29 Mar 2012, 13:23
ރާއްޖޭގެ ސުކޫލްތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރު އަލަށް ފެށި އިންޓަ ސުކޫލް ބީޗް ވޮލީ މުބާރާތުގައި ނުވަ ސުކޫލަކުން 20 ޓީމް ބައިވެރި ވެއްޖެ އެވެ.
ހެންވޭރުކޮޅުހައި ހަދާފައިވާ ދޮންވެލިގަޑު ބީޗް ވޮލީ ކޯޓުގައި މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައިވާ، މިމުބާރާތުގައި ބައިވެރިވި ނުވަ ސުކޫލަކީ، މަޖީއްދިއްޔާ ސުކޫލާއި ދަރުމަވަންތަ ސުކޫލާއި އަމީނިއްޔާ ސުކޫލާއި ހިރިޔާ ސުކޫލާއި މުހިއްދީން ސުކޫލާއި ގަލޮޅު މަދަރުސާ އާއި ވިލާ އިންޓަ ނޭޝަނަލް ހައި ސުކޫލާއި ސީއެޗްއެސްއީ އަދި ލާލޭ އިންޓަނޭޝަނަލް ސުކޫލެވެ.
އަންހެން ފިރިހެން ދެ ޖިންސް ވަކިކޮށް، ދެ އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ހަތަރު ޓީމް ބައިވެރިވިއިރު، ފިރިހެން ކުދިންގެ ބައިން ބައިވެރިވީ ފަސް ޓީމެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ފަސް ޓީމް ބައިވެރިވިއިރު، ފިރިހެން ކުދިންގެ ބައިން ބައިވެރިވީ ހަ ޓީމެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިލަށެވެ.