އިސްލާމްދީނުގެ ނަޒަރުގައި އިންސާނުންގެ ނަފްސަކީ ވަރަށް ހުރުމަތްތެރިވެގެންވާ އެއްޗެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ހައްގަކާ ނުލާ އިންސާނަކު ގަތުލު ކުރުމަކީ އެންމެ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. ނަމަވެސް މިއަދުގެ މުޖުތަމައުގައި މިފަދަ ބޮޑު ފާފައަކަށް އަރައިގަތުން ދެކެނީ ކުޑަކުޑަ އަމަލެއްގެ ގޮތުގައެވެ. ނުހައްގުން އެންމެ ނަފުސެއް ވެސް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުން ފަދަ ނުބައިކަން ބޮޑު އަމަލެއްކަމުގައި ޚުތުބާގައި ބުންޏެވެ.

އެގޮތުން ﷲ ވަހީކުރައްވާފައި ވަނީ ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައި ނޫން ގޮތަކަށް ނަފުސެއް މަރައިފި މީހަކު އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ ނުމަރާ ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުއްވިފަދައެވެ. ހައްގަކާ ނުލާ މީހަކު މަރައިފިނަމަ ގިޞާސް ހިފަންޖެހެއެވެ.

ޚުތުބާގައި ބުނީ ދިރިހުރުމުގެ ހައްގަކީ އިންސާނާގެ އެންމެ އަސާސީ ހައްގުކަމަށެވެ. އެގޮތުން ނުހައްގުން މީހުން މެރުމާއި މީހުންގެ ނަފުސަށް ގެއްލުން ދިނުން ހުއްޓުވުމަށް އޮތް ނިހާއީ ހައްލަކީ އިލާހީ ޝަރީއަތް ތަންފީޒުކޮށް، ގިޞާސް ހިފުމުންކަމަށް ޚުތުބާގައި ބުންޏެވެ.

ﷲއަށް ބިރުވެތިވެ ތަގުވާވެރިވުމަށާއި، އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަންކަމަށް އަރައި ނުގަތުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި ހަވާ ނަފުސަށް ހެއްލި، ނަފުސު އެދޭ ގޮތަށް ކަންކަން ނުކުރުމަށް ޚުތުބާގައި ގޮވާލިއެވެ.