ކަންކަމާ ގުޅޭ ގޮތުންވެސް ވާހަކަދައްކައި ބޮޑެތި ނިންމުންތަކެއް ނިންމާނެއެވެ. އެ ކޮންގްރެސްގައި 1178 މީހުން ބައިވެރިވާ އިރު އެކި ރަށްރަށުން ދާއިރާތައް ތަމްސީލުކުރާ ގިނަ ބަޔަކު ވަނީ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މާލެ އައިސްފައެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ބޮޑު ދެ ހަރަކާތް މިރޭ އޮންނަ އިރު، މާލޭ ތެރެއިން ފެނިގެންދަނީ ހަލަބޮލިކަމެވެ.